Advertisement

42،524: މިއީ އިޒްރޭލުން މަރާލި މީހުން، ކުދިން އަދި އާއިލާތައް، ހަމައެކަނި ނަންބަރުތަކެއް ނޫން

7 އޮކްޓޯބަރު 2024 - 08:17 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އާޓްވޯކް: އިސްމާއިލް އިމްދާދް / އަދަދު


42،524: މިއީ އިޒްރޭލުން މަރާލި މީހުން، ކުދިން އަދި އާއިލާތައް، ހަމައެކަނި ނަންބަރުތަކެއް ނޫން

7 އޮކްޓޯބަރު 2024 - 08:17 0

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް އަރައިގަނެ، ހިންގަމުންދާ ނަސްލުހޭދު ކުރުމަށް މިއަދު އެއް އަހަރު ފުރުނީ އެވެ. މުޅި ދުނިޔޭގެ ލޯ ކުރިމަތީ ހިންގަމުންދާ ލާ އިންސާނީ ހަނގުރާމަ އަދިވެސް ހުއްޓުމެއް ނެތި އެ ދަނީ ކުރިއަށެވެ.

އިޒްރޭލުގެ ނަސްލުހޭދު ކުރުމަށް އަހަރެއް ފުރުނުއިރު، އެބައިމީހުން މިހާރު އެންމެ އިސްކަން ދޭ އެއް ކަމަކީ ހިންގާ ޖަރީމާތަކުގެ ވާހަކަ ކަންފަތްތަކަށް ނުއިވޭ ގޮތް ހެދުމެވެ. ކުޑަކުދިންނާއި އަންހެނުން މަރާ މަންޒަރު ދުނިޔޭގެ ލޯތަކަށް ކަފުން ކުރުމެވެ.

އިޒްރޭލުން ބޭނުންވަނީ، އެމީހުން ފަދައިން އަހަރުމެންގެ އިންސާނިއްޔަތުކަން ވެސް ނައްތާލާށެވެ. އެކަމަކު، އިޒްރޭލުގެ އަނިޔާވެރިކަމާއި ފަލަސްތީނު ރައްޔިތުންގެ ހާލުގެ ވާހަކަ ދެއްކުން ހުއްޓާލެވޭކަށް ނެތެވެ. ގާޒާގައި މަރުވި އަދި މަރަމުންދާ އިންސާނުންނަކީ ހަމައެކަނި ނަންބަރަކަށް ހެދޭކަށް ނެތެވެ.

މި ލިޔުމުގެ އެއް މަގުސަދަކީ އިޒްރޭލުން މަރާލި މީހުންގެ ނަންތައް އާންމުންނަށް ހަމައަށް ގެނެސްދިނުމެވެ. އެގޮތުން، އިޒްރޭލުން މަރާލި 34،345 މީހުންގެ ނަންތައް މި ލިޔުމުގައި ފޮޓޯގެ ޒަރިއްޔާއިން ހިމަނާފައިވާނެ އެވެ. އެއީ މަރުވިކަން މުޅިން ކަށަވަރުވެފައިވާ މީހުން އަދި ކުދިންގެ ނަންތަކެވެ.

މި ލިޔުމުގެ އަނެއް ބޭނުމަކީ އިޒްރޭލުގެ މަރާލި މީހުންގެ ނަންބަރުތަކާއި ތަފާސްހިސާބުތައް އާންމުކޮށް، އެބައިމީހުންނާމެދު ރައްކާތެރިވެތިބުމަށް ފަހު ޖީލުތަކަށް އިލްތިމާސް ކުރުމެވެ. މަ ޖަރީމާ ދުނިޔޭގެ އަދި ދިވެހި ތާރީހުގައި ލިޔުމެވެ.

މަރާލި މީހުންގެ ބައެއް ތަފާސްހިސާބު

އޮކްޓޯބަރު 7، 2023، އިން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ބަލާއިރު އިޒްރޭލުން ވަނީ ޖުމްލަ 42،524 މީހުން މަރާލައިފަ އެވެ. އެއީ މަރުވިކަން ކަށަވަރުވެފައިވާ މީހުންނެވެ. އަދި އެ އަދަދު ކޮންމެ ދުވަހަކު ވެސް ދަނީ އިތުރުވަމުންނެވެ.

އިޒްރޭލުން މަރާލި މީހުންގެ ތެރެއިން 40 ޕަސެންޓަކީ ކުޑަކުދިންނެވެ. އަދި 27 ޕަސެންޓަކީ އަންހެނުންނެވެ. އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 17,129 ކުޑަކުދިން ވަނީ މަރާލައިފަ އެވެ. އަދި 11,514 އަންހެނުން ވަނީ މަރާލައިފަ އެވެ.

އިޒްރޭލު ޑިފެންސް ފޯސް އިން މަސައްކަތް ކުރަމުންދަނީ ގާޒާގެ ރައްޔިތުންނަށް ވީހާ ވެސް ބޮޑަށް ގެއްލުން ދިނުމަށެވެ. އެހެންވެ އެމީހުން އެންމެ އިސްކަމެއް ދޭ އެއް ކަމަކީ، ސިއްހީ ހިދުމަތްދޭ ޑޮކްޓަރުންނާއި ނަރުހުން މެރުމެވެ. ސިއްހީ ހިދުމަތް ދޭ 986 މީހަކު އިޒްރޭލުން ވަނީ މިހާތަށް މަރާލައިފަ އެވެ.

އިމަޖެންސީ ހާލަތްތަކުގައި ހަރަކާތްތެރިވާ އެތައް ބަޔަކު ވެސް އިޒްރޭލުން މަރައިފި އެވެ. އެގޮތުން އެމަޖެންސީ ހާލަތްތަކުގައި އާންމުންނަށް އެހީތެރިވާން ނުކުތް 85 މީހަކު އިޒްރޭލުން ވަނީ މަރާލައިފަ އެވެ.

ނަސްލުހޭދު ކުރުމުގެ ތެރެއިން އިޒްރޭލުން ދެން އެންމެ ބޮޑަށް ބަލާ އެއް ކަމަކީ، އެމީހުންގެ ނުބައިކަން ފޮރުވުމެވެ. ނުވަތަ ފަލަސްތީނުގެ ރައްޔިތުންގެ ވާހަކަ ދުނިޔެއަށް ނުއިއްވުމެވެ. ގާޒާގައި ހަރަކާތްތެރިވި 174 ނޫސްވެރިއަކު އިޒްރޭލުން މަރާލީ އެހެންވެ އެވެ.

އިޒްރޭލުން މެރި ކުޑަކުދިންގެ ތަފުސީލު

ހިންދް ރަޖަބް، 6، އާއިލާއާއެކު ދަތުރު ކުރަމުންދިޔަ ކާރަށް ހަމަލާދީ އިޒްރޭލުން އެ އާއިލާ އެއްކޮށް ނެތިކޮށްލިީ ޖެނުއަރީ 29، 2024، ގަ އެވެ. އެ ކާރަށް ޖުމްލަ 335 ފަހަރު އިޒްރޭލުން ބަޑި ޖެހި އެވެ.

އެއީ ގަސްދުގައި ކުޑަކުދިން މެރުމަށް އިޒްރޭލުން ދޭ ސަމާލުކަމުގެ ކުޑަ މިންވަރެކެވެ. އިޒްރޭލުން މެރި ކުޑަކުދިންގެ ތެރޭގައި އަހަރު ނުފުރޭ ތުއްތުު ކުދިން ވެސް އެހާމެ ގިނަ އެވެ. އިޒްރޭލުގެ ސިފައިން ބޭނުންވަނީ ގާޒާގެ ކުޑަކުދިން މަރައި، ފަލަސްތީނުގެ ނަސްލު ނައްތައިލަންކަން އެއިން ވެސް އެނގެ އެވެ.

ހިންދް ރަޖަބް، 6.


އިޒްރޭލުން މެރި ކުޑަކުދިންގެ ތެރޭގައި ޓީނޭޖު އުމުރަށް ނުދާ 12 އަހަރުން ދަށުގެ 2,851 ފިރިހެން ކުދިން ހިމެނެ އެވެ. އުމުރުން 12 އަހަރުން ދަށުގެ 2,480 އަންހެން ކުއްޖަކު އިޒްރޭލުން މިހާތަނަށް ވަނީ މަރާލައިފަ އެވެ.

ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި އުމުރުން ތިން އަހަރުން ދަށުގެ 630 ފިރިހެން ކުދިން އިޒްރޭލުން ވަނީ މަރައިފަ އެވެ. އަދި އުމުރުން ތިން އަހަރު ނުފުރޭ 584 އަންހެން ކުދިން ވެސް އިޒްރޭލުން މަރާލި އެވެ.

އެންމެ ތުއްތު ކުދިންނަށް ބަލާއިރު، އުމުރުން އަހަރެއް ވެސް ނުފުރޭ 359 ފިރިހެން ތުއްތު ކުއްޖަކު އިޒްރޭލުން ވަނީ މިހާތަނަށް މަރާލައިފަ އެވެ. އަދި އަހަރު ނުފުރޭ 351 އަންހެން ތުއްތު ކުދިން ވެސް އެ ގައުމުން ވަނީ މަރައިފަ އެވެ.

މަރާލި ބައެއް ކުޑަކުދިންގެ ނަންތައް، ނަންބަރުން

  • އުމަރު ކިޔާ 197 ކުދިން
  • ލަޔާން ކިޔާ 159 ކުދިން
  • ޔަމޫން ކިޔާ 80 ކުދިން
  • ލާނާ ކިޔާ 83 ކުދިން
  • މުހައްމަދު ކިޔާ 1393 ކުދިން
  • ތާލާ ކިޔާ 105 ކުދިން
  • ޔަޒީން ކިޔާ 114 ކުދިން
  • ރަގާދް ކިޔާ 90 ކުދިން
  • ހާލިދު ކިޔާ 117 ކުދިން
  • ޖަނާ ކިޔާ 137 ކުދިން
  • އަބްދުއްރަހްމާން ކިޔާ 215 ކުދިން
  • މަރާއިއާ ކިޔާ 95 ކުދިން
  • އިބްރާހިމް ކިޔާ 159 ކުދިން
  • މަލަކް ކިޔާ 159 ކުދިން
  • މަހްމޫދު ކިޔާ 290 ކުދިން
  • ފާތިމާ ކިޔާ 86 ކުދިން
  • ކަރަމް ކިޔާ 80 ކުދިން
  • ލައިން ކިޔާ 84 ކުދިން
  • އަލީ ކިޔާ 117 ކުދިން
  • ނޫރް ކިޔާ 128 ކުދިން
  • އާދަމް ކިޔާ 117 ކުދިން
  • ހަސަން ކިޔާ 107 ކުދިން
  • ސަމާ ކިޔާ 108 ކުދިން
  • ހަމްޒާ ކިޔާ 125 ކުދިން
  • ޝާމް ކިޔާ 92 ކުދިން
  • އަހުމަދު ކިޔާ 656 ކުދިން
  • މަރިޔަމް ކިޔާ 159 ކުދިން
  • އަނަސް ކިޔާ 141 ކުދިން
  • ފަރާ ކިޔާ 95 ކުދިން
  • ބިލާލް ކިޔާ 81 ކުދިން
  • ސާރާ ކިޔާ 147 ކުދިން

އިޒްރޭލުން މަރާލި މީހުންގެ ނަންތައް

ލިސްޓު 1

ލިސްޓު 1


ލިސްޓު 2

ލިސްޓު 2


ލިސްޓު 3

ލިސްޓު 3


ލިސްޓު 4

ލިސްޓު 4


ލިސްޓު 5

ލިސްޓު 5


ލިސްޓު 6

ލިސްޓު 6


ލިސްޓު 7

ލިސްޓު 7


ލިސްޓު 8

ލިސްޓު 8


----

ގާޒާގައި މިވަގުތު ފެންނަމުންދަނީ ލާއިންސާނީކަމުގެ ލާމަސީލެވެ. އަނިޔާވެރިކަމުގެ އިންތިހާ އެވެ. އެއްވެސް ޖެހިލުމެއް ނެތި ބާރުގަދަ ބަޔަކު، އެއްވެސް ކުށެއް ނެތް މީސްތަކެއް ގަތުލު ކުރަމުންދާ މަންޒަރެވެ. އަދި ފެންނަނީ އިސްލާމީ ގިނަ ގައުމުތައް، އަހުވަންތަކަމުގެ ގުޅުމަށް ފުރަގަސްދީ، ފަލަސްތީނު މަރުވާން ދޫކޮށްލާ ތަނެވެ.

ތާރީހުގައި މި ވާހަކަތައް ލިޔަންޖެހެ އެވެ. ފަހުގެ ޖީލުތަކާ ހަމައަށް މިއަދުގެ ހަގީގަތް ވާސިލުކޮށްދޭންޖެހެ އެވެ. އިޒްރޭލުގެ އަނިޔާވެރިކަން އަތުން ނުހުއްޓުވޭ ނަމަ އެއީ މިއަދު އަހަރުމެންގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާ އެވެ.