31 ޖުލައި 2024 - 16:55 0
އަހުމަދު އާއިދު
އިސްމާއިލް ހަނިއްޔާ: އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު
31 ޖުލައި 2024 - 16:55 0
ހަރަކަތުލް މުޤާވަމަތުލް އިސްލާމިއްޔާ (ހަމާސް) އަކީ ތަނެއްގައި އޮތް ސައްހަ ސަރުކާރަކާ ދެކޮޅަށް ތަނެއް ދޮރެއް ނުބަލައި ޓެރަރިސްޓް ހަމަލާތަކެއް ދޭން އުފައްދާފައި އޮތް ޓެރަރިސްޓް ޖަމާއަތެއް ނޫނެެވެ. އެ ޖަމާއަތާ މެދު އެގޮތަށް ދެކެނީ ޔަހޫދީންނާ އެއްކޮޅު ތައައްސުބުން ފުރިފައިވާ އެމެރިކާ ފަދަ ހައްދުފަހަނައަޅާފައިވާ ގައުމުތަކުން އެކަންޏެވެ.
ފަލަސްތީނު މީހުންގެ ހައްގުގައި ހަނގުރާމަ ކުރުމުގެ މަގުސަދުގައި 1987 ވަނަ އަހަރު އެ ޖަމާއަތް އުފެދުނީ ހައްދެއް ނެތް އަނިޔާ އާއި ނާއިންސާފަށް ދުނިޔެ ލޯ މަރައިލިޔަ ނުދިނުމަށެވެ.
ރޭ ޝަހީދުކޮށްލި، އެ ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ އުފަންވީ ޖެނުއަރީ 29، 1962 ގައި ގާޒާގެ އަލް ޝަތީ ރެފިއުޖީ ކޭމްޕުގަ އެވެ. އޭނާގެ މައިންބަފައިންނާ އާއިލާ ފަލަސްތީނުގެ އުތުރުގެ ބިންތަކުން ފަހާލީ އިޒްރޭލުގެ އަނިޔާވެރި ސިފައިންނެވެ.
މިނިވަންކަމަށް ކުރި ހަޅުތާލުތަކާއި ބުރަ މަސައްކަތުގެ ތެރެއިން ބޮޑުވި ހަނިއްޔާ 1987 ގައި ގާޒާގައި ހުންނަ އިސްލާމިކް ޔުނިވަސިޓީން ދަސްވެނިވެވަޑައިގެންނެވި އެވެ. އޭގެ ފަހުން އޭނާގެ މުޅި ހަޔާތް ބަދަލުވީ މިނިވަންކަމަށް ޓަކައި ކުރި ޖިހާދަކަށެވެ.
އޭނާ ދަސްވެނިވެނިވި އަހަރު ވެގެންދިޔައީ އިޒްރޭލުން 1948 އިން ފެށިގެ ފަލަސްތީނުގެ ބިންތަކަށް ވެރިވެ ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ފާޅުގައި ނިކުމެ ހަރަކާތްތައް ބޮޑެތި ހަރަކާތްތަކެއް ހިންގި އަހަރަކަށެވެ. އެއީ ފުރަތަމަ އިންތިފާދާ އެވެ.
އެ ހަރަކާތްތަކުގެ ތެރެއިން މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މަގުސަދުގައި ހަމާސް އުފެދިގެން ދިޔައިރު ހަނިއްޔާ އަކީ އެ ޖަމާއަތުގެ ހަގު މެންބަރެކެވެ. ނަމަވެސް ހަމާސްގެ ހަރަކާތްތަކުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާ ހަރަކާތްތެރިވަމުންދިޔައީ މަޑުޖެހުމެއްނެތި އެވެ. އެންމެ އިސް ސަފުގަ އެވެ.
ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ބޭއްވި އެކި އެއްވުންތަކުގައި ބައިވެރިވުމުގެ ސަބަބުން އިޒްރޭލުން ވަނީ އެކި ފަހަރު މަތިން އޭނާ ޖަލަށް ވެސް ލިޔެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަހު ޖަލުގައި ހޭދަކުރެއްވީ ތިން އަހަރުގެ މުއްދަތަކަށެވެ. އެ ހުކުމަށްފަހު އޭނާ ލުބުނާނަށް ޑީޕޯޓުވެސްކޮށްލި އެވެ.
