Header
Logo
team logo

ގަތަރު

ފީފާ ވޯލްޑް ކަޕްގެ ލެވަލަށް ބަލާނަަމަ ގަތަރަކީ މުޅިން އާ ނަމެކެވެ. މި ފަހަރުގެ ވޯލްޑް ކަޕުން ގަތަރަށް ފުރުސަތު ލިބިގެންދިޔައީ، ހޯސްޓްގެ ގޮތުގަ އެވެ. ގަތަރަށް ވޯލްޑް ކަޕްގެ ފުރުސަތު ދިން ގޮތަކީ ވެސް ގިނަ ބަޔެއްގެ “ތުހުމަތުގެ އިނގިލި” އެކި ކަންކަމަށް އަމާޒުވި ކަމެކެވެ. އެންމެ ފަހުން ބޭއްވި އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ހޯދި ގަތަރަކީ މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު،ގިނަ ބަޔެއްގެ ނަޒަރުގައި މާ ބޮޑު އުންމީދުތަކެއް ގުޅިފައި ވެސް އޮތް ޓީމަކަށް ނުވުމުގެ ފުރުސަތު ބޮޑެވެ. ސަބަބަކީ ގަތަރުގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިން ވެސް ނެތުމާއި، މި ލެވަލްގެ ފުޓްބޯޅަ އަށް އެ ޓީމު “އާ ވުމުގެ މައްސަލަ” ތައް ކުރިމަތިވާތީ އެވެ. ގަތަރުން ފުޓްބޯޅަ ޓީމެއް އެކުލަވާލުމުގައި ވެސް އަމަލުކޮށްފައިވަނީ ފާޑުކިޔުން އަމާޒުވާ ގޮތަށެވެ. އެ ގޮތުން އެފްރިކާ ބައްރާއި ދެކުނު އެމެެރިކާގައި ތިބި ހުނަރުވެރި ކުޅުންތެރިން ގަތަރުގެ ރަށްވެހިންގެ ގޮތުގައި ހަދައި، ގައުމީ ޓީމަށް އެ ކުޅުންތެރިން ލައްވައި ކުޅުވުމުން، ގިނަ ބަޔަކު އެކަމާ ނުރުހުން ފާޅުކުރެ އެވެ. ވޯލްޑް ކަޕާ ކުރިމަތިލާއިރު، ގަތަރަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އެ ގައުމުގެ ފުޓްބޯޅަ ވައްޓަފާޅި އަށް ފަރިތަ ކޯޗެއް ހުރުމެވެ. ބާސެލޯނާގެ ޔޫތު ފުޓްބޯޅަ ސިސްޓަމްގެ ތެރެއިން އައި ކޯޗެއް ކަމަށްވާ، ފީލިކްސް ސަންޗޭޒް އެންމެ ފުރަތަަމަ ގަތަރަށް އައީ 2006 ވަނަ އަހަރު ގަތަރުގެ އެސްޕަޔާ އެކެޑަމީ އަށެވެ. އެ އެކެޑަމީގައި ޔޫތު ސެޓަޕެއް ގާއިމްކޮށް، 2013 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރި އެވެ. އޭގެ ފަހުން، ގަތަރު ފުޓްބޯޅަ ފެޑެރޭޝަނުން ފެށި ޕްރޮޖެކްޓެއްގެ މޭސްތިރިއެއްގެ ގޮތުގައި ފީލިކްސް ހަމަޖައްސައި، 2013 ވަނަ އަހަރު ފީލިކްސް އަށް ދިނީ ގަތަރުގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމެވެ. އެ ޓީމުގައި ތިން އަހަރު ހޭދަކޮށް، އޭގެ ފަހުން އިތުރު ތިން އަހަރު ގަތަރުގެ 23 އަހަރުން ދަށުގެ ޓީމުގައި ވެސް މަސައްކަތް ކުރި ސީނިއާ ޓީމުގެ ކޯޗުކަމާ އެކު އެވެ. ފީލިކްސްގެ ކޯޗުކަމުގައި ޔޫތު ކުޅުންތެރިން ޑިވެލޮޕްވުމާއި ކުރިއެރުން ފެންނާތީ، ގަތަރު ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ ގަތަރު ސީނިއާ ޓީމުގެ ކޯޗުކަން އޭނާއާ ދާއިމީ ކޮންޓްރެކްޓެއްގައި ހަވާލުކުރާށެެވެ. އެ ޒިންމާއާ ފީލިކްސް ހަވާލުވެ، މިހާތަނަށް ވެސް ޓީމަށް މުހިންމު ބަދަލުތަކެއް ގެނެސްފަ އެވެ. މީގެ ތިން އަހަރު ކުރިން ދުނިޔޭގެ އެންމެ ގައުމު ގިނަ ބައްރު، އޭޝިއާގެ ޗެމްޕިއަންކަން ގަތަރަށް ހޯދައިދިން ފީލިކްސް ގަބޫލުކުރާގޮތުގައި މި ފަހަރުގެ ވޯލްޑް ކަޕްގައި ގަތަރަށް އޮތް ފުރުސަތަކީ، ހާއްސަ ކަމެކެވެ. އެއީ އަމިއްލަ ގައުމުގެ ފުޓްބޯޅައިގެ ތެރެއިން ޑިވެލޮޕްވެ، އަމިއްލަ ގައުމުގެ ކްލަބްތަކުގައި ކުޅޭ ކުޅުންތެރިންތަކެއް ލައިގެން، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ގައުމުތަކާއި ކުޅުންތެރިންނާ ކުޅެލަން ލިބުމެވެ. އެ ޗެލެންޖް ޝައުގުވެރިކުރަން ގަތަރުން ބޭނުންހިފާނީ އެ ގައުމުގެ ސަޕޯޓަރުންގެ ކަމަށް ގަތަރުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެ އެވެ.