ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ސަރުކާރުން ހުށަހަޅައިފި

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ އޮފީސް މިހާރު ހުންނަނީ ގަލޮޅު ދަނޑުގެ އެކޮމަޑޭޝަން ބްލޮކް އިމާރާތުގައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ފައިލް ފޮޓޯ

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ އޮފީސް މިހާރު ހުންނަނީ ގަލޮޅު ދަނޑުގެ އެކޮމަޑޭޝަން ބްލޮކް އިމާރާތުގައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ފައިލް ފޮޓޯ

ކުޅިވަރު ގާނޫނުގެ ތެރެއިން، ވުޖޫދުވި ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ ބައި ހިމެނޭ ގޮތަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރައްވާ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު، ކުޅިވަރު ގާނޫނަށް މިއަދު އިސްލާހު ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެކި ޖަލްސާތަކުގައި މީގެ ކުރިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ސްޕޯޓްސް ކޯޕަރޭޝަނަކީ ވަގުތުން ވަގުތަށް އުވާލަން ޖެހޭ ތަނެއް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، މިހާތަނަށް އެ މޭރުމުން އެއްވެސް ކަމެއް ކުރެވިފައިނުވެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަނަކީ 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލެއް އުފެއްދުމާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކަށް މުދަލުގެ ބޭނުން ހިފުމުގެ މަގުފަހިކޮށްދީ އެނޫން ފަރާތްތަކަށް އެ މުދަލުން ވިޔަފާރި އުސޫލުން މަންފާ ހޯދައިދިނުން ހިމެނެ އެވެ. މީގެ އިތުރުން ކުޅިވަރު ދާއިރާ ތަރައްގީކުރުމާއި ޒުވާނުންނަށް ހިތްވަރުދީ ފުރުސަތު ފަހިކޮށް ކުޅުންތެރިންގެ ގާބިލްކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރުވާ ތަމްރީން ހޯދާނެ މަގުފަހިކޮށްދިނުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

ކުޅިވަރުގެ އެކި ކަންކަމުގައި މި ފަހުން އިސްކޮށް ހަރަކާތްތެރިވަމުން އަންނަ މެމްބަރު، އަލީ ނިޔާޒް ހުށަހެޅުއްވި ކުޅިވަރު ގާނޫނުގެ އިސްލާހަކީ މިނިސްޓަރު މަހުލޫފު މީގެ ކުރިން ދައްކަވަމުން އައި ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ ކަންކަމަށް ބާރު ލިބޭގޮތަށް ސަރުކާރުގެ ބައިވެރިވުން އޮވެގެން އައި ފުރަތަމަ މަސައްކަތެވެ.

ހުށަހެޅިފައިވާ އިސްލާހުގައިވާ ގޮތުން، ސްޕޯޓްސް ކޯޕަރޭޝަން އުވިގެންދާއިރު، ކުޅިވަރު ޕްރޮމޯޓްކުރަން އުފައްދައި، ދައުލަތުގެ މީޑިއާއާ އިންވެފައި އޮތް ޗެނަލް "ޔެސް ޓީވީ" ވެސް އުވިގެންދާ ގޮތަށް އިސްލާހުގައި ވަނީ ހިމަނައިފަ އެެވެ.

ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ ބައިގެ އިތުރުން ކުޅިވަރު ގާނޫނަށް ދެން ހުށަހެޅި މި އިސްލާހުގައި ވަނީ ކުޅިވަރު ގާނޫނުގައި ހުރި ފުށުއެރުންތައް ނައްތާލައި، ޔޫތު މިނިސްޓަރީ އާއި ޔޫތު މިނިސްޓަރު އަދި ސްޕޯޓްސް ކޮމިޝަނަރު އަދާކުރަން ޖެހޭ ޒިންމާތައް ކުރިއަށް ވުރެ ރަނގަޅު އުސޫލެއްގެ ތެރެއިން ފެއްތުމަށް ބައިތަކެއް ހިމަނައިފަ އެެވެ.

އަލީ ނިޔާޒް ވިދާޅުވީ މި އިސްލާހުގެ ސަބަބުން ކުޅިވަރުގައި މިހާރު ހުރި މުހިންމު ކަންތައްތަކަށް ހައްލެއް ލިބި، މިހާރު ހުރި މައްސަލަތަކާއި ގޮންޖެހުންތަކަށް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަންކަން ގެންދަން ފަސޭހަވެގެންދާނެ ކަމަށެވެ.

ކުޅިވަރު ގާނޫނުގެ މި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ބަހުސްގައި ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީ މެމްބަރުން ވަނީ މި އިސްލާހާ އެއްކޮޅަށް ވާހަކަ ދައްކައިފަ އެވެ.

އިސްލާހުގައި ހުރި ކަންކަމާ ދެކޮޅަށް ވާހަކަދެއްކެވި މެމްބަރުންގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދު އަށް ތާއީދުކުރައްވާ އެމްޑީޕީ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

އެ ގޮތުން މިއަދުގެ ޖަލްސާގައި ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވަނީ ހުށަހެޅުނު މި އިސްލާހުގައި މުހިންމު ބައެއް އުނިވެފައިވާކަން ފާހަގަކުރައްވައިފަ އެވެ.

ހަސަން ވިދާޅުވީ ދުނިޔޭގެ ހުރިހާ ކުޅިވަރު ޖަމިއްޔާތަކުން ވެސް ފާހަގަކުރާ އެއް ކަމެއް އަދި ލާޒިމްކުރާ އެއް ކަމަކީ ކުޅިވަރުގެ މައިދާނުގައި ޖެހޭ މައްސަލަތައް ހައްލުކުރެވޭނެ ކުޅިވަރުގެ "ޑިސްޕިއުޓް ރިޒޮލިއުޝަން މެކޭނިޒަމް" އޮންނަން ޖެހޭނެ ކަން ކަމަށެވެ.

އެ ގޮތުން، ކުޅިވަރާ ބެހޭ ގާނޫނުގެ ހުރިހާ ވާހަކައެއް މިހާތަނަށް އައިއިރު، ސްޕޯޓްސް އާބިޓްރޭޝަން ބައި އޮތް ކަމަށާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައިއިރުގައި އޮތް ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ފުރަތަމަ ތިން އަހަރު ތެރޭ ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި ވެސް ސްޕޯޓްސް އާބިޓްރޭޝަން އޮންނާނެ ގޮތުގެ ތަސައްވުރެއް އޮތް ކަމަށާއި އެހެން ނަމަވެސް ހުށަހެޅުނު އާ ކުޅިވަރު ގާނޫނުގެ އިސްލާހުގައި އެ ބައި މި އޮތީ އުވާލާފައި ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ސްޕޯޓްސް ކޯޕަރޭޝަން އުވާލުން ކަމަށާއި ދެން ހިމަނާފައި އެ ހުރި ބައިތަކަކީ މާ ބޮޑަށް ވިސްނައިގެން ކަންކަން ކުރުމުގެ ބަދަލުގައި ހިމަނާފައިވާ "ކޮސްމެޓިކް" ބައިތަކެއް ކަމަށެވެ.

ހަަސަން ވިދާޅުވީ ކުޅިވަރުގެ ގާނޫނުގެ އާ އިސްލާހު އޮތީ ރައްޔިތުންނަށް އޮޅޭ ގޮތަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ.

ހަސަން ވެސް ވަނީ މީގެ ކުރިން ކުޅިވަރު ގާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. އެ ގޮތުން، 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ރިޔާސަތަށް އަލުން ގެނައިއިރު، ބިލް ކުރިއަށް ނުގެންގޮސް ބޭރުކޮށްލަން ނިންމީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox