Advertisement

ޝަމީމްގެ މަޒްމޫން: "88 (ހ) އަމުރަށް ނުކިޔަމަންތެރިވުން"

8 ޖޫން 2021 - 12:17 4


ޝަމީމްގެ މަޒްމޫން: "88 (ހ) އަމުރަށް ނުކިޔަމަންތެރިވުން"

8 ޖޫން 2021 - 12:17 4

އަލްއުސްތާޒް ހުސެއިން ޝަމީމް

ޤާނޫނަކީ، މީހުން އުޅޭނެ ގޮތް ބަޔާންކުރަން ހަދާ އެއްޗެކެވެ. ޤާނޫނުގެ މާނައަކީ ވެސް، ބޭނުމަކީ ވެސް މީހުން އުޅެންވީ ގޮތް ސާފުކޮށްދިނުމެވެ. ޤާނޫނު ތަންފީޒުކުރާ މީހުންގެ ކަމަކީ، ޤާނޫނުގައި ލިޔެފައި އޮތް އެއްޗެއް ތަންފީޒު ކުރުމެވެ. ތަންފީޒުކުރަން ބަލާއިރު، ޤާނޫނު ސާފުނުވާނަމަ، ދެބަސްވުން އިތުރުވެ، ޤާނޫނުގެ މަޤާމާއި ޤާނޫނީ ނިޒާމާމެދު އިތުބާރު ގެއްލޭގޮތް ވެއެވެ.

ޖިނާއީ ޢަދުލުގެ ނިޒާމަށް ބަލާއިރު، މިހާރު މިއޮތް ޤާނޫނުލްޢުޤޫބާތަކީ، 2015 ވަނަ އަހަރު ލިޔެ، 2016 ވަނަ އަހަރު ތަންފީޒުކުރަން ފެށުނު ޤާނޫނެކެވެ. އެއީ، މިހާތަނަށް ރާއްޖޭގައި ފާސްކުރި އެންމެ ބޮޑު، އެންމެ ދިގު އަދި އެންމެ ފުރިހަމަ އެއް ޤާނޫނެވެ. އެވަގުތުގެ ޙާލަތަށް ފެތޭ ޤާނޫނެކެވެ. އެޤާނޫނުލްޢުޤޫބާތު އައުމާއެކު އުވިގެން ދިޔައީ، 1968 ވަނަ އަހަރު ހަދައި ޢަމަލުކުރަމުންދިޔަ ޤާނޫނެކެވެ.

1968 ގެ ޤާނޫނުލްޢުޤޫބާތަށް އޮތް އެންމެ ބޮޑު އެއް ފާޑުކިޔުމަކީ، އެޤާނޫނުގައި ސާފުނުވާ ޢިބާރާތްތައް ހުރުމެވެ. އެހެން ދިމާވީ، ޒަމާނަށް އައި ބަދަލާވެސް އެކު އެވެ. މީހުންގެ އުޅުމުގެ ވައްޓަފާޅިއާއި، އިޖްތިމާޢީ، އިޤްޠިޞާދީ، ސިޔާސީ ޙާލަތުތައް ބަދަލުވިއިރު، އެއާ އެއްވަރަށް ޤާނޫނަށް ނާދެވުނީ އެވެ. މިސާލަކަށް، އެ ޤާނޫނުގައި ވައްކަން ކުރުން މަނާކޮށްފައިވާ މާއްދާގައި 'ބަނޑަހަ ފަދަ' ތަންތަނުން ވައްކަން ކޮށްފިނަމަ ވާނެ ގޮތް އޮވެ އެވެ. ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭގައި ބޮޑުވެގެން އައި ކުދިންނަކަށް ބަނޑަހައަކީ ކޮން ތަނެއްކަމެއް ނޭނގޭނެއެވެ.

ކުރީގެ ޤާނޫނުލްޢުޤޫބާތަކީ، އޭރުގެ ސިޔާސީ ބޭނުމަށް ބޭނުންކުރާ ހަތިޔާރެއްކަމަށް ބުނެވެސް، ފާޑުކިޔެވެ. މާއްދާތައް އެތުރިފައި ހުރި ގޮތުން، އެފާޑުކިޔުމަށް ބާރުވެސް ލިބެ އެވެ. އެޤާނޫނުގައި ކުށް ބަޔާންކުރާ ފުރަތަމަ ބާބަކީ "ދިވެހިރާއްޖޭގެ ދައުލަތާ އިދިކޮޅު ޙަރަކާތާއި ފިތުނަ" ކިޔާ ބާބެކެވެ. މިއީ، އޭރުގެ ސިޔާސީ ތާރީޚީ ޙާދިސާއަކާ ގުޅިގެން ލިޔެވިފައި އޮތް ގޮތެކެވެ. މީހުން މެރުމަކީ، ދީނީގޮތުންނާއި އިޖުތިމާޢީގޮތުން އެންމެ ބޮޑު ކުށަށް ވިޔަސް، މީހުން މެރުމަކީ ކުށެއްކަމަކަށް، އެޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައެއް ނުވެ އެވެ.

