ގޯލްޑް ކަޕާއި އެފްއޭއެމް ޔޫތު ލީގާ ގުޅޭ ފުށުއެރުންތަކެއް!

Nov 7, 2024, 12:00 PM
ގޯލްޑް ކަޕާއި އެފްއޭއެމް ޔޫތު ލީގާ ގުޅޭ ފުށުއެރުންތަކެއް!

ނައިންޓީ ޕްލަސް އިން އިންތިޒާމްކުރާ، ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާއި އެފްއޭއެމް އިން މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްމޭޓްސް)އާ ގުޅިގެން ބާއްވާ އެފްއޭއެމް ޔޫތު ލީގާ ގުޅޭ ފުށުއެރުންތަކެއްގެ މައްސަލަތަކެއްގައި ގިނަ ބަޔަކު ޝުއޫރުފާޅުކޮށްފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އަލުން ވީހާވެސް ބޮޑަށް ގަދަ ކުރުމުގެ ބޭނުމުގައި "ގޯލްޑް ކަޕް"ގެ ނަމުގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ ފުޓްބޯޅަ މުބާރާތެއް ނައިންޓީ ޕްލަސް އިން އިއުލާނުކުރީ، ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން މީގެ އެއް މަަސް ކުރިންނެވެ.

އެފްއޭއެމްގައި ވެސް މަސައްކަތްކުރައްވާފައިވާ، ޕްރޯ ލައިސަންސް ކޯޗު، މުހައްމަދު ޝާޒްލީ (ޝާޒް) އާއި ޒުވާން ކޯޗު، އަލީ ނިސްތާރު މުހައްމަދު އިސްވެ، މަސައްކަތްކުރާ ނައިންޓީ ޕްލަސް އިން އިއުލާނުކުރި ގޯލްޑް ކަޕްގައި ބައިވެރިވުމަށް ހުޅުވާލައި، މުއްދަތު ހަމަވިއިރު، 22 ޓީމެއް (ރަށެއް ނޫނީ ސިޓީއެއް) ވަނީ ބައިވެރިވެފަ އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅޭ ގޯލްޑް ކަޕް ތާވަލުކޮށްފައި އޮތީ، މި މަހު 20 އިން އަންނަ މަހުގެ 25 އާ ހަމައަށް ކުރިއަށްދާ ގޮތަށެވެ.

މި މުބާރާތަށް ގިނަ ރަށްތަކުން/ސިޓީތަކުން ތައްޔާރީތައް ފަށާފައިވާއިރު، މުބާރާތް އިންތިޒާމްކުރާ ނައިންޓީ ޕްލަސް އިން ވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއާ އެކު، އެއްބަސްވުމެއް ހަދައި، މުބާރާތުގެ މެޗުތަކާއި ޕްރީމެޗު ޝޯ އަދި ޕޯސްޓްމެޗު ޝޯ ގެނެސްދޭން ނިންމައިފަ އެވެ.

ރަސްމީކޮށް ގޯލްޑް ކަޕް އެންޑޯޒްކޮށް، ސޯޝަލް މީޑިއާގައި އެކަން އާންމުކޮށްފައިވާ ފުރަތަމަ ޑިވިޝަނުގެ ކްލަބަކީ، ކްލަބް ގްރީން ސްޓްރީޓްސް އެވެ.

ނައިންޓީ ޕްލަސްގެ ގޯލްޑް ކަޕަކީ އެފްއޭއެމާ ގުޅިގެން ކުރިއަށްދާ މުބާރާތެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިވަނިކޮށް، މީގެ ހުރި މައްސަލަަތަކެއް ނޫނީ ފުށުއެރުންތަކެއްގެ ކަންކަން ފެންމަތީވީ، އެފްއޭއެމް އިން އެމްއެސްއެމްއާ ގުޅިގެން، އެފްއޭއެމް ޔޫތު ލީގެއް ބާއްވަން ނިންމާފައިވާކަން އިއުލާނުކޮށް، އެ މުބާރާތުގެ ޝެޑިއުލް މިއަދު އާންމުކުރިއިރު، މީގެ ދެ ދުވަސް ކުރިން، ނެރުނު އެފްއޭއެމްގެ އިންޓާނަލް މެމޯއެއްގައި ހިމަނާފައިވާ ކަންތައްތަކެއްގެ ސަބަބުންނެވެ.

އެފްއޭއެމް އިން މިއަދު އިއުލާނުކުރި، އެފްއޭއެމް ޔޫތު ލީގުގެ ޝެޑިއުލްގައިވާ ގޮތުން، މި މަހުގެ 21 ވަނަ ދުވަހު، އެމްއެސްއެމާ ގުޅިގެން ބާއްވާ ޔޫތު ލީގު ފަށާނެ އެވެ. އެއީ 12، 14 އަދި 16 އަހަރުން ދަށަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތް ކުޅޭނީ ގަލޮޅު ދަނޑާއި ހެންވޭރު ދަނޑު އަދި ހުޅުމާލޭ ދަނޑުގައި ކަމަށް ވެސް އެ ޝެޑިއުލްގައިވެ އެވެ.

އެފްއޭއެމް އިން މި މަހު ފަސް ވަނަ ދުވަހު ފޮނުވި މެމޯގައި ހިމަނާފައިވާ އިބާރާތްތަކުން ދޭހަވާ އެއް ކަމަކީ، ގޯލްޑް ކަޕްގައި، މި މެމޯ ނެރުމާ ހަމައަށް، އެފްއޭއެމްގެ ބައިވެރިވުމެއް ނެތްކަމެވެ.

"މި އެސޯސިއޭޝަނާ އެއްވެސް ބައިވެރިވުމެއް ނެތި ކުރިއަށްދާ މުބާރާތްތަކާއި ލީގުތަކުގައި މި އެސޯސިއޭޝަންގެ ހުއްދައެއް ނުހޯދާ މި އެސޯސިއޭޝަންގެ އެއްވެސް މުވައްޒަފެއް، ރެފްރީއެއް، އަދި ކޯޗެއް ބައިވެރިނުވުމަށް ދަންނަވަމެވެ." ސޯޝަލް މީޑިއާގައި ލީކުވެފައިވާ، އެފްއޭއެމްގެ އިންޓާނަލް މެމޯގައި ލިޔެފައިވެ އެވެ.

ލީކުވެފައިވާ އެފްއޭއެމްގެ މި މެމޯއާ ގުޅިގެން، ގިނަ ފަރާތްތަކަކުން (ކުޅުންތެރިންނާއި ކޯޗުން) އަމިއްލަ ޝުއޫރުފާޅުކުރަމުން އަންނައިރު، ދިވެހި ފުޓްބޯޅަ މިހާރު އޮތް ނާޒުކު ހާލަތުގައި ފުޓްބޯޅައިގެ ފޯރި ނަގަހައްޓަން, އަމިއްލަ ފަރާތްތަކުން ކުރާ ކަންކަމުގައި އެފްއޭއެމުން ސަޕޯޓް ދިނުމަށް ވަނީ އެދިފަ އެވެ.

އަނެއް ބަޔަކު ދެކޭގޮތުގައި، މި ފަދަ މުބާރާތްތައް ބާއްވާއިރު، އެފްއޭއެމާ އެންމެ ފުރަތަމަ މަޝްވަރާކޮށްގެން ކުރިއަށްދިއުމަކީ މީގެ އެންމެ ރަނގަޅު ގޮތެވެ. ސަބަބަކީ އެއީ ފުޓްބޯޅައިގެ ބެލެނިވެރި ފަރާތްކަމުގައިވުމެވެ. އަދި އެފްއޭއެމް އިން އިސްވެ، ފުޓްސަލް މުބާރާތެއް ނުބޭއްވި ކަމުގައި ވިޔަސް، މުޅި ރާއްޖެ އަށް ބާއްވާ ފުޓްސަލް މުބާރާތްތައް ކުރިއަށްދަނީ ވެސް، އެފްއޭއެމާ މަޝްވަރާ ކުރެވިގެން ކަމަށްވާއިރު، ގަލޮޅު ދަނޑުގައި މި ފަދަ މުބާރާތް ހޯސްޓްކުރާއިރު، އެފްއޭއެމްގެ ބައިވެރިވުން މުހިންމު ކަމަށް ދެކޭ ފަރާތްތަކުން ވެސް ވަނީ ޝުއޫރުފާޅުކޮށްފަ އެވެ.

މި ކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން، "އަދަދު ސްޕޯޓްސް" އަށް ބުނީ، އެފްއޭއެމާ ގުޅިގެން، ގޯލްޑް ކަޕްގެ ކަންކަން ކުރިއަށްނުދާތީވެ، އެކަން ސްޕޯޓްސް މިނިސްޓްރީގެ ސަމާލުކަމަށް ވެސް އެފްއޭއެމުން ވަނީ ގެނެސްފަ އެވެ. އެއީ، މުބާރާތް އިއުލާނުކުރީ ސްޕޯޓްސް މިނިސްޓްރީ އާއި ނައިންޓީ ޕްލަސް އިން ބޭއްވި ބައްދަލުވުމަކަށް ފަހު ކަމަށްވާތީ އެވެ. އަދި މުބާރާތުގެ މެޗުތައް ތާވަލުކޮށްފައި އޮތީ، ގަލޮޅު ދަނޑުގައި ކަމަށްވާއިރު، އެއީ އެފްއޭއެމްގެ ވެސް ހަރަކާތްތައް ކުރިއަށްގެންދަން މިނިސްޓްރީން ދީފައިވާ ފެސިލިޓީ ކަމަށްވާތީ ކަން އެފްއޭއެމް އިން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ބެލެނިވެރި ފަރާތް، އެފްއޭއެމް މި ވަގުތު ހިނގަމުން އަންނަނީ، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާއިން އެކުލަވާލައިފައިވާ، ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުންނެވެ. އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެންނަން ފީފާއިން ނިންމީ، އެފްއޭއެމްގެ ރައީސަކަށް އެންމެ ފަހުން ހުރި، ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕް އިންތިހާ އަށް ފެއިލްވެ، އެސޯސިއޭޝަން ބަނގުރޫޓުވާ ހާލަތަށް ގޮސް، އިދާރީގޮތުން ވެސް ތަން ކުރިއަށްނުދާ ހާލަތަކަށް ގޮސްފައި އޮތުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox