ޔުނައިޓެޑް ވިކްޓަރީ އަތުން އީގަލްސް އަށް އުނދަގޫ މޮޅެއް

Jul 19, 2023, 2:52 PM
ޔުނައިޓެޑް ވިކްޓަރީ އަތުން އީގަލްސް އަށް އުނދަގޫ މޮޅެއް

ޔުނައިޓެޑް ވިކްޓްރީ އަތުން އުނދަގޫ މޮޅެއް ހޯދައި، ކުލަބު އީގަލްސް އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި މިއަދު ހަވީރު 2-1 އިން އީގަލްސް މޮޅުވުމުން އެ ޓީމަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. އެއް މެޗު މަދުން ކުޅެފައިވާ މާޒިޔާއަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.

މިއަދުގެ މެޗުގެ ކުރީކޮޅު އީގަލްސް އަށް ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އިބްރަހިމް މަހުދީ ހުސައިން ނަގައިދިން ހުރަހަކުން އަހުމަދު ރިޒުވާން (ރިޒޭ) ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. ރިޒޭ މަސައްކަތްކުރީ ޔޫވީގެ ކީޕަރު ބޯ މަތިން ބޯޅަ ގޯލަށް އޮއްސާލާށެވެ. އޭގެ މިނެޓެއް ފަހުން އިސްމާއިލް އީސަ (މެސީ) ނަގައިދިން ހުރަހަކުން ކުޑަ އޭރިއާ ކަނާ ދިމާލުގައި ހުރެފައި ރިޒޭ ފޮނުވާލި ބޯޅަ ކީޕަރު އަލީ ނާޖިހު ދިފާއުކުރި އެވެ.

ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި އީގަލްސް އިން ފޮނުވާލި ތިން ވަނަ ހަމަލާއަކީވެސް ރިޒޭ ފޮނުވާލި ބޯޅައެކެވެ. މަހުދީ އާއި ރިޒޭގެ ރަނގަޅު ކޮމްބިނޭޝަނެއް ފެނުނު މި ހަމަލާ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލީ ކީޕަރު ނާޖިހު އެވެ. އޭގެ ފަހުން ނެގި ކޯނަރުން އޭރިއާާ ތެރޭގައި ހުރެ ބޮލުން ރިޒޭ ފޮނުވާލި ބޯޅަވެސް ނާޖިހު މަތަކުރި އެވެ.

ގާތް ގާތުގައި އީގަލްސް އިން ފޮނުވާލި ގިނަ ހަމަލާތަކަށްފަހު ޔޫވީ އިން ކުރިއަށް ޖެހިލައި އެޓޭކްތައް ކުރެވޭތޯ ބެލި އެވެ. ނަތީޖާއެއްގެ ގޮތުން ފޯވާޑް ޝަނާން ރަޝާދު އަށް ދެ ފުރުސަތު ލިބުނެވެ. އޭރިއާ ތެރެއިން އަހުމަދު ބައްސާމް ދިން ބޯޅައެއް އޭނާ ފޮނުވާލަން އުޅެނިކޮށް އީގަލްސްގެ ޑިފެންޑަރުން މަތަކުރިއިރު، އޭރިއާ ބޭރުން ޝަނާން ފޮނުވާލި ބާރު ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އަނެއްކާވެސް އީގަލްސް އިން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. މިފަހަރު އޭރިއާ ރޮނގުމަތީގައި ކަހަލަ ގޮތަކަށްހުރެ މަހުދީ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އޭގެ ފަހުން ބިދޭސީ ކުޅުންތެރިޔާ ޖަހަންގީރް ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު އަތަށެވެ.

މިއަދުގެ މެޗު އިތުރަށް ފޯރިގަދަވީ އީގަލްސް އިން 35 ވަނަ މިނެޓުގައި ޖެހި ގޯލު ރެފްރީ އޮފްސައިޑް ކަމަށް ނިންމުމުންނެވެ. ލިބުނު ކޯނަރަކުން އެޓީމުން ތަނަވަސްކުރި ފުރުސަތެއްގައި އޭރިއާ ރޮނގުމަތީގައި ކަހަލަ ގޮތަކަށްހުރެ ރިޒޭ ބޯޅަ ކޮންޓްރޯލްކުރުމަށްފަހު ކައިރިއަށް އައި ޑިފެންޑަރު ކައިރިން ނައްޓާފައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އެ ބޯޅަ ގޯލަށް ދިޔައިރު ކީޕަރު ކުރިމަތީގައި އީގަލްސްގެ އިމްރާން ނަޝީދު އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ ނިންމީ އެ ގޯލު އޮފްސައިޑް ކަމަށެވެ. މި ނިންމުމަށް އީގަލްސްގެ ބެންޗުންނާ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

