އައިސަމްގެ ގޯލުން ރާއްޖޭން ޕާކިސްތާން ބަލިކޮށްފި

Mar 21, 2023, 12:49 PM
ޕާކިސްތާން ކޮޅަށް ރާއްޖޭގެ އައިސަމް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕާކިސްތާން ކޮޅަށް ރާއްޖޭގެ އައިސަމް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފީފާ އެކުވެރިކަމުގެ މެޗެއްގައި މިއަދު ހަވީރު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން އިބްރާހިމް އައިސަމް ޖެހި ހަމައެކަނި ގޯލުން 1-0 އިން ޕާކިސްތާން ބަލިކޮށްފި އެވެ. .

ރާއްޖޭން މި މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި އައިސަމް އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ.

މިއީ 10 އަހަރަށް ފަހު ރާއްޖޭން ޕާކިސްތާނާ ދެކޮޅަށް ބައިނަލްއަގުވާމީ މެޗެއްގައި ނުކުތް ފުރަތަމަ ފަަަހަރެވެ. އެ ގޮތުން، 2013 ވަނަ އަހަރު ރާއްޖޭން މާލޭގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެ މެޗުން އެއް މެޗުގައި 3-0 އިން މޮޅުވިއިރު، އަނެއް މެޗު ނިމުނީ 1-1 އިން އެއްވަރުވި އެވެ.

މިއަދުގެ މެޗު ތާރީހުން ޖާގަ ހޯދި ސަބަބަކީ މެޗު ކުޅެފައިވަނީ ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކަމަށްވާތީ އެވެ. މިއީ އައްޑޫ އާއި މާލޭ ނޫން ސަރަަހައްދެއްގައި ބައިނަލްއަގުވާމީ މެޗެއް ހޯސްޓްކުރި ފުރަތަމަ ފަހަރެވެ. ގަމު ޓާފް ދަނޑަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު މި ސަރުކާރުން ހުޅުވި ދަނޑެކެވެ. މި ދަނޑުގައި ޕާކިސްތާނާއި ރާއްޖޭގެ މެޗު ކުޅެން ނިންމީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އެދިލެއްވުމެއްގެ މަތިން ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ގައުމީ ޓީމުން މި މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި މުޅިން ތިބީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިންނެވެ. އެ ގޮތުން، ކީޕަރަކަށް ހުސެއިން ޝަރީފް ހުރިއިރު، ޑިފެންސްގައި ތިބީ ސަމޫހު އަލީ (ސަމުއްޓެ)، އަހުމަދު ނޫމާން (ހެލްމެޓް)، މުހައްމަދު އިރުފާން (އިރޭ)، ހަސަން ޝިފާޒް (ޑުންގާ)، ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) އެވެ. ދެން ޓީމުގައި ހިމެނެނީ ހުސެއިން ނިހާން (ނިހާޓް)، އިބްރާހިމް އައިސަމް، ހަސަން ރާއިފް އަހުމަދު (ހަންނަ)، ހަމްޒާ މުހައްމަދު (ހަމްޕު) އަދި ނާއިޒު ހަސަން (ދާދު) އެވެ.

ޕާކިސްތާންގެ މުހައްމަދު ވަލީދު ކައިރިން ރާއްޖޭގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި ރާއްޖޭގެ ދާދު އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ މިނިޓެއް ފަހުން، ރާއްޖޭގެ ކީޕަރު ހުސެން އަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ޕާކިސްތާނުން އެޓޭކްކުރަން މަސައްކަތް ކުރި ނަމަވެސް ގޯލަށް ބޯޅަ ޖެހޭ ގޮތެއްނުވި އެވެ.

ރާއްޖޭން ގޯލާ ސީދާކޮށް ފުރަތަމަ ހަމަލާ ފޮނުވާލީ ފަސް ވަަނަ މިނިޓްގައި ހަމްޕު އެވެ. އޭރިއާބޭރުން ހަމްޕު ޖެހި ބޯޅަ އަމާޒުވީ ޕާކިސްތާންގެ ކީޕަރު ހަނީފް ސާގިބް އަތަށެވެ. ޕާކިސްތާން ކެޕްޓަން ބޭންޑް އަޅައިގެން މި މެޗުގައި ކުޅުނު ހަނީފަކީ ރާއްޖޭގެ ލީގުގައި ގިނަ އަހަރުތަކެއް ކުޅެފައިވާ ކީޕަރެކެެވެ.

މެޗުގެ 10 ވަނަ މިނިޓްގައި ދާދު ދިން ބޯޅައަކުން އައިސަމް ޖެހި ޝޮޓެއް ވަނީ ބްލޮކްވެފަ އެވެ. އެކަމަކު، އޭގެ 10 މިނިޓް ފަހުން، މެޗުގެ 20 ވަނަ މިނިޓްގައި ހަމްޕު ނެގި ކޯނަރަކަށް ފުންމައިގެން އަރައި އައިސަމް ބޮލުން ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ކުރިން، ނިހާޓް ބޮލުން ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިމަތިން ގޮސްފަ އެވެ.

ފުރަތަމަ ހާފު ފަހުކޮޅުގައި ޕާކިސްތާނުން ރާއްޖެ ހާފްގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން އެޓޭކް ކުރެވޭތޯ ބެލި ނަމަވެސް ކީޕަރު ހުސެއިން ހާސްކޮށްލެވޭ ވަރުގެ ހަމަލާއެއް ފޮނުވާނުލެވުނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ ވަނަ މިިނިޓް ތެރޭ ދާދު އޭރިއާ ރޮނގުކައިިރިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިކައިރިން ބޭރުންނެވެ.

ޕާކިސްތާންގެ މޮއީން އަހުމަދު ކައިރިން ރާއްޖޭގެ އައިސަމް ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕާކިސްތާނުން މެޗުގައި ފޮނުވާލި ނުރައްކާތެރި ފުރަތަމަ ހަމަލާ ފެނުނީ މެޗުގެ 52 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން އެކްރަބެޓިކް ކިކަކުން ހާރޫން އަރް ރަޝީދު ޖެހި ބޯޅަ ކީޕަރު، ހުސެން ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން، މެޗުގެ 70 ވަނަ މިނިޓްގައި ޕާކިސްތާނުން ކުރި އެޓޭކެއްގައި އެ ޓީމުގެ މުހައްމަދު ބޯޅަ ހިފައިގެން ގޮސް ކީޕަރު ހުސެއިން ކައިރިން ނައްޓާފައި ޖެހި ބޯޅަ ރާއްޖޭގެ ކުޅުންތެރިން ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.

ރާއްޖެ އަށް ލީޑުފުޅާކޮށްދޭން މެޗުގެ 80 ވަނަ މިނިޓްގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ހަމްޒާ އާއި ހަންނަ ގުޅިގެން އުފެއްދި މި އެޓޭކުގައި ފޭދޫ އިއްބެ އަށް ދިން ބޯޅަ ރަނގަޅަށް ފޮނުވާލެވޭހާ ވަގުުތު އޮތް ނަމަވެސް އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނީ އެވެ.

މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ރާއްޖޭގެ އައިސަމް އަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތިސް ކުޅުންތެރިއަކު ގައިގައި ޖެހުމުންނެވެ. އޭގެ ފަހުން، ޕާކިސްތާނުން ކޯނަރެއްގައި ކުރި އެޓޭކަކުން އެ ޓީމުގެ މަމޫން މޫސާ ހާން ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ ފަހު ކޮޅުގައި ބަދަލަކަށް ރާއްޖޭގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ކުޅެން ނިކުމެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox