Header
Logo
team logo

ބެލްޖިއަމް

ފީފާ ރޭންކިން އަށް ބަލާއިރު، މިދިޔަ ހަތް ވަރަކަށް އަހަރު ތެރޭ ބެލްޖިއަމްގެ ނަން ގަދަ ހަ ގައުމުގެ ތެރޭގައި އަބަދުވެސް އޮވެ އެވެ. ބެލްޖިއަމުން މި ވަގުތު ގުނަމުން އަންނަނީ އެ ގައުމުގެ ފުޓްބޯޅައިގެ ރަން ޖީލުގެ ދުވަސްތަކެވެެ. ބެލްޖިއަމް ފުޓްބޯޅައިގެ ރަން ޖީލު އޮވެގެން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަން ފެށީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް އިން ފެށިގެންނެވެ. ބެލްޖިއަމުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯ އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާަދަކޮށް އެ ޓީމުގައި ތިބި ކުޅުންތެރިންގެ ލެވަލްގެ ކާމިޔާބެއް ،ނުލިބެ އެވެ. އެންމެ ފަހުން ވޯލްޑް ކަޕްގެ ތިން ވަނަ ލިބުނުއިރު، މިދިޔަ އަހަރު ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުންބެލްޖިއަމް ވަނީ ބަލިވެފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ ބެލްޖިއަމްގައި މިހާރު އޮތް ސްކޮޑުގެ ގިނަ ކުޅުންތެރިން ކެރިއަރުގައި ރަނގަޅު ހިސާބެއްގައި ތިބެ، ކުޅެލަން ލިބޭނެ ފަހު ވޯލްޑް ކަޕް އެވެ. އަދި މި ފަަހަރުގެ ވޯލްޑް ކަޕަކީ ބެލްޖިއަމްގައި ކާމިޔާބެއް ހޯދަން އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓީނޭޒް އަށް ލިބޭނެ ފަހު ފުރުސަތު ކަމަށް އެ ގައުމުގެ ފުޓްބޯޅަ ތަޖުރިބާކާރުން ބުނެ އެވެ. ބެލްޖިއަމުން އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ 1930 ވަނަ އަހަރު އެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ އެ ޓީމުން ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ 14 ވަނަ ފަހަރެވެ. އެންމެ ފަހުން ދެ ވޯލްޑް ކަޕަށް ބަލާއިރު ފަހަރަކަށް ވުރެން ފަހަރެއް ބެލްޖިއަމަށް ވަނީ ކުރިއެރުން ލިބިފަ އެވެ. އެ ގޮތުން 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ބަލިވިއިރު،އެންމެ ފަހުން ފަހަރު ސެމީގައި ބަލިވި ނަމަވެސް ވަނީ ތިން ވަނަ ހޮވާ މެޗުގައި އިންގްލެންޑް ބަލިކޮށްފަ އެވެ. ވޯލްޑް ކަޕަށް މި ފަހަރު ސްކޮޑު ނަގަން ބަލާއިރު، އެންމެ ޗެލެންޖިން މަސައްކަތެއް ކުރަން ޖެހޭ ގައުމުތަކުގެ ތެރޭގައި ބެލްޖިއަމް ހިމެނެ އެވެ. ސަބަބަކީ އެއް ފެންވަރެއްގައި މޮޅު ކުޅުމެއް ދައްކާ އެއް މަގާމަށް ކުޅޭ ގިނަ އަދަދެއްގެ ކުޅުންތެރިން ތިބުމެެވެ. ސްކޮޑެއް އެކުލަވާލުމުގެ ބޮލުގެ ރިހުމުގެ އިތުރުން ދެން މާޓިނޭޒް ވިސްނަން ޖެހޭ އަނެއް ކަމަކީ ޓީމުގެ މުހިންމު ބައެއް ކުުޅުންތެރިންގެ ފިޓްނަސް މައްސަލަ އެވެ.އެ ގޮތުން ބެލްޖިއަމް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ރޮމެލޫ ލުކާކޫ އާއި ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަށް ވަނީ ފިޓްނަސްގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ކޮންމެ ބޮޑު މުބާރާތެއް ބޯމަތިވާއިރު، ފުޓްބޯޅަ ސަޕޯޓަރުން ޓީމުތައް މިނެކިރަައި، މުބާރާތް ކާމިޔާބުކުރާނެ ފޭވަރިޓުންގެ ގޮތުގައި ކަނޑައަޅާ ޓީމުތަކުގެ ތެރޭގައި ބެލްޖިއަމް ހިމެނެ އެވެ. ބެލްޖިއަމަށް އޮތް ޗެލެންޖަކީ ސަޕޯޓަރުންގެ އުންމީދާ އެއްވަރުގެ ކާމިޔާބެއް ހޯދުމެވެ.