އީގަލްސް އިން މެޗުގެ ލީޑު ނެގީ 43 ވަނަ މިނެޓުގަ އެވެ. މަހުދީ އަރިމަތިން ނަގައިދިން ބޯޅައަކުން މި ގޯލު ޖަހައިދިނީ ރިޒޭ އެވެ.

ރިޒޭގެ ގޯލަށްފަހު އޭނާއަށް ލީޑު ފުޅާކުރަން ހުސް ފުރުސަތެއް ލިބުނެވެ. ޔޫވީގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ރިޒޭ ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ކީޕަރު ނާޖިހު ދިފާއުކުރި އެވެ.

ޔޫވީ އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތިޖާ ހަމަހަމަކުރި އެވެ. އޭރިއާ ބޭރުން ޝަނާން އަށް ލިބުނު ބޯޅައެއް ކޮންޓްރޯލްކުރުމަށްފަހު އޭނާ ފޮނުވާލި ބާރު ހަމަލާގޮސް އަމާޒުވީ ގޯލުގެ ކަނަށެވެ.

ދެވަނަ ހާފަށް އީގަލްސް ނުކުތީ ޖަހަންގީރުގެ ބަދަލުގައި ބިދޭސީ ފޯވާޑް އިވާން ކާލޯސް ކުޅެން އަރުވައިގެންނެވެ. މިހާފު ފެށިގޮތަށް އީގަލްސްގެ ކާލޯސް އާއި އީސައަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ކާލޯސް ބޮލުން ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު އީސަ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބޯޅަ ބްލޮކް ކުރީ ޔޫވީގެ ޑިފެންޑަރުންނެވެ.

އޭގެ ފަހުން މަހުދީ ދިން ޕާހަކުން ރިޒޭ ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު ނާޖިހު އަތަށެވެ. ކާލޯސް އާއި އީސައަށް މިހާފުގައި ލިބުނު އިތުރު ފުރުސަތުތަކުގެ ބޭނުންވެސް ނުކުރެވުނީ އެބޯޅަތައް ގޯލާ އަމާޒުނުވުމުންނެވެ.

ކީޕަރު ނާޖިހު ގިނަ ސޭވްތަކެއް ކުރި މި މެޗުގެ 72 ވަނަ މިނެޓުގައިވެސް މަހުދީ ބާރު ހަމަލާއެއް ފޮނުވާލި އެވެ. އަރިމަތިން ލިބުނު ބޯޅައަކާއިއެކު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ކީޕަރު ނާޖިހުވަނީ ގޯލުގެ ކަނަށް ވަންނަން ދަނިކޮށް ދިފާއުކޮށްފަ އެވެ. އޭގެ ފަހުން އޭރިއާ ތެރޭގައި ހުސްކޮށް ހުރެ އީސަ ފޮނުވާލި ބޯޅަވެސް ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އީގަލްސްއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ މެޗު ނިމެން ދިހަ މިނެޓަށްވެފައިވަނިކޮށެވެ. ނިޝާމް މުހައްމަދު ދިން ބޯޅައަކުން މި ގޯލު ޖަހައިދިނީ މަހުދީ އެވެ.

އީގަލްސްގެ ގޯލަށްފަހު ދެ ޓީމަށްވެސް ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތުތައް ނުލިބެ އެވެ. އަނެއްކޮޅުން އީގަލްސްގެ ކުޅުންތެރިންނަށް ފަރުވާ ދިނުމަށް ގިނަ ވަގުތު މެޗު މެދު ކަނޑާލަން ޖެހުނެވެ.

ޔޫވީ އިން މެޗު ނިންމާލަން ޖެހުނީ ދިހަ ކުޅުންތެރިންނާއިއެކުގަ އެވެ. އެއީ އެޓީމްގެ މުހައްމަދު ރީހަނަށް މެޗުގެ އިތުރު ވަގުތުގައި ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑެއް ދެއްކުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox