Header
Logo
team logo

މެކްސިކޯ

މިއީ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މެކްސިކޯގެ 17 ވަނަ ފެނިލުމެވެ. މެކްސިކޯ އަކީ ވޯލްޑް ކަޕްގައި ގިނަ ފަހަރުތަކެއްގެ މަތިން ވާދަކުރި ނަމަވެސް ސެމީ ފައިނަލާ ހަމައަށް ދަތުރުނުކުރެވި އޮތް މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. މިއީ މެކްސިކޯ އިން މެދުކެނޑުމެއް ނެތި ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އަށް ވަނަ ފަހަރެވެ. އަމިއްލަ ގައުމުގައި ދެ ފަހަރެއްގެ މަތިން ފީފާ ވޯލްޑް ކަޕް ހޯސްޓް ކުރި މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ މެކްސިކޯ އިން މުބާރާތުގައި ރެކޯޑް ރަނގަޅީ ވެސް އަމިއްލަ ފަސްގަނޑުގައި ކުޅޭއިރު އެވެ. މެކްސިކޯ އިން މިހާތަނަށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ދެ ފަހަރު، 1970 އާއި 1986 ވަނަ އަހަރު މުބާރާތް ހޯސްޓްކުރީ އެ ގައުމުގަ އެވެ. އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުން ފެށިގެން މިހާތަނަށް މި މުބާރާތް ބޭއްވި ހަތް ފަހަރު ވެސް މެކްސިކޯ ކަޓާފައިވަނީ ގަދަ 16 ޓީމުގެ ބުރުންނެވެ. މެކްސިކޯ އަށް މިހާރު އޮތް އެންމެ ބޮޑު ޗެލެންޖަކީ، ގަދަ 16 ޓީމުގެ ބުރުން ކެޓުމުގައި މި އޮތް ބަދުނަސީބު ރެކޯޑުން އަރައިގަތުމެވެ. މެކްސިކޯގެ ކޯޗަކަށް ހުރި ޖެރާޑޯ މާޓީނޯ (ޓަޓާ) ވަނީ މީގެ ކުރިން އާޖެންޓީނާ ގައުމީ ޓީމާއި ބާސެލޯނާ އަށް ވެސް ކޯޗުކޮށްދީފަ އެވެ.. މީގެ ތިން އަހަރު ކުރިން، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ޓަޓާ، މެކްސިކޯގެ ކޯޗުކަމަށް ގެނައީ އެ ޓީމު ޒުވާންކޮށް، މުސްތަގުބަލަށް ޓީމެއް ބިނާކޮށް،ކާމިޔާބު ހޯދުމުގެ ގޮތުންނެެވެ. ޓަޓާގެ މަސައްކަތަށް އިތުބާރު ލިބުނީ މިދިޔަ އަހަރު އެމެރިކާ ބަލިކޮށް ގޯލްޑް ކަޕް ޗެމްޕިއަންކަން މެކްސިކޯ އިން ހޯދުމުންނެވެ. ފަހަކަށް އައިސް މެކްސިކޯ އަށް ނިސްބަތްވާ ކުޅުންތެރިން ޔޫރަޕްގެ ތަފާތު ލީގުތަކުގައި ވަނީ ކުޅެން ފަށައިފަ އެވެ. އެ ގޮތުން މެކްސިކޯ ޓީމުގެ މުހިންމު ރޯލެއް ކުޅޭ ކުޅުންތެރިން ކަމަށްވާ، އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސް އަށް ކުޅޭ ރައުލް ހިމެނޭޒާއި އިޓަލީގެ ނަޕޯލީ އަށް ކުޅޭ ހާވިން ލޮޒާނިއޯ އަދި ރެއާލް ބެޓިސް އަށް ކުޅޭ ތަޖުރިބާކާރު މިޑްފީލްޑަރު، އަންދްރެސް ގުއާޑާޑޯ އަކީ ކޯޗު ޓަޓާގެ ޕްލޭނުގައި އިސް ރޯލެއް އަދާކުރާނެ ކުޅުންތެރިންނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯ އާއި އާޖެންޓީނާ އެއް ގްރޫޕެއްގައި އޮތްއިރު، މި ދެ ޓީމުގެ ކުރިމަތިލުމަކީ ގިނަ ސަޕޯޓަރުންގެ ސަމާލުކަން ހުއްޓޭނެ މެޗެެކެވެ. މީގެ ކުރިން ވެސް ކޮޕަ އެމެރިކާ އަށް މެކްސިކޯ އަށް ދައުވަތު ދީގެން ކުޅުނު ފަހަރުތަކުގައި މެކްސިކޯ އާއި އާޖެންޓީނާގެ މެޗުތައް ފެނުނީ ވާދަވެރިކޮށެވެ. މެކްސިކޯ އިން މި ފަހަރުގެ ވޯލްޑް ކަޕަށް ނުކުންނައިރު، އެ ޓީމަކީ ދެން އޮތް ވޯލްޑް ކަޕް ހޯސްޓް ކުރާ ތިން ގައުުމުގެ ތެރެއިން އެއް ގައުމެވެ. އެހެންކަމުން، މި ފަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯ އިން ދެން އޮތް ވޯލްޑް ކަޕަށް ވެސް ފިލާވަޅުތަކެއް ނަގާނެ އެވެ.