Header
Logo
team logo

ސްޕެއިން

ސްޕެއިނުން ވަނީ މެދުކެނޑުމެއް ނެތި އެންމެ ފަހުން ބޭއްވި 11 ވޯލްޑް ކަޕްގައި ވެސް ވާދަކޮށްފަ އެވެ. ސްޕެއިނަކީ ވޯލްޑް ކަޕް ކާމިޔާބުުކުރި އަށް ގައުމުގެ ތެރެއިން އެއް ގައުމެވެ. ވޯލްޑް ކަޕްގެ ތަށްޓެއް ހޯދުމަށް ސްޕެއިން ކުރަމުންދިޔަ އިންތިޒާރަށް ނިމުން އައީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. ސްޕެއިނުން ވަނީ 2008 އިން 2012 އާ ދެމެދު ޔޫރަޕާއި ދުނިޔޭގެ ފުޓްބޯޅައިގައި “ރަަސްކަން” ކޮށްފަ އެވެ. ވޯލްޑް ކަޕްގެ އިތުރުން އެ މުއްދަތުގައި ސްޕެއިނުން ވަނީ 2008 އާއި 2012 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ވޯލްޑް ކަޕްގެ އެންމެ ފަހުގެ ދެ މުބާރާތުގައި ސްޕެއިނަށް ދިމާވީ އެންމެ ބޭނުންވި ގޮތެއް ނޫނެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕާއި 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ސްޕެއިނަށް ކުއާޓާ ފައިނަލާ ހަމައަށް ވެސް ނުދެވުނެވެ. ލުއިސް އެންރީކޭގެ ކޯޗުކަމުުގައި ސްޕެއިނުން މި ފަހުން ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިނުން ވަނީ ނިސްބަތުން ޒުވާން ކުޅުންތެރިންތަކެއް ލައިގެން މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. ސްޕެއިން ސެމީގައި ބަލިވީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު ސްޕެއިނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ނޭޝަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދަން އެންމެ ފަހުން ކުޅުުނު ޕްރެޝަރު މެޗުތަކުގައި އެ ޓީމަށް ނަތީޖާ ނެރުމުގައި އެއް ފެންވަރެއްގައި ފޯމު ދެމެހެއްޓިފައިވުމެވެ. ސްޕެއިނުގައި މި ވަގުތު އޮތް ސްކޮޑުގައި ތަޖުރިބާކާރު ކުޅުންތެރިން ނެތުމަކީ ޓީމުގައި ހުރި އުނިކަމެއްގެ ގޮތުގައި ސްޕެއިންގެ ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އެ ވާހަކަތަކަށް ރައްދެއްގެ ގޮތުގައި ސްޕެއިންގެ ކޯޗު އެންރީކޭ ބުނެފައިވަނީ ތަޖުރިބާ ހޯދަން ޖެހޭނީ ވެސް ކުޅުންތެރިންނަށް އެންމެ މަތީ ފަންތީގެ. މުބާރާތްތަކުގައި ކުޅެން ފުރުސަތު ދީގެން ކަމަށެވެ. އަދި ޒުވާން ކުޅުންތެރިން ލައިގެން ކުޅުމުގެ އެ ރިސްކު ނަގަން އެންރީކޭ ހުރީ ތައްޔާރަށެވެ. ޔޫރަޕްގެ ޗެމްޕިއަންކަން ތިން ފަހަރެއްގެ މަތިން ހޯދާފައިވާ ސްޕެއިން އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ސްކޮޑުގައި ޖަރުމަނު އޮތުމަކީ ޗެލެންޖެއްގެ ގޮތުގައި އެންރީކޭ ނުދެކެ އެވެ. އެއީ ނޭޝަންސް ލީގުގައި ސްޕެއިނުން ވަނީ މިދިޔަ އަހަރު ޖަރުމަނު އަތުން ބޮޑު ތަފާަތަކުން މޮޅުވެފަ އެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތަށް މިދިޔަ އަހަރު ސްޕެއިން ޓީމުން ނެގި ސްކޮޑުގައި ރެއާލް މެޑްރިޑްގެ ކުޅުންެތެރިއަކު ނަގާފައި ނުވާތީ ސްޕެއިނުގެ ބައެއް ފުޓްބޯޅަ ސަޕޯޓަރުންގެ ނުރުހުން އެންރީކޭ އަށް އަމާޒުވި އެވެ. އެ ވާހަކަތަކަށް ހުއްޓުމެއް އައީ މި ފަހުން ކުޅުުނު ނޭޝަންސް ލީގުގެ މެޗުތަކަށް ސްޕެއިނުން ނެގި ޓީމުގައި ރެއާލްގެ ކުުޅުންތެރިންނަށް ފުރުސަތު ދިނުމުގެ އިތުރުން މެޗުަތަކުގައި ވެސް ބޭނުންކޮށްފައިވާތީ އެވެ. ސްޕެއިންގައި މި ވަގުތު އޮތީ އެ ގައުމުގެ ސަޕޯޓަރުންގެ އިތުބާރު ހޯދާފައިވާ ސްކޮޑެއް ކަމަށް އެންރީކޭ ގަބޫލުކުރެ އެވެ.