about 3 hours 1
ހަސަން މުހައްމަދު
އާޓްވޯކް: އިސްމާއިލް އިމްދާދް / އަދަދު
about 3 hours 1
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އާންމުންގެ ޒާތީ މައުލޫމާތު ވަގަށް ހޯދައި، އެ ޕާޓީއަށް އާންމު ރައްޔިތުން ބައިބަޔަށް ވެއްދުމަށް އެ މައުލޫމާތުތައް ބޭނުންކޮށްފި އެވެ.
ސޯޝަލް މީޑިއާ ފުރި، ބަންޑުން އެ ވަނީ އާންމުންގެ ޝަކުވާތަކުންނެވެ. މިވެނި ޕާޓީއެއްގެ ދަފުތަރުން ވަކިކޮށް، އެއްވެސް ޕާޓީއެއްގެ ދަފުތަރުގައި ނެތް މީހަކު، މިހާރު ޕީއެންސީގެ ދަފުތަރުގައި ވަގަށް ޖެއްސި މައްސަލަ އެވެ.
ޒާތީ މައުލޫމާތުން ވައްކަން ކުރަމުންދިޔަ މަންޒަރުގެ ފޮޓޯތައް އާންމުވެއްޖެ އެވެ. ފޯމުތައް ފުރަމުންދިޔައީ ދައުލަތުގެ ކަރަންޓާއި ގޮނޑި އާއި މޭޒާއި ކޮމްޕިއުޓަރާއި ޕްރިންޓަރާއި ކަރުދާހާއި ސެނިޓައިޒަރާއި ޓިޝޫ އާއި އިންކު ޕެޑާއި ކަޓިން ޕެޑާއި ފަތިގަނޑާއި ހީރަސްދަތި އަދި ކަޓަރު ބޭނުންކޮށްގެންނެވެ.
ވަގު ފޯމުތައް ފުރަމުންދިޔައީ ދައުލަތުގެ މުވައްޒަފުންނެވެ. ވަގު ފޯމު ފުރަމުންދިޔައިރު އެ މުވައްޒަފުން ބޮމުން ދިޔައީ ދައުލަތުގެ ކޮފީ އެވެ. ޕިއްޒާ ކަމުން ދިޔައީ ދައުލަތުން މުސާރަ ހިނގަމުންދިޔަ ވަގުތުތަކުގަ އެވެ.
ޒާތީ މައުލޫމާތުން ވައްކަން ކުރި ކަމަށް ސީދާ ޕީއެންސީއިން އެއްބަސްވެއްޖެ އެވެ.
މިއީ، މިހާ ފާޅުކަން ބޮޑު ގޮތެއްގައި، ލަދެއް ނެތި، އާންމުންގެ މައުލޫމާތުން ވައްކަން ކުރި ފުރަތަމަ ފަހަރެވެ. އެކަން ކުރީ ސަރުކާރު ހިންގާ ޕާޓީ އެވެ. އެ ވައްކަން ކުރީ ސަރުކާރުންނެވެ.
ޕީއެންސީ އުފެއްދުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އޯޑަރަށެވެ. ޕީއެންސީ އުފައްދަން ޖެހުނީ ޔާމީންގެ ބޭބެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކޮންޓްރޯލް ގެއްލިދާނެތީ އެވެ.
ޕީޕީއެމްއަކީ، ކުރިން އޮތް ދިވެހި ރައްޔިތުންގެ ޕާޓީގެ ކޮންޓްރޯލް މައުމޫނަށް ގެއްލުމުން އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެވެ. ޔާމީން ވެރިކަމަށް ވަޑައިގަތީ ޕީޕީއެމްގެ ރިޔާސީ ޓިކެޓުގަ އެވެ.
އެކަމަކު، ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މައުމޫންއާ މައްސަލަ ޖެހި، ޕާޓީ ދެބައިވި އެވެ. އެކަމުގެ ތެރޭގައި ޕާޓީގެ ކޮންޓްރޯލް ހޯދަން މައުމޫން ވަޑައިގަތީ ކޯޓަށެވެ. ޕީއެންސީ އުފެއްދުމުގެ މަސައްކަތް ފެށީ އެ ހިސާބުންނެވެ.
