Advertisement

ތަކާފުލް: ކުރިއަރަމުން އަންނަ އިސްލާމިކް އިންޝުއަރެންސްގެ ނިޒާމު

1 މޭ 2024 - 07:44 2


ތަކާފުލް: ކުރިއަރަމުން އަންނަ އިސްލާމިކް އިންޝުއަރެންސްގެ ނިޒާމު

1 މޭ 2024 - 07:44 2

ފާއިތުވި އަހަރުތަކުގައި ކޮންވެންޝަނަލް އިންޝުއަރެންސްއަށް ވުރެ، އިސްލާމީ ބަދަލެއް ކަމަށްވާ ތަކާފުލްގެ މަގުބޫލުކަން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ އިތުރުވަމުންނެވެ. މީގެ ސަބަބެއްކަމުގައި ވެފައިވަނީ ހިރާސްތައް މެނޭޖްކުރުމަށްޓަކައި ތަކާފުލް ނިޒާމުގައި ގެންގުޅޭ ހާއްސަ އަހުލާގީ އުސޫލުތަކެވެ.

އިސްލާމީ ޝަރީއަތުގެ މައްޗަށް ބިނާކޮށް 1970 ގައި އުފެދިފައިވާ މި ނިޒާމު ބިނާވެގެން ވަނީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެދިނުމާއި މާލީ ގެއްލުންތައް ބައިވެރިންގެ މެދުގައި ހިއްސާކުރެވޭ ޒިންމާއަށެވެ.

ކޮންވެޝަލް އިންޝުއަރެންސް ނިޒާމަކީ ކޮބާ؟

ކޮންވެންޝަނަލް އިންޝުއަރެންސްގެ ނިޒާމަކީ އިންޝުއަރެންސް ނަގާ ފަރާތުން، ހިރާސްތައް އިންޝުރެންސް ކުރާ ފަރާތަށް ނުވަތަ ކުންފުންޏަށް ބަދަލުކުރާ ނުވަތަ ޓްރާންސްފާ ކުރާ ނިޒާމެކެވެ.

މި ނިޒާމުގައި ބައިވެރިވާ ފަރާތްތަކުގެ އަތުން އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި ފައިސާ ބަލައިގަންނަ ހިސާބުން އެ ފަރާތަކަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމުގެ ޒިންމާ އިންޝުއަރެންސް ކުންފުނީގެ މައްޗަށް ބަދަލުވެދެ އެވެ. އެހެންކަމުން، އިންޝުއަރެންސްގެ ޕްރިމިއަމްގެ ގޮތުގައި ނެގޭ ފައިސާ ހިމެނިގެންދާނީ އެ ކުންފުންޏެއްގެ ހިއްސާދާރުންގެ ރައުސުލްމާލުގެ ތެރޭގަ އެވެ.

ތަކާފުލްގެ ނިޒާމަކީ ކޮބާ؟

ތަކާފުލްގެ ނިޒާމަކީ، ބައިވެރިންގެ މެދުގައި ބައި އެޅިގެން ހިރާސް ހިއްސާކުރެވޭ ނިޒާމެކެވެ. އެހެންކަމުން، މި ނިޒާމުގައި ބައިވެރިން ދައްކާ ޗަންދާއަކީ އެއްބަޔަކު އަނެއްބައެއްގެ ތަކުލީފުތައް ލުއި ކޮށްދިނުމުގެ ނިޔަތުގައި މާތް ﷲގެ މަގުގައި ކުރެވޭ ހޭދައެކެވެ.

މި ނިޒާމުގައި ބައިވެރިވާ ފަރާތްތަކަށް ލިބިދާނެ ގެއްލުމަކުން އަރައިގަތުމަށް އެހީތެރިވެ އެއްބާރުލުންދޭން އެއްބަސްވެ ކުރެވޭ ހޭދަ ޖަމާ ކުރެވިގެންދާނީ ބައިވެރިންގެ ނަމުގައި ގާއިމުކުރެވިފައިވާ ވަކި ފަންޑަކަށެވެ.

މި ނިޒާމުގައި ތަކާފުލްގެ ކުންފުނީގެ ރޯލަކީ ހިދުމަތް ހޯދާ ބައިވެރިންގެ ފަންޑު ބަލަހައްޓައިދިނުމަށް ހަމަޖައްސާފައިވާ ވަކީލެއްގެ ރޯލަކަށް ވާއިރު، އިންޝުއަރެންސްއާ ހިލާފަށް ބައިވެރިންދޭ ޗަންދާ ތަކާފުލް ކުންފުނީގެ ހިއްސާދާރުންގެ ރައުސުލްމާލުގެ ތެރޭގައި ނުހިމެނެ އެވެ.

މި ޗަންދާއަކީ ބައިވެރިންގެ ފަންޑަށް އިތުރުވާ އެއްޗެކެވެ. އަދި މި މުއާމަލާތުން ތަކާފުލްއަށް ލިބޭނީ ވަކާލާ ފީ ނުވަތަ އޭޖެންސީ ފީއަކަށްވާއިރު، މިއީ ފަންޑު ރަނގަޅު ގޮތުގައި ބެލެހެއްޓުމުން ދޭ ފީ އެކެވެ.

ތަކާފުލް އާއި އިންޝުއަރެންސްގެ ނިޒާމު ތަފާތުވުމާއެކުވެސް، ދެ ނިޒާމުގެވެސް ބޭނުމަކީ، ނިޒާމު ބޭނުންކުރާ ފަރާތްތަކަށް އެއް މަންފާއެއް ފޯރުކޮށްދިނުމެވެ. އެއީ ކަސްޓަމަރުންނަށް ދިމާވާ މާލީ ގެއްލުންތަކުން ރައްކާތެރިކަށް ފޯރިކޮށްދިނުމެވެ.

ނަމަވެސް އިންޝުއަރެންގެ ނިޒާމަކީ ހުއްދަ ނިޒާމެއް ނޫން ކަމުގައި ކަނޑައަޅައި ނިންމައި، ތަކާފުލްގެ ނިޒާމު ފައްކާ ކުރުމުގެ ބޭނުމަކީ ކޮބައި ކަމާމެދު ވިސްނާލަންޖެހެ އެވެ.

ޖުމްހޫރު އިލްމުވެރިން ވިދާޅުވާ ގޮތުގައި އިންޝުއަރެންސް އަކީ އޭގެ ޒާތުގައި ހުއްދައެއްޗެކެވެ. ނަމަވެސް އިންޝުއަރެންސް ކަސްޓަމަރުންނާ ހަމަޔަށް ގެނެސްދިނުމަށްޓަކައި އޭގެ ފަހަތުގައި ހިނގާ މަރުހަލާ ތަކަކީ ހުއްދަ މަރުހަލާތަކަށް ނުވުމުން، އިންޝުއަރެންސް ވެސް ހުއްދަ އެއްޗެއް ނޫންކަމުގައި ކަނޑައެޅުނީ އެވެ.

މީގެ މިސާލަކީ ހަލާލް ކުކުޅާއި ހަރާމް ކުކުޅުގެ މިސާލެވެ. ޝަރުއީ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަތިލެވިފައިވާ ކުކުޅަކީ މުސްލިމުން ކެއުން ހަލާލު ކުކުޅަކަށްވާއިރު، ޝަރުއީ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަތިލެވިފައިނުވާ ކުކުޅަކީ މުސްލިމުން ކެއުމަށް ހުއްދަވެގެންވާ އެއްޗެއްނޫނެވެ.

އެހެންކަމުން، އިންޝުއަރެންސް ހުއްދަ ނޫން އެއްޗެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ އިންޝުއަރެންސްގެ މުއާލާތުގައި ރިބާ، އަރަރު (ފަހުންވާނެ ގޮތެއްނޭގުން) އަދި ޖުވާ ހިމެނޭތީ އެވެ.

ރިބާއަކީ ކޮބާ؟

އިންޝުއަރެންސްގެ ނިޒާމުގައި ބައިވެރިން ޕްރިމިއަމްގެ ގޮތުގައި ދައްކާ އަދަދު އެއްކުރުމަށްފަހު ފަންޑު އިތުރުކުރުމަށްޓަކައި އެ ފައިސާ ހޭދަ ކުރެވިގެންދާނީ ރިބާގެ މުއާމަލާތްތައް ހިންގާ ބޭންކްތަކާއި އެހެނިހެން މާލީ އިދާރާ ތަކުގަ އެވެ. ނަމަވެސް، ތަކާފުލްގައި ފަންޑު އިތުރުމުކުރަމށްޓަކައި ފައިސާ ހޭދަ ކުރެވިގެންދާނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް އަމަލު ކުރަމުންގެންދާ މާލީ އިދާރާތަކުގަ އެވެ.