ގާޒާއަށް އެނބުރި ވަޑައިގަތީ 1993 ގައި އޮސްލޯ އެކޯޑްސްގައި ސޮއިކުރި ހިސާބުންނެވެ. އެނބުރި ގާޒާއަށް ވަޑައިގެން ހަނިއްޔާ ވެގެންދިޔައީ ހަމާސްގެ ބާނީ ޝެއިހް އަހުމަދު ޔާސިންގެ އަރިސް އަދި ހަމާސްގެ އިސް ލީޑަރަކަށެވެ. އޭނާ ސިޔާސީ ގޮތުން ކުރިއެރުމުގެ މަސައްކަތް ފެށްޓެވީ އެހިސާބުންނެވެ. ވޭތުވެދިޔަ 30 އަކަށް އަހަރު ތެރޭ އިޒްރޭލުން ތަކުރާރުކޮށް ހަނިއްޔާ ޝަހީދުކޮށްލަން ގިނަ ހަމަލާތަކެއް ދިނެވެ.
ސިޔާސީ ގޮތުން ހަމާސް އިން ފަލަސްތީނުގައި އަތް ގަދަކޮށް 2006 ގައި ބޭއްވި ބަރުލަމާނީ އިންތިހާބު ކާމިޔާބުކޮށް ފަލަސްތީނުގެ ވެރިކަމާ ހަވާލުވިއިރު، ހަނިއްޔާ ވެވަޑައިގެންނެވީ އެ ގައުމުގެ ބޮޑުވަޒީރަށެވެ. މިކަން ވެގެންދިޔައީ ހުޅަނގުގެ ގައުމުތަކަށް ލިބުނު ސިހުމަކަށެވެ.
އެއާއެކު ބައިނަލްއަގުވާމީ ގިނަ ގައުމުތަކާއި ޖަމާއަތްތަކުން ހަމާސް އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ކަނޑައަޅާ، އެ ޖަމާއަތުގެ ސަރުކާރާ ދެކޮޅަށް ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅި އެވެ. ގާޒާ އެކުގައި ބައްދާލާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް ދަތިކުރި އެވެ.
ހުޅަނގުގެ ދަތިކުރުންތަކާއެކު ހުޅަނގު އައްސޭރީގައި އޮތް ފަތަޖަ ޖަމާއަތަށް ނިސްބަތްވާ، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ހަމާސްގެ ސަރުކާރު އުވާލަން ނިންމާ ހަނިއްޔާ ބޮޑުވަޒީރުކަމުން ވަކިކުރި އެވެ. ނަތީޖާއަކަށްވީ ހަމާސް އިން ގާޒާގައި ވަކި ދައުލަތެއް އުފެއްދުމެވެ.
އެ ނިންމުމަށް އެތައް އަހަރެއްވީއިރުވެސް ހަމާސްގެ ލީޑަރުގެ ގޮތުގައި ހުންނެވީ ހަނިއްޔާ އެވެ. ނަމަވެސް ގާޒާ ދޫކޮށް 2019 ގައި އޭނާ ވަނީ ވަޑައިގެންފަ އެވެ. އޭގެ ފަހުން ދިރިއުޅުއްވަމުން ގެންދެވީ މެދުއިރުމަތީގެ އެކި ގައުމުތަކުގަ އެވެ. އެގޮތުން ގަތަރު އަދި ލުބުނާނުގައިވެސް ހަނިއްޔާ ދިރިއުޅުއްވި އެވެ.
ހަނިއްޔާގެ ޖަނާޒާގެ ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ. މުޅި އިސްލާމީ ދުނިޔެއިން ދަނީ އިޒްރޭލުގެ ފިނޑި އަމަލު ކުށްވެރި ކުރަމުންނެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ގެއްލިގެން އެ ދިޔައީ އެ ގައުމުގެ މިނިވަންކަމަށްޓަކާ މުޅި ހަޔާތް ގުރުބާން ކުރެއްވި ފަހުލަވާނެކެވެ. އިސް ލީޑަރެވެ.
Comment