ޕީއެންސީ އުފެއްދުމުގެ މަސައްކަތް ޔާމީންގެ ވެރިކަމުގައި ފެށި ނަމަވެސް އެ ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޖެނުއަރީ، 2019، ގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ އަބްދުއްރަހީމްގެ ބެލުމުގެ ދަށުން ޕީއެންސީން އުފައްދަން އެންމެ ފުރަތަމަ ވެސް 4000 ފޯމު ހުށަހެޅި އެވެ.
އެކަމަކު، އެ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބެލިއިރު، ފުރަތަމަ ހުށަހެޅި ފޯމުތަކުގެ ތެރެއިން 2050 ފޯމަކީ ސައްހަ ނޫން ފޯމުކަން އެނގުނެވެ. ސައްހަ ކަމަށް ނިންމީ އެންމެ 1950 ފޯމެވެ. އެހެންކަމުން ޕީއެންސީ އުފައްދަން ފުރަތަމަ ހުށަހެޅި ފޯމުތަކުގެ ތެރެއިން ވެސް 51 ޕަސެންޓު ފޯމަކީ ވަގު ފޯމެވެ.
އޭގެ ފަހުން އަނެއްކާ 1100 ފޯމާއެކު ޕާޓީ އުފައްދަން އަނެއްކާ ވެސް ޕީއެންސީއިން ހުށަހެޅި އެވެ. ފަހުން ހުށަހެޅި ފޯމުތަކާއެކު 5100 ފޯމު ހަމަވި ނަމަވެސް އޭގެ ތެރޭގައި ވެސް ގިނައީ ސައްހަ ނޫން ފޯމެވެ. ނަމަވެސް އެކަމުގައި ވެސް އަބްދުއްރަހީމް ކުށްވެރި ކުރީ އިލެކްޝަންސް ކޮމިޝަނެވެ.
"5100 ފޯމް ހުށަހަޅައިގެން އަޅުގަނޑުމެންނަށް ސަލާމަތް ކުރެވުނީ އެންމެ 2300 ފޯމް. މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް. މީ ކުރިން ދުވަހަކު ވެސް މިކަން ހިންގާފައި އޮތް ގޮތެއް ނޫން. ދާދި ފަހުން އެމްޓީޑީ އުފައްދަން ފޯމް ހުށަހެޅުއްވީ. ޖެހިގެން އައި ދުވަހު ހަމަ އެ ގަޑީގައި ވަނީ އެޕާޓީއަށް ހުއްދަ ދީފައި،" ޖެނުއަރީ 23، 2019، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ އެންމެ މަތީ އޮފީހާ ހަވާލުވެވަޑައިގެންނެވިއިރު، އެ ޕާޓީގެ ދަފުތަރުގައި ތިބީ އެންމެ 3022 މީހުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕީއެންސީގެ ދަފުތަރުގައި ސެޕްޓެމްބަރު 19، 2024، ގެ ނިޔަލަށް 28،983 އެބަ ތިއްބެވެ. ޕީއެންސީން ބުނާ ގޮތުގައި ނޮވެމްބަރު 23، 2024، ގެ ނިޔަލަށް އެ ޕާޓީއަށް 96،000 މެންބަރުން ހަމަވެއްޖެ އެވެ.
އެހެންކަމުން ޕީއެންސީ ވެރިކަމަށް އައިފަހުން ހިނގައިދިޔަ 12 މަހާއި ހަ ދުވަހުގެ ތެރޭގައި އެ ޕާޓީއަށް 92،998 މީހުން ވަދެއްޖެ އެވެ. އެއީ 3076 ޕަސެންޓުގެ އިތުރުވުމެކެވެ.
އިލެކްޝަންސްގެ ދަފުތަރަށް އިތުރަށް ބަލާއިރު، ޕީއެންސީ އާއި މިހާރު އުވާލާފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ނުހިމަނައި، ނުވަ ޕާޓީއެއްގެ ދަފުތަރުގައި ޖުމުލަ 105،398 މީހުން އެބަ ތިއްބެވެ. އެއީ:
އެ ޕާޓީތަކުގެ ދަފުތަރުގައި ތިބި މީހުންގެ އަދަދާއި ޕީއެންސީގެ ދަފުތަރުގައި ތިބި އަދަދު އެއްކޮށްލައިފި ނަމަ ޕާޓީތަކުގެ ދަފުތަރުގައި ޖުމުލަ 201،398 މީހުން އެބަ ތިއްބެވެ. އެންމެ ފަހުން އޭޕްރީލް، 2024، ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު މީހުންނަށް ބަލާއިރު، 18 އަހަރު ފުރި ވޯޓުލުމުގެ ހައްގު ލިބުނީ 284،663 މީހުންނަށެވެ.
އެހެންކަމުން އެ ދެ ހިސާބަށް ބަލާއިރު 18 އަހަރު ފުރި، ސިޔާސީ ޕާޓީއަކަށް ވަނުމުގެ މިނިވަން ލިބިފައިވާ މީހުންގެ ތެރެއިން 70 ޕަސެންޓު މީހުން މިހާރު ތިބީ ޕާޓީއެއްގައި ރަޖިސްޓްރީވެފަ އެވެ. އަދި އޭގެ ތެރެއިން 33 ޕަސެންޓު މީހުންނަކީ ޕީއެންސީގެ މެންބަރުންނެވެ.
މި ހިސާބުތައް ގުނާއިރު ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ ވަޒީފާގެ ގޮތުން ޕާޓީއެއްގައި ހަރަކާތްތެރިވުން މަނާ މީހުންނެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންނާއި ޖުޑިޝަރީގައި ހަރަކާތްތެރިވާ ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޝަނަރުން އަދި މެންބަރުން ހިމެނެ އެވެ.
ވަގު ފޯމުތަކުގެ މައްސަލަ ފެންމަތިވި ފަހުން ޕީއެންސީގެ ސީނިއާ ބައެއް އޮފިޝަލުން މި ނޫހާ ވާހަކަ ދެއްކި އެވެ. ވަގު ފޯމުތައް ފުރި ގޮތާއި ވަގު ފޯމުތައް ފުރުމުގައި ޕާޓީގެ އެތެރޭގައި ހުރި ފޯރި އެބޭފުޅުން މި ނޫހާ ހިއްސާ ކުރި އެވެ.
މަސްލަހަތަށްޓަކައި ނަން ނުޖެހުމަށް އެދި މި ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ އިސް ބޭފުޅަކު ލަފާ ކުރައްވާ ގޮތުގައި އެ ޕާޓީން އުފެއްދި ވަގު ފޯމުތަކުގެ އަދަދު "އެތައް ހާހަކަށް" އަރާނެ އެވެ.
"ފޯމް ފުރަން އުޅުނު އެކްޓިވިސްޓަކު އަޅުގަނޑު ގާތު ބުނި، އޭނާ އެކަނި ވެސް 300 އަށް ވުރެ ގިނަ ފޯމުގއި އިނގިލީގެ ނިޝާން ޖެހި ކަމަށް. މިފަދަ އެތައް ބަޔަކު އެބަ ތިބި. މި ކަންބޮޑުވުން އެކި ލެވެލްތަކުގައި ހިއްސާ ވެސް ކުރި،" ރައްޔިތުންގެ މަޖިލީހުގެ ދާއިރާއެއް ވެސް ތަމުސީލު ކުރައްވާ އެ މެންބަރު ވިދާޅުވި އެވެ.
ހަމަ އެ މެންބަރު، މި ނޫހާ ވާހަކަ ދައްކަވަމުން އިތުރަށް ވިދާޅުވީ، އޭނާ ނިސްބަތްވާ ޕާޓީއިން ވަގު ފޯމު ފުރަމުންދިޔުމުން ލަދުވެތިވާ ކަމަށެވެ. އެއީ ފުލުހުން ބަލަންޖެހޭ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ލަދުވެތި ކަމެއް އެނގޭތޯ. ވެރިކަން ކުރާ ޕާޓީގެ ގޮތުގައި އަޅުގަނޑުމެން ތިބި މިފަދަ ކަމެއް ކުރީމަ ޕާޓީން ވެސް ޖެހޭ ހުރިހާ ފޯމެއް އަލުން ބަލަން. އެކަން ރަނގަޅަށް ބަލައިފިއްޔާ ހުށަހެޅި ގިނަ ފޯމު ސައްހައެއް ނުވާނެކަން ކަށަވަރު،" އެ މެންބަރު ވިދާޅުވި އެވެ.
ވަގު ފޯމުގެ މައްސަލައިގައި ލަދުވެތިވާ ކަމަށް ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރު އަސްމާ ރަޝީދު ވެސް ވިދާޅުވި އެވެ. އެ ޕާޓީގެ މަޖިލިސް މެންބަރުން ހިމެނޭ ވަޓްސްއަޕް ގްރޫޕެއްގައި ލިޔުއްވަމުން އަސްމާ ވިދާޅުވީ ވަގު ފޯމު ފުރުމަކީ ވިޔާނުދާ، ލަދުވެތި ކަމެއް ކަމަށެވެ.
"އަޅުގަނޑަށް އެނގޭ ކުރި ބައެއް. ހިތާމައަކީ ޕީއެންސީ އެތެރެއިން މިކަން ކުރީމަ. މިއެއް ނޫން މީހުން އިތުރު ކުރާ ގޮތަކީ. ވަރަށް ވިޔާ ނުދާ، ލަދުވެތި ކަމެއް. ވަރަށް ލަދުވެސް ގަނޭ،" އަސްމާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީއަކަށް ވައްދަން ވަގު ފޯމު ފުރަނީ ގާނޫނީ އެތައް ކުށެއް ކުރުމަށްފަހެވެ. އާންމުންގެ ޒާތީ މައުލޫމާތަށް ގާނޫނާ ހިލާފަށް އެކްސެސްވެ އެވެ. ގާނޫނީ ގޮތުން ވަގު ލިޔުމެއް އުފައްދަ އެވެ. ގާނޫނީ އިދާރާތަކަށް އޮޅުވާލަން މަސައްކަތް ކުރެ އެވެ.
އެއީ ބޮޑެތި ކުށްތަކެވެ. ގާނޫނުތަކުގައި ބަޔާންކޮށްފައި ހުރި، އެ ކުށްތަކަކަށް އަދަބު ކަނޑައަޅަންޖެހޭ ކުށްތަކެވެ. ގާނޫނީ ވެރިކަމެއްގައި ތަންފީޒު ކުރަންޖެހޭ އަދަބުތަކެކެވެ.
ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި ބުނެފައި ވަނީ، ވަކި ލިޔުމަކީ ވަކި މީހަކު ހެދި އެއްޗެއް ކަމަށް ދެއްކުމަށްޓަކައި ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއް ކަމަށް ސައްހަ ނޫން ގޮތުގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމާއި، ނަކަލު ކުރުމަކީ ކުށެއް ކަމަށެވެ.
އެކުށަކީ ޖިނާޔާތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ މާއްދާގެ ނ. ގައި ބުނެ އެވެ. އެހެންކަމުން އެކުށުގެ އަސާސީ އަދަބަކަށްވާނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ސައްހަ ނޫން ގޮތުގައި ހުށަހެޅި ކޮންމެ ފޯމަކީ ވަކި ކުށެކެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފި ނަމަ އެކަން ކުރި ފަރާތެއް 5000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަންޖެހެ އެވެ. ކޮންމެ ވަގު ފޯމަކަށް އަންނާނީ ވަކި ޖޫރިމަނާއެކެވެ.
~~
ޒާތީ މައުލޫމާތުން ވައްކަން ކުރުމަކީ ދޫކޮށްލެވޭނެވަރުގެ ކުށެއް ނޫނެވެ. އިލެކްޝަންސް ކޮމިޝަނަށް ވަގު ފޯމު ހުށަހެޅުމަކީ ވެސް ހަމަ އެ ވަރުގެ ބޮޑު ކުށެކެވެ. އެ ކުށްތަކަށް ޒިންމާވާންޖެހޭ މީހުންނަށް އަދަބު ދޭންޖެހެ އެވެ. ނޫން ނަމަ، މި ގައުމުގައި ގާނޫނެއް ގަވާއިދެއް ނުހިނގަ އެވެ. އެއިރުން އެންމެން އުޅެންވީ ޖަންގަލީގެ އުސޫލަށް ތަބާވެގެންނެވެ. ބާރުގަދަ މީހާ ބޭނުން ގޮތެއް ހަދަންވީ އެވެ. ނިކަމެތި މީހާ އެކަން ދަނެގެން އުޅެންވީ އެވެ.
Comment