ވިނީޝިއުސް އަށް އޮތް ލޯބި ދައްކާލިިއިރު، ރެއާލް ދެ ވަނަ އަށް

May 25, 2023, 3:21 AM
ވިނީޝިއުސް އަށް އޮތް ލޯބި ދައްކާލިިއިރު، ރެއާލް ދެ ވަނަ އަށް

މެޑްރިޑް (މެއި 25) - ނަސްލީ ގޮތުން ދިމާކޮށްލި ވިނީޝިއުސް ޖޫނިއާ އަށް ރެއާލް މެޑްރިޑްގެ ސަޕޯޓަރުންގެ މެދުގައި އޮތް ލޯބި ދައްކާލި މެޗުގައި ރޭ ސްޕެނިޝް ލީގުގައި ރެއާލުން 2-1 އިން ރަޔޯ ވަޔެކާނޯ ބަލިކޮށް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

އެންމެ ފަހުން ރެއާލް ކުޅުނު މެޗުގައި ވެލެންސިއާ ސަޕޯޓަރުންގެ ބަޔަކު ވަނީ ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކޮށްލައިފަ އެވެ. އެ މެޗުގައި ވިނީޝިއުސްއާ ކެނޑިނޭޅި ދިމާކުރާތީ ކެތްތެރިކަން ކޮޅުންލައި، އޭނާ އަށް ކުރެވުނު ފައުލަކަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ. އެކަމަކު، ސްޕެނިޝް ލީގުގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ އެ ކާޑު ސަސްޕެންޝަނެއްގެ ގޮތުގައި ނުގުންނަން ނިންމައިފަ އެވެ.

ވިނީޝިއުސްއާ ދިމާކުރި ވެލެންސިއާ ސަޕޯޓަރުންނަށް އެ ކްލަބުން ވަނީ އުމުރު ދުވަހުގެ ސަސްޕެންޝަނެއް ދީފަަ އެވެ. ރޭ ރެއާލް ދަނޑުގައި ކުޅުނު މެޗުގައި ވިނީޝިއުސް އަށް އޮތް ލޯބި ދައްކާލުމުގެ ގޮތުން ބޮޑު ބެނާއެއް ދަމާފައި ހުރިއިރު، މެޗުގެ 20 ވަނަ މިނިޓްގައި ވިނީޝިއުސް އަށް ހާއްސަ ކުރުމުގެ ގޮތުން އިހުތިރާމްގެ ވަގުތެއް ހޭދަކުރި އެވެ. ވިހި ވަނަ މިނިޓްގައި އެކަން ކުރީ ވިނީޝިއުސްގެ ޖޯޒީ ނަމްބަރާ ގުޅުވުމުގެ ގޮތުންނެވެ. އެ މަންޒަރުތައް ފެނި ޝުކުރު އަދާކުރުމުގެ ގޮތުން ވިނީޝިއުސް ވަނީ ކޮޅަށް ތެދުވެ، އިޝާރާތުން ސަޕޯޓަރުންގެ އެކަންކަން ބަލައިގަތް ކަމަށް ބުނެފަ އެވެ.

ރެއާލް ދަނޑުގައި ކުޅުނު މެޗުގެ 31 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ކެޕްޓަން ކަރިމް ބެންޒެމާ އެވެ. ރެއާލްގެ އުރުގުއޭ މިޑްފީލްޑަރު، ފެޑެރީކޯ ވަލްވޭޑޭ އޭރިއާތެރެއަށް ދިން ބޯޅަ އަށް އަރައި، ބެންޒެމާ މި ގޯލު ޖެހީ ރަޔޯގެ ކީޕަރު، ސްޓޯލް ޑިމްޓްރިއޭވްސްކީ ކައިރިން ނައްޓައިފަ އެވެ.

ރަޔޯ އަށް އެެއްވަރުކޮށްދިން ގޯލު ޖަހައިދިނީ މެޗުގެ 84 ވަަނަ މިނިޓްގައި ރައުލް ޑެ ޓޯމާސް އެވެ. މިއީ ރެއާލްގެ އޭރިއާތެރެއިން ލިބުނު ބޯޅައަކުން ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިގެން ޑެ ޓޯމާސް ޖެހި ގޯލެކެވެ. ރަޔޯ އިން އެއްވަރުކުރިތާ ހަތަރު މިނިޓް ފަހުން ރެއާލް މޮޅުކޮށްދިން ގޯލު ޖެހީ ރޮޑްރީގޯ އެވެ. ރޮޑްރީގޯ މި ގޯލު ޖެހީ އޭރިއާބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ރެއާލް ލީގުގެ ދެ ވަނަ އަށް އެރީ 36 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ. ރޭ އެސްޕަންޔޯލާ 3-3 އިން އެއްވަރުވި އެތުލެޓިކޯ މެޑްރިޑް ލީގުގެ ތިން ވަނައިގައި އޮތީ 36 މެޗުން 73 ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox