ރާއްޖެ ކުޑަޔަސް އެތުލެޓިކްސް އަށް އޮތް ތަސައްވުރު ބޮޑު: އޭޝިއާގެ އެތުލެޓިކްސް ރައީސް ދަހްލާން

އޭޝިއާގެ އެތުލެޓިކްސް ރައީސް ދަހްލާން، "އަދަދު" އަށް އިންޓަވިއު ދެނީ.--- ފޮޓޯ: އަދަދު

އޭޝިއާގެ އެތުލެޓިކްސް ރައީސް ދަހްލާން، "އަދަދު" އަށް އިންޓަވިއު ދެނީ.--- ފޮޓޯ: އަދަދު

ރާއްޖެ އަކީ ޖިއޮގްރަޕިކް ވިސްނުމަކުން ބަލާއިރު ކުޑަ ގައުމެއް ނަމަވެސް އެތުލެޓިކްސް އަށް އޮތް ތަސައްވުރަށް ބަލާއިރު، ކަންކަން ފެންނަނީ ބޮޑުކޮށް ކަމަށް އޭޝިއާ އެތުލެޓިކްސްގެ ރައީސް ގަތަރުގެ ދަހްލާން އަލް ހަމަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކްރޮސް ރޯޑްސްގައި ބޭއްވި ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަން (ސާފް) ގެ އަހަރީ އާންމު ޖަލްސާގައި, އޭޝިއާ އެތުލެޓިކްސްގެ ރައީސް ގަތަރުގެ ދަހްލާން ބައިވެރިވެވަޑައިގެންނެވި އެވެ. އަނެއްކޮޅުން، މިއީ އޭޝިއާގެ އެތުލެޓިކްސް ރައީސް، ދަހްލާން، ދެކުނު އޭޝިއާގެ މި ފަދަ މުހިންމު އާންމު ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވި ފުުރަތަމަ ފަހަރެވެ.

ބައްދަލުވުމުގެ ތެރެއިން، "އަދަދު" އަށް .ދެއްވި ހާއްސަ އިންޓަވިއުއެއްގައި ދަހްލާން ވިދާޅުވީ އޭޝިއަން އެތުލެޓިކްސް ފެޑެރޭޝަނުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖެ ކަހަލަ ގައުމުތަކަކީ ނިސްބަތުން ބަލާއިރު، ކުޑަ ގައުމެއް ވިޔަސް، އެތުލެޓިކްސް އަށް އެ ގައުމަކުން ދޭ އަހައްމިއްޔަތު ކަމަށް ބަލައިގެން ކަމަށެވެ.

"ގައުމު ކުޑަވިޔަސް، ވަރަށް ހުނަރުވެރި އެތުލީޓުން އުފެދޭ ގައުމެއް ގޮތުގައި ރާއްޖެ ބެލެވެނީ، އެހެންވީމަ، އެބަ ހޯދަން ޖެހޭ ހައްލުތަކެއް، އަހަރެމެންނަށް މީގެ އެހީވެވޭނެ ގޮތްތަކަށް ބަލައިގެން އެކަން ކުރެވޭތޯ މި ބަލަނީ. ރާއްޖޭން އެތުލެޓިކްސްއާ މެދު ގެންގުޅޭ ތަސައްވުރު ރަނގަޅު،" 2013 ވަނަ އަހަރުން ފެށިގެން އޭޝިއާގެ އެތުލެޓިކްސްގެ މައި ޖަމިއްޔާގެ ރައީސްކަން ކުރައްވަމުން އަންނަ ދަހްލާން ވިދާޅުވި އެވެ.

ސާފްގެ އަހަރީ ބައްދަލުވުމުގެ ތެރޭގައި ދަހްލާން ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަދަދު

ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް އާއި ޖެނެރަލް ސެކްރެޓަރީ، އަހުމަދު މުންތަގިމް ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި، ދަހްލާން ވިދާޅުވީ އެތުލެޓިކްސްގެ މުހިންމު ބައްދަލުވުންތައް ހޯސްޓްކުރަން ރާއްޖެ އަކީ ރަނގަޅު މަންޒިލެއް ކަމަށެެވެ.

"ވަރަށް މުހިންމު ނިންމުންތަކެއް ހަގީގަތުގައި ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެެރޭޝަނުން އެ ނިންމަނީ. މި ނިންމުންތައް މި ހިނގަނީ ރާއްޖޭގައި ބޭއްވޭ ބައްދަލުވުމެއްގައި ކަމަށްވާތީ، މިކަން ތާރީހުގައި ލިޔެވިގެންދާނީ ރާއްޖެ އަށް ވެސް މީގެ ތައުރީފު ހައްގުވާ ގޮތަށް،" މި ފަހަރުގެ ދެކުނު އޭޝިއާގެ ޖަލްސާގައި އެ ފެޑެރޭޝަނުގެ ހިންގާ/އަސާސީ ގަވާއިދަށް ގެނައި މުހިންމު ބަދަލުތަކަށް އިޝާރާތްކުރައްވައި ދަހްލާން ވިދާޅުވި އެވެ.

އޭޝިއާ އާއި ދުނިޔޭގެ ކުޅިވަރުގައި ވެސް ނުފޫޒުގަދަ މަގާމެއްގައި ހުރި ދަހްލާން ވިދާޅުވީ ދިމާވާ ގޮންޖެހުންތަކުގެ ތެރެއިން ވެސް ހައްލު ހޯދައިގެން ރާއްޖޭގެ އެތުލެޓިކްސް ކުރިއަރުވަން ކުރާ މަސައްކަތް ފާހަގަކުރާ ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި ޗެމްޕިއަނުން އުފެއްދޭނެ ގައުމެއް ރާއްޖެ މިއީ، އެކަމަކު، އެ އަށް ބޭނުންވާ ވަސީލަތާއި ކުރަން ޖެހޭ މަސައްކަތް ވެސް ރަނގަޅުވާން ޖެހޭ. އެކަމުގައި އަހަރެމެން އެހީވާނަން،" ދަހްލާން ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ގައުމު ގިނަ ބައްރުގެ ގޮތުގައި އޮތް އޭޝިއާ އަކީ އެތުލެޓިކްސްގެ ތާރީހުގައި ވެސް މުހިންމު ބައެކެވެ. ދަހްލާން ބުނީ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޝިއާ އިން، އެތުލެޓިކްސް ދުނިޔޭގައި ވެސް ހޯދާ ކާމިޔާބީ ގިނަ ކަމަށާއި ދުނިޔޭގެ ރެކޯޑްތަކުން ވެސް އެކަން ފެންނަން އެބަހުރި ކަމަށެވެ. އޭގެ މާނަ އަކީ ފާއިތުވި އަހަރުތަކުގައި ކުރެވުނު މަސައްކަތް ރަނގަޅުކަން ކަމުގައި ދަހްލާން ވިދާޅުވި އެވެ.

ދަހްލާން، "އަދަދު" އަށް އިންޓަވިއު ދެއްވަނީ.--- ފޮޓޯ: އަދަދު

"މިއީ ހައްގު މިންވަރު ނޫނީ މިވަރުން ފުދޭތޯ އަހަރެން ގާތުގައި އަހައިފިއްޔާ، އަހަންނެއް އެ އަށް އެއްބަހެއް ނުވާނަން. އެއީ މި އަށް ވުރެ މި ނަމްބަރުތައް އިތުރުކުރެވޭނެ. ހާސިލްކުރެވޭނެ ގިނަ ކަންކަން އެބަހުރި އޭޝިއާގެ އެތުލީޓުންނަށް. އެ އަށް ފޯކަސްކޮށްގެން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ. އެހެންވެ، އަހަރެމެން ސްޓްރެޓީޖިކް ޕްލޭނެއް ހަދައިގެން އެ އަށް މަަސައްކަތް މި ކުރަނީ،" ދަހްލާން ވިދާޅުވި އެވެ.

