ބަޔާނަށް ފެންވަރު ދައްކާލައި ސިޓީ އަށް ފުރަތަމަ ލެގުގައި ބޮޑު މޮޅެއް

Apr 12, 2023, 12:33 AM
ބަޔާން ކޮޅަށް ގޯލު ޖެހުމަށް ފަހު ސިޓީގެ ހާލަންޑް އުފާފާޅުކުރަނީ.

ބަޔާން ކޮޅަށް ގޯލު ޖެހުމަށް ފަހު ސިޓީގެ ހާލަންޑް އުފާފާޅުކުރަނީ.

މެންޗެސްޓާ (އޭޕްރީލް 12) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި ރޭ މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި އެ ޓީމުގެ ފެންވަރު ދައްކާލައި، 3-0 އިން ބަޔާން މިއުނިކް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ރޭގެ މެޗާ ހަމައަށް އައިއިރު، ބަޔާން ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު އަށް މެޗުން ވެސް މޮޅުވެފަ އެވެ. އެކަމަކު، އެއީ ހޫލިއަން ނާގަލްސްމަންގެ ކޯޗުކަމުގައި ބަޔާނުން ދަމަހައްޓަމުން އައި މޮޅުވުުމުގެ ރެކޯޑެކެވެ. ނާގަލްސްމަން ވަކިކުުރުމުން ބަޔާނާ ހަވާލުވި ކޯޗު ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުން ބަޔާން މި ވަނީ ސިޓީ އަތްދަށުވެފަ އެވެ.

އަންނަ ހަފްތާގައި ބަޔާން ދަނޑުގައި ކުޅޭ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުން މަދުވެގެން ތިން ގޯލުގެ ފަރަގުން ސިޓީ އަތުން މޮޅުވެގެން ނޫން ގޮތަކަށް ބަޔާނަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތެއް ނެތެވެ.

"އަހަރެން ކުޅުންތެރިންނަށް މި ވިސްނައިދެނީ މި ނަތީޖާ އަކުން މި މެޗުގައި ހިނގައިދިޔަ ހުރިހާ ކަމެއް ބުނެ ނުދެއޭ. އެހެންވެ، އަހަރެމެން އަންނަ ހަފްތާގައި ހިނގާށޭ އެންމެ މޮޅަށް ކުޅެެގެން ވީ އެންމެ ރަނގަޅު ނަތީޖާއެއް ނެރެން. އޭރުން މި ކަން ކުރެވިދާނެ،" ޗެލްސީގެ ކޯޗުކަމުން މިދިޔަ ސެޕްޓެމްބަރު މަހު ވަކިކުރި ޓުޗެލް ބުންޏެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 27 ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަގައިދިނީ އޭރިއާބޭރުން ރޮޑްރީގޯ (ރޮޑްރީ) ޖެހި ހިތްގައިމު ގޯލުންނެވެ. އޭރިއާބޭރުން ރޮޑްރީ ޖެހި ބޯޅަ ގޯލަށް ވަނީ ބަޔާންގެ ގޯލުގައި ހުރި ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ އަތްމަތިން ގޮހެވެ. މިއީ ޗެމްޕިއަންސް ލީގުގައި ސިޓީ އަށް ރޮޑްރީ ޖަހައިދިން ފުރަތަމަ ގޯލެވެ.

ބަޔާނުން ވަނީ ފުރަތަމަ ހާފުގެ ފަހުކޮޅާއި ދެ ވަނަ ހާފުގެ ކުރީކޮޅުގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލައިފަ އެވެ. އެ ގޮތުން ފުރަތަަމަ ހާފުގައި އޭރިއާބޭރުން ބަޔާނުގެ ލެރޯއި ސާނޭ ޖެހި ބޯޅަ ދަނޑިކައިރިން ބޭރުން ދިޔައިރު، ދެ ވަނަ ހާފުގައި ސާނޭގެ ޝޮޓް ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް ވަނީ މަތަކޮށްފަ އެވެ. ކޯނަރެއްގައި ބަޔާންގެ މަތައިސް ޑި ލިޓް ބޮލުން ޖެހި ބޯޅަ ސިޓީގެ ޑިފެންޑަރު، ނޭތަން އަކޭ ބްލޮކްކޮށްފައިވެސް ވެ އެވެ.

ދެ ވަނަ ހާފުގެ ފަހު ވިއްސަކަށް މިނިޓްގައި ދެ ޓީމުގެ ފަރާތުން ވެސް އަވަސް ކުޅުމާއި ގިނަ އެޓޭކްތަކެއް ފެނިގެންދިޔައިރު، ސިޓީން ވަނީ ހަ މިނިޓް ތެރޭ އިތުރު ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން މެޗުގެ 70 ވަނަ މިނިޓްގައި ބަޔާންގެ ޑިފެންޑަރު، ޑަޔޫޓް އުޕަމެކާނޯ ހެދި ގޯހެއްގެ ފައިދާނަގައި، ސިޓީގެ ޖެކް ގްރީލިޝް އެ ޓީމުގެ އާލިން ބްރައުޓް ހާލަންޑަށް ދިން ބޯޅައަކުން އޭނާ ނެގި ހުރަސް ސިޓީގެ ބެނާޑޯ ސިލްވާ ވަނީ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ. އަދި އޭގެ ހަ މިނިޓް ފަހުން، ޖޯން ސްޓޯންސް ނެގި ހުރަހަކަށް އަރައި ހާލަންޑް ވަނީ ސިޓީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

ހާލަންޑްގެ މި ގޯލާ އެކު، އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަަބަކަށް ކުޅެމުން އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ހަދައިފަ އެވެ. ކުރިން ޕްރިމިއާ ލީގުގެ ކްލަބެއްގައި ހުރެ ސީޒަނެއްގައި 44 ގޯލު ޖަހައިގެން ރެކޯޑް ހަދާފައި އޮތީ ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް، ރޫޑް ވޭން ނިސްޓެލްރޫއީ އެވެ. ހާލަންޑް ރޭ ޖެހި ގޯލަކީ މި ސީޒަނުގައި ސިޓީ އަށް ކާމިޔާބުކޮށްދިން 45 ވަނަ ގޯލެވެ.

ސިޓީ އަށް އިތުރު ގޯލެއް ޖަހައިދޭން އޭރިއާބޭރުން ހޫލިއަން އަލްވަރޭޒް ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މިއީ، 2016 ވަނަ އަހަރު ބަޔާންގެ ކޯޗުކަން ދޫކޮށްލި ފަހުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކުރީގެ ޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުނީ މިއީ ޖަޒުބާތީ ގޮތުންނާއި ޕްރެޝަރަށް ބަލާއިރު، އޭނާ އަށް ވަރަށް އުނދަގޫ ގޮތަކަށް ދިޔަ މެޗެއް ކަމަށެވެ. އަދި މި ފަދަ މެޗަކުން ރަނގަޅު މޮޅެއް މި ހޯދީ މޮޅަށް ކުޅެގެން ކަމަށްވާތީ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ގާޑިއޯލާ ވަނީ މީގެ އެއް އަހަރު ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޓުޗެލް ކޯޗުކޮށްދިން ޗެލްސީ އަތުން ބަލިވެފަ އެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފޭވަރިޓުންގެ ތެރޭގައި ސިޓީގެ ނަން ކިޔާތީ ގާޑިއޯލާ ހުރީ އުފަލުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox