ބާސެލޯނާ (އޭޕްރީލް 30) - ސްޕެނިޝް ލީގުގައި މިރޭ ގްރަނާޑާ އިން ފަހަތުން އަރައި 2-1 އިން ލީގުގެ އެއް ވަަނަ އަށް އަރަން ނުކުތް ބާސެލޯނާ ބަލިކޮށްފި އެވެ.
ލީގުގެ ރޭހުގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ފަހަތަށް ޖައްސާލައި މިރޭ ގްރަނާޑާ ބަލިކޮށް ލީގުގެ އެއް ވަނަ އަށް އެރުމުގެ ދޮރު ބާސެލޯނާ އަށް އޮތީ ހުޅުވިފަ އެވެ. އެކަމަކު ބަލިވުމުން އެ ޓީމު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި އޮތް އެތުލެޓިކޯ އަށް 33 މެޗުން ލިބިފައިވަނީ 73 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ރެއާލާއި ތިން ވަނައިގައި އޮތް ބާސެލޯނާ އަށް 33 މެޗުން ލިބުނީ 71 ޕޮއިންޓެވެ. ރެއާލް ކުރީގައި އޮތީ ހެޑް ޓު ހެޑް ގަވާއިދުންނެވެ.
ކުރިއަށް އޮތް މެޗުތަކަށް ބަލާއިރު ލީގުގެ ރޭހުގައި އެންމެ މުހިއްމުވާނީ އަންނަ މަހު އަށް ވަނަ ދުވަހު އެތުލެޓިކޯ އާއި ބާސެލޯނާ ކުޅޭ މެޗެވެ.
މެޗުގެ 24 ވަނަ މިނިޓްގައި އެންޓޮއިން ގްރީޒްމަން އާއި ލިއޮނަލް މެސީގެ ކޮމްބިނޭޝަނަކަށް ފަހު ބާސެލޯނާ އިން ލީޑުނެގި އެވެ. މި ގޯލު ޖެހީ ލީގުގައި އެންމެ ގިނަ ގޯލު ޖެހި މެސީ އެވެ. ދެ ވަނަ ގޯލު ޖަހަން ބާސެލޯނާ އިން ކުރި މަސައްކަތް ކާމިޔާބުނުވިއިރު، ގްރަނާޑާ އިން ނަތީޖާ އަނބުރާލީ މެޗުގެ ފަހު ހާފުގަ އެވެ.
ގްރަނާޑާ އަށް އެއްވަރުކޮށްދިނީ މެޗުގެ 63 ވަނަ މިނިޓްގައި ވެނެޒުއޭލާގެ ފޯވާޑް ޑާވިން މާޗިސް އެވެ. އޭގެ ފަހުން ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނި އެއްޗެއްގެ ސަބަބުން ވަނީ އޭނާ އަށް ރަތް ކާޑެއް ދައްކައިފަ އެވެ. މެޗުގެ 79 ވަނަ މިނިޓްގައި ގްރަނާޑާ މޮޅުކޮށްދިން ގޯލު ޖެހީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޯޖް މޮލީނާ އެވެ.
މިއީ ފާއިތުވި 23 މެޗުގެ ތެރޭގައި ބާސެލޯނާ ބަލިވި ދެ ވަނަ ފަހަރެވެ. ކޫމަން ބުނީ ހަގީގަތަކީ އޭނާގެ ޓީމުން މެޗުގެ މުހިއްމު ވަގުތުގައި ފޯކަސް ގެއްލުވާލީ ކަމަށާއި މި ނަތީޖާއާ އެކު ލީގުގެ ރޭހުގައި އަމިއްލަ ބާރު ގެއްލުމުން ދެން ޖެހޭނީ ކުރިން ކުރި މަސައްކަތް ތަކުރާރުކޮށް ލީގުގެ ކުރިއަށް އެރޭތޯ މަސައްކަތްކުރުން ކަމަށެވެ.












