އުޒްބެކިސްތާން އަތުން ބަލިވެ، ރާއްޖެ އަށް ފުރުސަތު ގެއްލިއްޖެ

May 23, 2023, 4:02 PM
ރާއްޖެ އާއި އުޒްބެކިސްތާން މިރޭ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު

ރާއްޖެ އާއި އުޒްބެކިސްތާން މިރޭ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕްގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުން އުޒްބެކިސްތާން އަތުން މިރޭ ސީދާ ތިން ސެޓުން ބަލިވެ، ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމަށް މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

ގްރޫޕް ބީން ފުރަތަމަ ހަތަރު މެޗަށް ފަހު ބާކީ ދެ މެޗު އޮއްވައި، ވަނީ ސެމީ ފައިނަލަށް ދާ ދެ ޓީމެއް ޔަގީންވެފަ އެވެ. އެއީ ފުރަތަމަ ދެ މެޗުން މޮޅުވި، ކަޒަކްސްތާން އާއި އުޒްބެކިސްތާން އެވެ. އެ ދެ ޓީމަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ދެ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި އޮތީ ރާއްޖެ އާއި ސްރީ ލަންކާ އެވެ.

ކަތުމަންޑޫ ނެޝަނަލް ސްޕޯޓްސް ކޮމްޕްލެކްސްގެ އިންޑޯ ވޮލީ ކޯޓުގައި މިރޭ ކުޅުނު މެޗުން އުޒްބެކިސްތާނުން ރާއްޖޭގެ މައްޗަށް ފަސޭހަ މޮޅެއް ހޯދި މެޗުގެ ސެޓުތައް ދިޔައީ 25-18، 25-14 އަދި 25-04 އިންނެވެ.

ރާއްޖޭގެ ކެޕްޓަން ހައްވަ (ވ) ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން އުޒްބެކިސްތާން ދެ ކުޅުންތެރިން މަސައްކަތް ކުރަނީ.--- ފޮޓޯ: އަދަދު

ރާއްޖޭން މިއަދުގެ މެޗަށް ނުކުތްއިރު، ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިއްޔެ ކަޒަކްސްތާން އަތުން ބަލިވި މެޗުގައި ރާއްޖޭގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، އައިޝަތު މާޖިދާ (މާޖީ)ގެ ފަލަމަސްގަނޑަށް އަނިޔާވެ، މި މެޗުގައި ނުކުޅެވުމެވެ.

މެޗު ފަށައިގެން އުޒްބެކިސްތާނުން ދިޔައީ އެ ޓީމުގެ ކޮންފިޑެންސް ލެވަލް ރަނގަޅުވުމުގެ ފައިދާނަގައި، ޕޮއިންޓްތަކެއް ހޯދަމުންނެވެ. އެކަމަކު، ރާއްޖޭގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) އާއި އައިމިނަތު ޝަހާ ޝާމިންގެ ރަނގަޅު އެޓޭކްތަކާ އެކު، ރާއްޖޭން ދިޔައީ ފަރަގު ކުޑަކޮށް މެޗުގެ ކޮންޓްރޯލް ގެއްލުނުދޭން ހިތްވަރުގަދަ ކުޅުމެއް ދައްކަމުންނެވެ. އެ ގޮތުން، ރާއްޖޭން ވަނީ ސެޓުގެ މެދަކާ ހަަމައިން، 15-15 އިން އެއްވަރުކޮށް، 15-16 އިން ލީޑެއް ވެސް ނަގައިފަ އެވެ. އެކަމަކު، ފަހުން ޕްރެޝަރުގައި ސާވިސް އާއި ޑިފެންސްގައި ގޯސްތަކެއް ހެދި ރާއްޖެ އަށް ފުރަތަމަ ސެޓު ގެއްލުނީ އެވެ.

ފުރަތަމަ ސެޓުގައި ރާއްޖޭން ކުޅުނުއިރު، ޓީމުގެ ސެންޓަ ބްލޮކަރު، ނަރީމާ އިދުރީސް (ނަންނި) އާއި ދެ ލިބަރޯ އިން ކަމަށްވާ ފައިހާ މުހައްމަދު އާއި މައިހާ އަލީ ވެސް ވަނީ ޖުމްލަކޮށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އުޒްބެކިސްތާން ކުޅުންތެރިން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު

ދެ ވަނަ ސެޓު ފަށައިގެން ވެސް ރާއްޖޭން ދިޔައީ އުޒްބެކިސްތާނާ އެއް ލެވަލެއްގައި ވާދަކުރަމުންނެވެ. އެ ގޮތުން، 9-8 އިން ރާއްޖޭން ފަރަގު ކުޑަކޮށްފައި އޮއްވައި، އުޒްބެކިސްތާނުން ޓައިމްއައުޓެއް ނަގައި، ޓީމު ހަމަޔަކަށް އަޅުވައި، ކުރީގެ ކޮންފިޑެންސް ލެވަލްގައި އަލުން ކުޅެން ފެށި އެވެ. އެހާ ހިސާބުން އުޒްބެކިސްތާނުން ކުޅެލީ އެއްވެސް ޕްރެޝަރެއް ނެތި، ފުރިހަމަ ޔަގީންކަމާ އެކު، މެޗުގެ ކޮންޓްރޯލް އެއްވެސް ވަރަކަށް ނުގެއްލި އެވެ.

ފަހު ސެޓުގައި ރާއްޖެ އަށް ދިޔައީ އެއްވެސް ވަރަކަށް ވާދަނުކުރެވި އެވެ. ސާވިސް އާއި ރިސީވްގައި ގިނަ ގޯސްތަކެއް ފެނިގެންދިޔައިރު، އުޒްބެކިސްތާންގެ އެޓޭކްތައް ދިޔައީ ފުލުފުލުގައި ރާއްޖޭގެ ކޯޓު ތެރެއަށް ވެއްޓެމުންނެވެ. ނަތީޖާ އަކީ މި ފަަހަރުގެ މުބާރާތުގައި ރާއްޖޭން ދެ މެޗުގައި ކުޅުނު ހަ ސެޓުގެ ތެރެއިން އެންމެ ދަށް ކޮށް ޕޮއިންޓް ސްކޯ ކުރެވުނީ މި ސެޓުގައި ކަމަށްވުމެވެ.

ގައުމީ އަންހެން ޓީމުގެ ކޯޗުކަމާ މީގެ ދޮޅު މަހެއްހާ ދުވަސްކުރިން ހަވާލުވި ތައިލެންޑްގެ ތަޖުރިބާކާރު ކޯޗު، ވިޗީޕޮން ފޯންޗާޓްޔިންޗީޕްގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މި ވަނީ ބަލިވެފަ އެވެ.

ރާއްޖޭން މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރަނީ ލަންކާ އެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 17:45 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox