ހަކީމީ އަށް ރަތެއް، ޕީއެސްޖީ ބަލިވެއްޖެ

Apr 30, 2023, 6:30 PM
ލޮރިއެންޓާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޕީއެސްޖީ ކުޅުންތެރިން ހަކީމީ އަށް ރަތް ކާޑު ދެއްކުމުން ރެފްރީ ކައިރީގައި އެޕީލްކުރަނީ.

ލޮރިއެންޓާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޕީއެސްޖީ ކުޅުންތެރިން ހަކީމީ އަށް ރަތް ކާޑު ދެއްކުމުން ރެފްރީ ކައިރީގައި އެޕީލްކުރަނީ.

ޕެރިސް (އޭޕްރީލް 30) - ފްރެންޗް ލީގުގައި މިރޭ އަޝްރަފް ހަކީމީ އަށް ދެއްކި ރަތް ކާޑާ އެކު މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ޕީއެސްޖީ އަމިއްލަ ދަނޑުގައި 3-1 އިން ލޮރިއެންޓް އަތުން ބަލިވެއްޖެ އެވެ.

މި ނަތީޖާއާ އެކު ވެސް ޕީއެސްޖީ ލީގުގެ އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޕީއެސްޖީ އަށް 33 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މާސޭ އަށް ވަނީ 32 މެޗުން 67 ޕޮއިންޓް ލިބިފަ އެވެ. މާސޭ އިން މެޗު ހަމަކުރާއިރު، ޕީއެސްޖީގެ ލީޑު ފަސް ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު އެބައޮތެވެ.

ޕީއެސްޖީ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 15 ވަނަ މިނިޓްގައި ލޮރިއެންޓްގެ އެންޒޯ ލީ ފޭ ވަނީ ޕީއެސްޖީ އޭރިއާތެރެއިން ލިބުނު ފުރުސަތުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ ފަސް ވަނަ މިނިޓާއި 20 ވަނަ މިނިޓްގައި އަޝްރަފް ހަކީމީ އަށް ދެ ރީނދޫ ކާޑު ދައްކައި، ރަތް ކާޑެއް ދެއްކިއިރު، މެޗުގެ ބޮޑުބައި ޕީއެސްޖީން ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

އެހެން ނަމަވެސް އެއް ކުުޅުންތެރިއަކު މަދުވިތާ ނުވަ ވަރަކަށް މިނިޓް ފަހުން، ކީލިއަން އެމްބާޕޭ ވަނީ ގޯލެއް ޖަހައި ޕީއެސްޖީ އަށް އެއްވަރުކޮށްދީފަ އެވެ. މިއީ ލޮރިއެންޓްގެ ކީޕަރު، ޔްވޯން މްވޯގޯ ހެދި ބޮޑު ގޯހެއްގެ ފައިދާނަގައި އެމްބާޕޭ ޖެހި ގޯލެކެވެ.

އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ލޮރިއެންޓުން އަނެއްކާ ވެސް ލީޑު ނެގި އެވެ. މި ލަނޑު ޖެހީ 39 ވަނަ މިނިޓްގައި ޑާލިން ނޮންގްވާ އެވެ. ދެ ވަނަ ހާފުގައި ލޮރިއެންޓުން ވަރަށް ރަނގަޅަށް ޑިފެންސްކޮށް، މެޗު ނިމުމުގެ ކުރިން އިތުރު ގޯލެއް ވެސް ޖެހި އެވެ. މެޗުގެ 88 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ބަމްބާ ޑިއެންގް އެވެ.

މިއީ 2023 ވަނަ އަހަރު ފެށި ފަހުން، ލީގުގައި ބަލިވި ހަ ވަނަ މެޗެވެ. ފަހަކަށް އައިސް ޕީއެސްޖީގެ ނަތީޖާތަށް ނުކުންނަ ގޮތުން، މި ސީޒަނަށް ފަހު އެ ޓީމުގެ ކޯޗުގެ މަގާމަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕީއެސްޖީގެ ކޯޗުގެ މަގާމުގައި ހުރި ކްރިސްޓޮފް ގަލްޓިއޭ އެ ޓީމުން ވަކިކޮށްފިނަމަ، އެ މަގާމު ރޯމާގައި ހުރި ހޯސޭ މޮރީނިއޯ ނޫނީ މި ވަގުތު ޓީމަކާ ހަވާލުނުވެ ހުރި ކޯޗު ޒިނެދިން ޒިދާނަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ފްރާންސް ނޫސްތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox