ހުޅުމާލޭ އިންޑަސްޓުރިއަލް ޒޯނުގެ އިމާރާތްތައް އަށް ބުރިއަށް ނެގުމަށް ހުއްދަ ދޭން އެޗުޑީސީން ކަނޑައަޅައިފި އެވެ.
ވިޔަފާރި ގުދަންތަކާއި ގަރާޖާއި ވޯކްޝޮޕްތައް އަދި ސިނާއީ އެހެން މަސައްކަތްތައް ވެސް ކުރާ އެ ޒޯނުގައި މިހާރު އިމާރާތް ކުރެވެނީ އެންމެ އުސްކޮށް ހަ ބުރިއަށެވެ.
އެ އުސޫލު ބަދަލުކޮށް އަށް ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ނިންމީ ހުޅުމާލޭގެ އާބާދީ ބޮޑުވެ، ވިޔާފަރިތައް އިތުރުވުމާ އެކު، އިންޑަސްޓުރިއަލް ޒޯނަށް އޮންނަ ޑިމާންޑު ބޮޑުވަމުން ދިއުމާ ގުޅިގެން ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ބަދަލާ އެކު އިންޑަސްޓްރިއަލް ސަރަހައްދުގައި ހުރި އިމާރާތްތަކުގައި ހިދުމަތް ދޭ ފަރާތްތަކަށް މިހާރަށް ވުރެ ރަނގަޅު ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށާއި އެ ވިޔަފާރިތައް އިތުރަށް ފުޅާ ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެން ދާނެ ވެސް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ އިމާރާތް ކުރުމުގެ އުސޫލަށް ގެނައި ބަދަލާއެކު ވިޔަފާރިތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.
ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާރިކުރުމުގެ ހުއްދަ ދިނުމަށް ވެސް އެޗްޑީސީން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ.










