Header
Logo
team logo

ޖަރުމަނު

ޖަރުމަނުން އެންމެ ފުރަތަމަ 1930 އިން 1938އަށް ފުޓްބޯޅައިގައި ބައިވެރިވީ ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަންގެ ނަމުގަ އެވެ. އޭގެ ފަހުން، 1950 އިން 1990 އަށް ޖަރުމަނު ކުޅެފައިވަނީ ހުޅަގު ޖަރުމަނުގެ ނަމުގަ އެވެ. ޖަރުމަނުގެ ނަމުގައި އެ ޓީމު ކުޅެން ފެށީ 1994 އިން ފެށިގެންނެވެ. ފީފާ އިން ޖަރުމަނުގެ ކާމިޔާބީގެ ރެކޯޑް ބަލަހައްޓާަފައިވަނީ ތިން ނަމެއްގައި މިހާތަނަށް ވާދަކޮށްފައިވީ ނަމަވެސް އެއް ގައުމެއްގެ ގޮތުގަ އެވެ. އެ ގޮތުން، ޖަރުމަނުން ވަނީ މިހާތަނަށް ހަަތަރު ފަހަރެއްގެ މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެންމެ ފުރަތަމަ ޖަރުމަނުން ވޯލްޑް ކަޕް ކާމިޔާބުކުރީ 1954 ވަނަ އަހަރު ސްވިޒަލެންޑްގައި ބޭއްވި މުބާރާތެވެ. އޭގެ ފަހުން،1974 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތާއި 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި މުބާރާތް ވެސް ކާމިޔާބުކުރި އެވެ. އަދި އެންމެ ފަހުން ޖަރުމަނުން ވޯލްޑް ކަޕްެގެ ތަށި އުފުލާލީ 2014 ވަނަ އަހަރު ބްރެޒިލްގަ އެވެ. ޖަރުމަނުން ވަނީ ވޯލްޑް ކަޕްގެ ފައިނަލުގައި ޖުމްލަ އަށް ފަހަރު ކުޅެފަ އެވެ. ހަތަރު ފަހަރު ރަނަަރަޕްގެ ގޮތުގައި ފަރުޖައްސާލަން ޖެހުނު ޖަރުމަނުން ވަނީ ހަތަރު ފަހަރު މުބާރާތުގެ ތިން ވަނަ ވެސް ހޯދައިފަ އެވެ. މިހާތަނަށް 20 ވޯލްޑް ކަޕެއްގައި ޖަރުމަނު ވާދަކޮށްފައިވާއިރު، އެ ގައުމުގެ އެންމެ ރެކޯޑް ދަށީ އެންމެ ފަހުން ފަހަރު، 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަަހަރު ޖަރުމަނު ގްރޫޕް ސްޓޭޖުން ކެޓީ ކުުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެގެންނެވެ. މިއީ ވޯލްޑް ކަޕް ތާރީހުގައި ވެސް ޖަރުމަނަށް ކުރިމަތިވި އެންމެ ބޮޑު ވެއްޓުމެވެ. އެކަމުން އަރައިގަންނަން ޖަރުމަނުން މަސައްކަތް ފަށައި އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރި އެެވެ .އެކަަމަކު، އެ މުބާރާތުގެ ގަދަ 16 ބުރުން އެ ޓީމު ކެޓީ އެވެ. ޔޫރޯގެ ނާކާމިޔާބީ އަށް ފަހު، ޖަރުމަނުގެ ކޯޗުކަން 14 އަހަރަށް ފަހު ޔަކީމް ލޯ ވަނީ ދޫކޮށްލައިފަ އެވެ. ލޯ އަށް ފަހު ޖަރުމަނުގެ ކޯޗަކަށް ގެނައީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، ލޯ ގެ އެސިސްޓަންޓަކަށް ހުރި ހަންސީ ފްލިކް އެވެ. ފްލިކް ޖަރުމަނުގެ ޓީމާ ހަވާލުވެ. މިހާތަނަށް ވަނީ ނިސްބަތުން ބަލާއިރު ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން، ފްލިކް މިހާތަނަށް އިރުޝާދު ދިން 15 މެޗުގެ ތެރެއިން އެ ޓީމު ހަމައެކަނި ބަލިވީ ހަންގޭރީ އަތުންނެވެ. ޖަރުމަނުން މި ފަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލާނީ ޖެހިޖެހިގެން ތިން މުބާރާތުގައި އެކަށީގެންވާ ކާމިޔާބެއް ނުލިބި އެވެ. އެއީ 2018ގެ ވޯލްޑް ކަޕާއި 2020 ވަނަ އަހަރުގެ ޔޫރޯ އާއި މިހާރު ކުރިއަށްދާ ޔުއެފާ ނޭޝަންސް ލީގުންނެވެ. ޖަރުމަނު ފުޓްބޯޅަ މިވަގުތު ވެއްޓިފައި އޮތް އަޑިގަނޑުން ނަގައިދޭން ފްލިކް އަކީ އެންމެ އެކަށޭނެ ކޯޗު ކަމަށް އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑުން ވަނީ ބުނެފަ އެވެ. އަދި މީގެ ދެ އަހަރު ކުރިން ބަޔާން މިއުނިކްގައި ހުރެ ފްލިކް ސީޒަނުގެ ހަ މުބާރާތް ކާމިޔާބުކޮށް ދެއްކި ވަރުގެ ތަފާތެއް ޖަރުމަނު ޓީމުގައި ހުރެ ދެއްކުމަކިީ އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުންގެ އުންމީދެވެ.