އަރަރު (ފަހުން ވާނޭ ގޮތެއް ނޭގުން) އަކީ ކޮބާ؟

އިސްލާމީ ޝަރީއަތުގައި، މުއާމަލާތުގެ އަގުދެއް ކުރާއިރު ފަހުން ވާނެ ގޮތެއް ނޭނގޭ ކަމެއްގެ މައްޗަށް ބިނާކޮށް މުއާމަލާތެއް ކުރުމަކީ އެ އަގުދެއް ބާތިލްވާނެ ކަމެވެ.

އިންޝުއަރެންސްގެ މުއާމަލާތަކީ ދެފަރާތުން ވެވޭ ގަނެ ވިއްކުމުގެ މުއާމަލާތަކަށް ނުވަތަ އެކަތި އަނެކައްޗާ ބަދަލުކުރެވޭ އަގުދަކަށްވާއިރު، އިންޝުއަރެންސް ޕޮލިސީގެ އަގު ދެއްކުމަށްފަހު، އޭގެ ބަދަލު ލިބުން ބިނާވެގެންވަނީ އިންޝުއަރެންސް ކުރި މުދަލެއް ނުވަތަ އެއްޗަކަށް ގެއްލުމެއް ލިބުމާއި ނުލިބުމުގެ މައްޗަށެވެ.

އެހެންކަމުން އިންޝުއަރެންސްގެ ބައިވެރިންގެ އަތުން ޕްރިމިއަމް ނެގުމަށްފަހު އޭގެ ބަދަލު ލިބޭނެކަމުގެ ޔަގީންކަމެއް އެއްވެސް ބައިވެރިއަކަށް ލިބިގެންނުވެ އެވެ. މިއާއެކު، އިލްމުވެރިން އިޖްމާއުވެ ވަޑައިގަންނަވާ ގޮތުގައި، ގަބޫލުކުރެވޭ މިންވަރަށްވުރެ އިތުރަށް އިންޝުއަރެންސްގައި އަރަރު ހިމެނެއެވެ.

ނަމަވެސް، މިއާއި ހިލާފަށް، ތަކާފުލްގެ މުއާމަލާތަކީ ބައިވެރިން އެކަކު އަނެކަކަށް އެހީތެރި ވުމުގެ ނިޔަތުގައި ﷲ ގެ މަގުގައި ކުރާ ސަދަގާތަކަށް ނުވަތަ މަތިވެރި ހޭދަޔަކަށްވުމާއި އެކު މި މުއާމަލާތުގައި އަރަރު ހިމެނިގެން ނުވެ އެވެ.

ޖުވާ (މައިސިރި) އަކީ ކޮބާ؟

ޖުވާއަކީ އޭގެ ހުރިހާ ވައްތަރެއް ހަރާމްކުރެވިފައިވާ ކަމެއްކަމުގައި ފިގުހު އިލްމުވެރިން އިއްތިފާގު ވެވަޑައިގަންނަވާ ކަމަކަށްވާއިރު، އިންޝުއަރެންގެ މުޢާމަލާތުގައި ޖުވާގެ ބާވަތެއް ހިމެނޭކަމަށް ޖުމްހޫރު އިލްމުވެރިން އެއްބަސްވެވަޑައިގަންނަވަ އެވެ.

އެއީ އިންސޫރެންސްގައި މާލީ ހިދުމަތް ހޯދާ ފަރާތަށް ގެއްލުމެއް ލިބިއްޖެ ހާލަތެއްގައި އިންޝުއަރެންސް ކުންފުނިން ބަދަލުގެ ގޮތުގައި ދައްކާ އަދަދަކީ ޕޮލިސީ ނެގުމަށްޓަކައި ބައިވެރިން ދެއްކި އަދަދަށްވުރެ ބޮޑު އަދަދަކަށްވުމާއި އެކު އިންޝުއަރެންސް ކުންފުންޏަށް ގެއްލުންވެ، ހިދުމަތް ހޯދާ ފަރާތަށް ފައިދާ ވާތީއެވެ.

އޭގެއިތުރުން ހިދުމަތް ހޯދާ ފަރާތައް ގެއްލުމެއް ނުވާ ހާލަތެއްގައި ޕޮލިސީ ނެގުމަށްޓަކައި ބައިވެރިން ދެއްކި އަދަދަކީ އިންޝުއަރެންސް ކުންފުންޏަށް ލިބޭ ފައިދާ އަކަށްވެފައި ބައިވެރިންނަށް ލިބޭ ގެއްލުމަކަށް ވުމުން، ކޮންމެ ހާލަތެއްގައިވެސް އެއް ފަރާތަށް ފައިދާ ލިބި އަނެއް ފަރާތަށް ގެއްލުމެއް ލިބެ އެވެ.

ނަމަވެސް، ތަކާފުލްގައި ފަންޑަކީ ބައިވެރިންގެ ފަންޑަކަށްވެފައި، ފަންޑުގެ ބައިވެރިން އެކަކު އަނެކަކަށް ދިމާވާ ދަތި އުނދަގޫ ހާލަތްތަކުގައި އެހީތެރި ވުމަށްޓަކައި ﷲ ގެ މަގުގައި ކުރާ ހޭދައަކަށް ވުމުން، ވަކި ފަރާތަކަށް ގެއްލުންވެ ވަކި ފަރާތަކަށް ފައިދާވުމުގެ ފުރުސަތު ތަކާފުލްގެ ނިޒާމުގައި ހިމެނިގެންނުވެ އެވެ.

އިންޝުއަރެންސް އާއި ތަކާފުލް ތަފާތެއްކަމުގައި ހިމެނޭ އެކައްޗަކީ ސާޕްލަސް ނުވަތަ އިތުރުވާ ބައި ބައިވެރިންނަށް ބެހުމެވެ. ކޮންމެ އަހަރަކުވެސް ފަންޑުގެ ބައިވެރިންނަށް ލިބޭ ގެއްލުންތަކުގެ ބަދަލު ދިނުމަށްފަހު، އެ އަހަރު ތެރޭގައި އެއްވެސް ގެއްލުމެއް ނުވާ ބައިވެރިންނަށް ތަކާފުލް ފަންޑުން ދޭން ވަކި އަދަދެއް ކަނޑައަޅަ އެވެ.

އެ އަދަދަކީ ކުރިއަށް އޮތް އަހަރުތަކަށް ފަންޑު ދެމެހެއްޓުމަށްޓަކައި ރިސާވް ވެސް ބެހެއްޓުމަށް ފަހު ފަންޑުގެ އޯނަރުންކަމުގައިވާ ފަންޑުގެ ބައިވެރިންނަށް ބެހުމަށް ނިންމާ އަދަދެކެވެ.

ތަކާފުލްގެ ނިޒާމަކީ އަސާސީ އުސޫލުތައް އިސްލާމީ އުނގަންނައިދިނުންތަކާ އެއްގޮތް ނިޒާމަކަށް ވުމާއެކު، އިޖުތިމާއީ އިންސާފާއި އިންސާފުވެރިކަން ކުރިއެރުވުމަށް ބާރުއަޅާފައިވާ ނިޒާމެކެވެ. އަދި ދުނިޔޭގެ ފެންވަރުގައި އެތިކަލް ފައިނޭންސަށް ހޭލުންތެރިކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، މުސްލިމުން ގިނަ ނޫން އިޖުތިމާއީ ޒިންމާދާރު ކަމާއި މާލީ އުފެއްދުންތަކަށް ޑިމާންޑް އޮންނަ ޤައުމުތަކުގައި ތަކާފުލްއަށް އޮންނަ ޑިމާންޑް އިތުރުވެ ތަކާފުލް އިން ދަނީ މާކެޓްގައި ކުރި ހޯދަމުންނެވެ.

ސަރުކާރުތަކާއި ރެގިއުލޭޓަރީ ބޮޑީތަކުން ދަނީ ތަކާފުލްގެ މުހިންމުކަން ދެނެގަނެ، އޭގެ ކުރިއެރުމަށް މަގުފަހިކުރުމަށް ސަޕޯޓިވް ފްރޭމްވޯކްތައް ތަންފީޒު ކުރަމުންނެވެ. އެހެންކަމުން، އެއްބާރުލުމާއި އިޖުތިމާއީ ޒިންމާގެ މައްޗަށް ބިނާވެފައިވާ އުސޫލުތަކާއެކު، ދުނިޔޭގެ އިންޝުއަރެންސް އާއި ފައިނޭންސްގެ މުސްތަގުބަލު ބައްޓަންކުރުމުގައި ބޮޑު ދައުރެއް އަދާކުރުމަށް ތަކާފުލް ވަނީ ތައްޔާރަށެވެ.

އެޑިޓަރުގެ ނޯޓު


މިއީ އަމާނާ ތަކާފުލް މޯލްޑިވްސްގެ ފަރާތުން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.