Header
Logo
team logo

ސާބިއާ

ސާބިއާގެ ވޯލްޑް ކަޕް ތާރީހު އޮތީ ހަތަރު މަރުހަލާ އަކަށް ބެހިފަ އެވެ. އެ ގޮތުން 1930 އިން 1938 އަށް ސާބިއާ ކުޅެފައިވަނީ ކިންގްޑަމް އޮފް ޔޫގޯސްލާވިއާގެ ނަމުގަ އެވެ. އޭގެ ފަހުން 1950 ވަނަ އަހަރުން ފެށިގެން1990 ވަނަ އަހަރާ ހަމައަށް ވާދަކުރީ ސޯޝަލިސްޓް ފެޑެރަލް ރިޕަބްލިކް އޮފް ޔޫގޯސްލާވިއާގެ ނަމުގަ އެވެ. ހަމައެކަނި ޔޫގޯސްލާވިއާގެ ނަމުގައި 1994 އިން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ކުޅުނެވެ. އޭގެ ފަހުން ސާބިއާ. ފެނުނީ މޮންޓަނެގްރޯއާ އެކު އެވެ. މިހާރު މި އޮތް ގޮތަށް ހަމައެކަނި ސާބިއާގެ ނަމުގައި ވޯލްޑް ކަޕްގައި ވާަދަކުރަން ފެށީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ. ސާބިއާގެ ނަމުގައި މިހާތަނަށް ވާދަކޮށްފައިވާ ތިން ވޯލްޑް ކަޕުން ވެސް އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އެއީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތާއި 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި މުބާރާތުގެ އިތުރުން އެންމެ ފަހުން، 2018 ވަނަ އަހަރު ރަޝިއާގައި ކުރިއަށްގެންދިޔަ ވޯލްޑް ކަޕްގަ އެވެ. ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނިގެން ކުޅޭ ޓީމުތަކުގެ ތެރެއިން މިހާތަނަށް ވޯލްޑް ކަޕެއްގައި އެކަށީގެންވާ ކާމިޔާބީއެއް ލިބިފައިނުވާ ގައުމުތަކުގެ ތެރޭގައި ސާބިއާ ހިމެނެ އެވެ. ސާބިއާގެ ނަމުގައި އެ ޓީމުން ވޯލްޑް ކަޕްގައި ވާދަކުރަން ފެށި ފަހުން، ކުޅުނު ތިން ވޯލްޑް ކަޕްގައި ވެސް އެ ޓީމުގައި އޮތީ ދުނިޔޭގެ ފެންވަރަށް ބެލިޔަސް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ވަރުގެ ޓީމެކެވެ. އެކަމަކު، އެ ޓީމު ފެނުނީ ވަރަށް އާދައިގެ ގޮތަކަށެވެ ޔޫގޯސްލާވިއާ ގައުމީ ޓީމަށް ކުރިން ކުޅުނު މިޑްފީލްޑަރު، ޑްރަގަން ސްޓޮއިކޮވިޗް ސާބިއާ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ މާޗް މަހުގަ އެވެ. ސްޓޮއިކޮވިޗްގެ ކޯޗުކަމުގައި ސާބިއާގެ ނަތީޖާތައް ރަނގަޅެވެ. އޭނާ އަކީ ސާބިއާ ގޮވައިގެން މަތީ ލެވަލަކަށް ދެވިދާނެ ކޯޗެއްގެ ގޮތުގައި ސާބިއާގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ގަބޫލުކުރެވުނީ ޕޯޗުގަލް އޮތް ކޮލިފައިން ގްރޫޕެއްގެ އެއް ވަނަ ހޯދައިގެން ސާބިއާ ވޯލްޑް ކަޕްގެ ޖާގައެއް ހޯދާފައިވުމުންނެވެ. ސާބިއާ ޓީމުގައި މި ވަގުތު ގިނަ އަދަދަކަށް ހިމެނެނީ ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި ގަވާއިދުން ކުޅޭ ކުޅުންތެރިންނެވެ. އެ ގޮތުން، ސާބިއާގެ ކެޕްޓަނެއްގެ ގޮތުގައި ހުރީ އަަޔަކްސްގެ ތަރި ޑޫސާން ޓަޑިޗް އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް އަށް ކުޅޭ އަލެކްސަންޑާ މިޓްރޯވިޗް އާއި ޔުވެންޓަސްގެ ޑޫސާން ވްލަހޯވިޗް އަދި ފިލިޕް ކޮސްޓިޗް އަކީ މި ފަަހަރުގެ ވޯލްޑް ކަޕުގައި ސާބިއާ އަށް ތާރީހީ ކާމިޔާބީއެއް ހާސިލްކުރަން ކުރާ މަސައްކަތުގައި ބޮޑު ތަފާތެއް ގެނެވޭނެ ކުޅުންތެރިންނެވެ. ބްރެޒިލާ އެއް ގްރޫޕެއްގައި ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ސާބިއާ އޮތްއިރު، އެ ގްރޫޕްގައި ދެން ހިމެނޭ ކެމަރޫނާއި ސްވިޒަލެންޑާ ވާދަކޮށް، ސާބިއާ އަށް އެ ނަމުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ވާދަކުރުމުގެ ފުރުސަތު ފެންނަނީ ބޮޑުކޮށެވެ.