ގައުމުތަކުގެ ގޮންޖެހުންތަކުގެ ވާހަކަ އަޑުއަހާއިރު، އެންމެ ގިނައިން އިވެނީ ވަސީލަތްތައް އެކަށޭނެ މިންވަރަށް ނެތި، އަމިއްލަ ގައުމުގައި ޓްރެއިން ކުރާނެ މަގެއް ނުހޯދި ރަނގަޅު އެތުލީޓުން ގެންލިގެންދާ ކަމުގެ ވާހަކަތައް ކަމަށް ދަހްލާން ވިދާޅުވި އެވެ. އެކަން ކަމަށް ހައްލެއް ހޯދާއިރު، ހުރިހާ ގައުމެއް ގުޅިގެން އެއް ގައުމު އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަނާ ގުޅިގެން މަސައްކަތް ކުރުން ހިމެނޭ ކަމަށް ދަހްލާންގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"ވަރަށް ގިނަ ގައުމުތަކުން މޮޅެތި އެތުލީޓުން އެ ޑިވެލޮޕްކުރަނީ އެންމެ ރަނގަޅު ވަސީލަތް ހުރެގެނެއް ނޫން. ބޮޑެތި ގައުމުތައް ވެސް އެބަހުރި އެތުލެޓިކްސްގެ ކަންކަން ރަނގަޅަށް ނެތް، ކުދި ގައުމުތަކަށް ވެސް އެ މައްސަލަ އެބައޮތް. އެކަށީގެންވާ ބަޖެޓެއް ނެތުން އެއީ ވެސް މައްސަލައެއް، އެއީ ކޮންމެ ގޮތެއް ވިޔަސް، އިންޑިވިޖުއަލް ކުޅިވަރަކަށް ބަލާއިރު، މިއީ އަގުބޮޑު ކުޅިވަރެއް، ހަރަދު ވެސް ހިނގާ ކުޅިވަރެއް. އެ ހުރިިހާ ގޮންޖެހުމެއް ހުރެ ވެސް ރާއްޖެ ކަހަލަ ގައުމަކުން ބޮޑު ތަސައްވުރަކައިގެން ކުރިއަށްދާތީ އުފާކުރަން،" ދަހްލާން ވިދާޅުވި އެވެ.

ދަހްލާންގެ ލީޑަޝިޕްގެ އިސްނެންގެވުމުގެ ތެރެއިން މިހާތަނަށް މި ބައްރުގައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އެންމެ ބޮޑު އުސްއައްޔެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވަނީ ރަސްމީކޮށް އޭޝިއާ ފަސް ބަޔަށް ބަހާލައިގެން ކުރިއަށް ދިއުމެވެ.

ދަހްލާން ވިދާޅުވީ އެ ގޮތަށް ކުރިއަށް ދިއުމުގެ މަންފާ ވެސް އޮތީ ރަނގަޅަށް ކަމަށެވެ.

"އެއިން ކޮންމެ ބައެއް ވެސް އަމިއްލަ ސަރަހައްދުގައި މުބާރާތް ބާއްވައިގެން ވެސް މަސައްކަތްކޮށް ކުރިއަށްދެވޭނެ މާހައުލެއް އޮންނާނެ. މިއީ ހަގީގަތުގައި އެތުލެޓިކްސް ޕްރޮމޯޓްވުމާ ކޮންމެ ގައުމެއް އިސްނަގައިގެން ކުރިއަށްދާން ބެލިޔަސް ފައިދާކުރާނެ ކަމެއްގެ ގޮތުގައި މި ދެކެނީ. މި ކަންކަމަށް ވެސް އަހަރެމެންނަށް އެހީތެރިވެވޭނީ ކޮން މިންވަރަކަށްތޯ ބަލައި، އަހަރެމެންގެ ވަސީލަތްތައް މެދުވެރިކޮށް ބައިވެރިވެވޭ މިންވަަރަކަށް އެކަން ކުރާނަން،" ދަހްލާން ވިދާޅުވި އެވެ.

އެތުލީޓުން ތަރައްގީ ކުރުމުގެ ޕްލޭނެއްގެ ތެރެއިން އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަން އިން ތައިލެންޑާ އެކު އެއްބަސްވުމެއް ގާއިމްކޮށް، އެ ތަނުގައި އެތުލީޓުން ޑިވެލޮޕްކުރުމުގެ ކަންކަން ހަމަޖައްސަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ދަހްލާން ވިދާޅުވެފައިވެ އެވެ. އަދި އުންމީދަކީ މި ފަދަ ޕްރޮގްރާމެއްގެ ތެރެއިން، "ފުރުސަތުތަކެއް ހޯދައިދީ، ކުރިއަށްދާން މަގެއް ކޮށައިދިނުން" ކަމަށާއި މީގެ ހުރިހާ ކަމެއް ވެސް ކުރާއިރު، އެންމެ ވިސްނަން ޖެހޭނީ އެތުލީޓުންގެ މުސްތަގުބަލަށް ރަނގަޅުވާ ގޮތަށް ކަމަށް ދަހްލާންގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"އެތުލީޓުންގެ ލާބަޔަށް ނޫން ގޮތަކަށް، އެ ނޫން އެހެން ވިސްނުމެއްގައި ކަންކަން ކޮށްގެން އެއްވެސް ބަޔަކު ކުރިއަށްދާނެ ކަމަށް ނުދެކެން،" ދަހްލާން އިންޓަވިއު ނިންމާލަމުން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox