Header
Logo
team logo

އިންގްލެންޑް

ވޯލްޑް ކަޕެއްގައި އެންމެ ގިނަ ބަޔެއްގެ ލޯ އަމާޒުވާ އެއް ގައުމީ އިންގްލެންޑް އެވެ. އޭގެ ސަބަބުތައް ވަރަށް ގިނަ އެވެ. އިންގްލެންޑުން 1966 ވަނަ އަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، އެ ނޫން ހުރިހާ ފަހަރެއްގައި ވެސް އެ ގައުމުގެ ފުޓްބޯޅަ އަށް ފާޑުކިޔުން އިންތިހާ އަށް އަމާޒުވަނީ ކޮންމެ ފަހަރަކު ވެސް މުބާރާތުގެ ތެރެއިން އެކި ކަހަލަ ކަންތައްތައް ކުރިމަތިވާތީ އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ ލީގު، އިނގިރޭސި ޕްރިމިއާ ލީގަށް ބަލައިގެން ގިނަ ބަޔަކު އިންގްލެންޑް ޓީމާ މެދު ގޮތް ނިންމާއިރު، އެ ލީގުގެ ފެންވަރުގެ ކުޅުމެއް އިންގްލެންޑަށް ވޯލްޑް ކަޕާއި ޔޫރޯ ފަދަ މުބާރާތްތަކުގައި ނުދެއްކޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެކަމަކު، އެންމެ ފަހުން ބޭއްވި ބޮޑު ދެ މުބާރާތުގައި ކަންކަން ބަދަލުވަމުން އަންނަ ކަމުގެ އިޝާރާތެއް، އިނގިރޭސި ކޯޗު ގަރެތު ސައުތުގޭޭޓްގެ ފަރާތުން ފެނިފައިވާ ކަމަށް އިނގިރޭސި ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ. އިންގްލެންޑުން ވަނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގަަޔާއި މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކުޅެފަ އެވެ. ޔޫރޯ ފައިނަލުގައި އަމިއްލަ ގައުމުގައި އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން އިންގްލެންޑް ބަލިވިއިރު، އޭގެ ފަހުން، އިންގްލެންޑަށް ނަތީޖާ ނެރުމަށް ވަނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕާ އިންގްލެންޑް ކުރިމަތިލާނީ އެ ގައުމުގެ ފުޓްބޯޅަ ތާރީހަށް ބެލިޔަސް ނަތީޖާ ނެރުމުގައި ދަށް ރެކޯޑަކާ އެކު އެވެ. ވޯލްޑް ކަޕްގެ ތަށި ހޯދި އަށް ޓީމުގެ ތެރޭގައި އިންގްލެންޑް ހިމެނުމަކީ މި ފަހަރުގެ މުބާރާަތަށް ދާއިރު އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމެއް ކަމުގައި ވިޔަސް، މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ފާޑުކިޔުން އަމާޒުވާނެ އެއް ޓީމަކީ ވެސް އިންގްލެންޑް އެވެ.. މުބާރާތަށް އިންގްލެޑުން ނަގާނެ ސްކޮޑެއްގެ ބަހުސްތައް އިނގިރޭސި މީޑިއާތަކުން ތަކުރާރުކޮށްކުރަމުން އަންނައިރު، އިންގްލެންޑްގެ ކޯޗުކަމުން މުބާާރާތުގެ ކުރިން ސައުތުގޭޓް ވަކިކުރަން ވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އިންގްލެންޑް ނެތި ވޯލްޑް ކަޕެއް ކުރިއަށްދިޔައީ ތިން ފަހަރު އެވެ. އިންގްލެންޑުން ވަނީ މުބާރާތުގެ ސެމީ ފައިނަލުގައި ދެ ފަހަރު، ކުއާޓާ ފައިނަލުގައި ފަސް ފަހަރު ކުޅެފަ އެވެ. ވޯލްޑް ކަޕެއް ކާމިޔާބުކުރި ގައުމުތަކުގެ ތެރެއިން އެންމެ މަދުން ފައިނަލް ކުޅުނު ގައުމަކީ އިންގްލެންޑް އެވެ. ފުޓްބޯޅައިގެ ފޯރި އިންގްލެންޑްގައި ގަދަވާ އެންމެ ބޮޑު ސަބަބަކީ އެ ގައުމުގެ މީޑިއާ އެވެ. އިނގިރޭސި މީޑިއާ އިން އެ ގައުމުގެ ފުޓްބޯޅަ ޓީމު، ޕްރެޝަރަށް ދުއްވާލާ ކަމުގެ ވާހަކަ އަކީ ޒަމާނުއްސުރެ ދެކެވޭ އެއް ވާހަކަ އެވެ. އިނގިރޭސި ފުޓްބޯޅައިގައި ދެހާހުގެ ކުރީކޮޅުގައި އޮތް ރަން ޖީލަށް ކާމިޔާބެއް ނުހޯދުނީ މީޑިއާގެ ސަބަބުން ކަމަށް، އެ ގައުމުގެ ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުގެ ލިޔުންތަކުން އެ ހުރީ ފެންނާށެވެ. މިހާރު އޮތް އިނގިރޭސި ޓީމުން ވެސް މި ވަނީ ދެ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ހޯދައި، ސަޕޯޓަރުންގެ އުންމީދުތައް މަތިކޮށްފަ އެވެ. އެއީ ވެސް މުބާރާތަށް ދާއިރު، އިންގްލެންޑަށް ޕްރެޝަރު ބޮޑުވާނެ ސަބަބެކެވެ. އެކަމަކު، އިންގްލެންޑަށް ފަހު ވަގުތު ދިމާވި އަނިޔާގެ މައްސަަލަތަކުގެ ސަބަބުންމި ފަހަރުގެ މުބާރާތުގައި ބައެއް ތަރިން ނުފެންނާނެ އެެވެ.