Header
Logo
team logo

ދެކުނު ކޮރެއާ

މިއީ އޭޝިއާ ފުޓްބޯޅައިގައި ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ދެކުނު ކޮރެއާ އިން ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ 11 ވަނަ ފަހަރެވެ. މީގެ ކުރިން ދެކުނު ކޮރެއާ އިން ވޯލްޑް ކަޕްގައި ކުޅުނު ހުރިހާ މުބާރާތްތަކުގެ ތެރެއިން އެ ގައުމުގެ ފުޓްބޯޅައިގެ އުސްއައްޔަކީ 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާން ގުޅިގެން ހޯސްޓްކުރި މުބާރާތެވެ.އެ މުބާރާތުގެ ސެމީ ފައިނަލަށް ދެކުނު ކޮރެއާ ދަތުރުކުރި ގޮތުގެ ވާހަކަ އަކީ ފުޓްބޯޅަ ތާރީހުގައި އެތައް ކަމެއްގެ ވާހަކަ ލިޔެވުނު ފަހަރެކެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ދެކުނު ކޮރެއާ އިން ކުޅުނު ނަމަވެސް އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕްގައި އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ޖެހިޖެހިގެން ހަތަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން މީގެ ކުރިން ދެކުނު ކޮރެއާ ކަޓާފައިވީ ނަމަވެސް އެ ފަދަ ގޯސް ރެކޯޑެއް ތަކުރާރުވާން އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުން ނޭދެ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދެކުނު ކޮރެއާ އިން ވަނީ ޖަރުމަނު ބަލިކޮށްފަ އެވެ. އެންމެ ފަހުން ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ ކެޓި ނަމަވެސް ޖަރުމަނު އަތުން ލިބުނު މޮޅަކީ އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުން ވަރަށް ބޮޑަށް އުފާފާޅުކުރި ކަމެކެވެ. ދެކުނު ކޮރެއާ އިން އެ މެޗުގައި ދެ ގޯލު ވެސް ޖެހީ އިތުރު ވަގުތުގަ އެވެ. އެހެންކަމުން، އެ މެޗުގެ އުފާާފާޅުކުރުން ދިގުލައިދިޔައީ ގިނަ ބަޔަކު އެ ފޯރީގައި ބައިވެރިވުމުންނެވެ. މިހާތަނަށް ދެކުނު ކޮރެއާ އިން ވޯލްޑް ކަޕެއްގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެފައިވަނީ ޔޫރަޕްގެ ގައުމަކަށް ނިސްބަތްވާ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. އެއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނެދަލެންޑްސްގެ މަޝްހޫރު ކޯޗު ގޫސް ހިޑިންކްގެ ކޯޗުކަމުގަ އެވެ. އޭގެ ފަހުން، އަނެއްކާ މި ފަހަރުގެ ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ އިން ނުކުންނާނީ ޔޫރަޕްގެ ކޯޗަކާ އެކު އެވެ. އެއީ 2010-2014 އަށް ޕޯޗުގަލް އަށް އިރުޝާދުދިން ޕައުލޯ ބެންޓޯގެ ބެލުުމުގެ ދަށުންނެވެ. ބެންޓޯ، ދެކުނު ކޮރެއާ ޓީމާ ހަވާލުވީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެވެ. ބެންޓޯގެ ކޯޗުކަމުގައި 2019 ވަނަ އަަހަރު އޭޝިއަން ކަޕްގައި ދެކުނު ކޮރެއާ ކެޓީ ކުއާޓާ ފައިނަލުގައި ގަތަރު އަތުންނެވެ. ބެންޓޯގެ ކޯޗުކަމުގައި ދެކުނު ކޮރެއާގެ ވަކިވަކި ކުޅުންތެރިންނަށް ވެސް ފުރުސަތުތަކެއް ހުޅުވިގެންދިޔަ އެވެ. އެ ގޮތުން ދެކުނު ކޮރެއާގެ ފެންވަރު ރަނގަޅު ކުޅުންތެރިންނަށް ޔޫރަޕްގެ ވަރުގަދަ ލީގުތަކުން ފުރުސަތު ލިބޭ ނިސްބަތް އިތުރުވި އެވެ. މިހާރު ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އަންނަނީ ގަވާއިދުން ކްލަބް ލެވަލްގައި ޔޫރަޕްގައި ކުޅެމުންނެވެ. ޖަރުމަނާއި އިންގްލެންޑް އަދި އިޓަލީ ލީގުގައި ކުޅޭ ކުޅުންތެރިން ހިމެނޭ ގޮތަށް އޮތް ދެކުނު ކޮރެއާ ޓީމުން މި ފަހަރުގެ ވޯލްޑް ކަޕްގައި އާދަޔާހިލާފު ނަތީޖާއެއް ނެރެން މަސައްކަތް ކުރަން ޖެހެ އެވެ. އެއީ އެ ޓީމު ހިމެނެނީ ނިސްބަތުން ބަލާއިރު، ވަރުގަަދަ ގްރޫޕެއްގައި ކަމަށްވާތީ އެވެ.