އެޤާނޫނުގެ 88 ވަނަ މާއްދާގެ (ހ) އަކީ، އެކިއެކި ބޭނުންތަކަށް ބޭނުންކުރާ "ފުޅިމަދު އުނގުރި" އެކެވެ. އެމާއްދާގައި އޮތީ؛ "ޝަރްޢީ ނުވަތަ ޤާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރި ވުމަކީ ކުށެއް" ކަމަށެވެ. އެކުށުގެ އަދަބަކީ، 6 މަސް ދުވަހަށް ޖަލަށްލުން، އަރުވާލުން، ގޭގައި ބަންދުކުރުން، ނުވަތަ 150.00 ރުފިޔާއަށްވުރެ ގިނަނޫން ޢަދަދަކަށް ޖޫރިމަނާކުރުމެވެ. މިމާއްދާގެ ފުރަތަމަ މައްސަލައަކީ، "ޝަރްޢީ ނުވަތަ ޤާނޫނީ ގޮތުން ކުރާ އަމުރަކީ" ކޮބައިކަން ސާފުނުވުމެވެ. ޝަރުޢީ އަމުރުތަކާއި ޤާނޫނީ އަމުރުތައް ހުރީ އެކި ޤާނޫނުތަކާއި، އެކި މަޞްދަރުތަކުގަ އެވެ. އެއީ ކަނޑައެޅިގެން ކޮން ކަންތައްތަކެއްކަން ސާފުކޮށް އެނގޭ އެކަކުވެސް ނެތެވެ.

ދިވެހިރާއްޖެއަކީ، ޑިމޮކްރަޓިކް ޤައުމެކެވެ. (ޑިމޮކްރަސީއަކީ، ސީދާ ރައްޔިތުން އިންތިޚާބުކުރާ ބަޔަކު ހިންގާ ވެރިކަމެއްކަމަށް ބަލައިފިނަމަ،) ދައުލަތުގެ އެންމެ ޑިމޮކްރަޓިކް ގުނަނަކީ ރައްޔިތުންގެ މަޖިލީހެވެ. އެންމެ ޑިމޮކްރަޓިކް މަސައްކަތަކީ، ޤާނޫނު ހެދުމެވެ. މިކަން ކުރަން، ޤާނޫނުއަސާސީގައި އޮތީ، ރައްޔިތުންގެ މަޖިލީހުންނެވެ. 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރާ ދަޢުވާތަކުގެ މައްސަލައަކީ، "ޝަރްޢީ ނުވަތަ ޤާނޫނީ ގޮތުން ކުރާ އަމުރަކީ" ކޮބައިކަން ސާފުނުވާތީ، އެކަމާމެދު ގޮތެއް ކަނޑައެޅުމުގެ ބާރު، ފަނޑިޔާރަށް ލިބުމެވެ. ދިވެހި ޑިމޮކްރަސީގައި ފަނޑިޔާރުގެ ދައުރަކީ ޤާނޫނު މާނަކުރުމެވެ. ޤާނޫނަކީ ކޮބައިކަން ކަނޑައެޅުމެއް ނޫނެވެ.

"ޝަރްޢީ ނުވަތަ ޤާނޫނީ ގޮތުން ކުރާ އަމުރަކީ" ކޮބައިކަމާއި، އެއަމުރާ ޚިލާފުވާ މީހާއަށް އަދަބު ކަނޑައަޅާނީ ކިހާ މިންވަރަކަށް އަމުރާ ޚިލާފުވީމާކަން ކަނޑައެޅުމުގެ ބާރު، އެޤާނޫނު އޮތް ގޮތުން ލިބެނީ ފަނޑިޔާރަށެވެ. (އެމީހާ މަޤާމަށް ޢައްޔަންވުމުގެ އިޖުރާއަތުގެ މައްޗަށް އެކަނި ބަލައިފިނަމަ،) ފަނޑިޔާރުންނާއި ޖުޑީޝަރީއަކީ، (އެގޮތުން) އެންމެ ޑިމޮކްރަޓިކް ނޫން މުއައްސަސާއެވެ. ވީމާ، ޤާނޫނުލްޢުޤޫބާތު އޮތް ގޮތުން، 88 ވަނަ މާއްދާގެ (ހ) ގައި ބުނާ އަމުރުގެ އިންތަކާއި މިންތައް ކަނޑައެޅުމުގެ ބާރު ފަނޑިޔާރުންނަށް އޮތުމުގެ މާނައަކީ، ދައުލަތުގެ އެންމެ ބޮޑު ޑިމޮކްރަޓިކް މަސައްކަތް (ޤާނޫނު ހެދުމާއި، އޭގެ އިންތައް ކަނޑައެޅުން) އެއީ، އެންމެ ޑިމޮކްރަޓިކް ނޫން މުއައްސަސާއިން ކުރާ ކަމަކަށްވުމެވެ. އެއާއެކު، ޑިމޮކްރަސީގެ އަސާސީ އެއް ސިފައާމެދު ސުވާލު އުފެދުމެވެ.

ކުރީގެ ޤާނޫނުއަސާސީ އޮތް ގޮތުން، ދައުލަތުގެ ވެރިޔާއާއި، ޖުޑީޝަރީގެ ވެރިޔާއަކީވެސް ރައީސުލްޖުމްހޫރިއްޔާއެވެ. އޭރުގެ ދުސްތޫރީ ޙަޤީޤަތް ނިޔާކުރާ ގޮތުން، 88 ވަނަ މާއްދާގެ (ހ) މާނަކުރަންޖެހޭ ޙާލަތެއްގައި، އެކަން ކުރަނީ ސިޔާސީ މަޤްޞަދެއްގައިކަމަށް ބެލުމަކީ ނިޒާމު އޮތް ގޮތުން، އޭގެ ޒާތުގައި އެއަށް އޮންނާނެ ފާޑުކިޔުމެކެވެ. ގިނަ ދުވަސްތަކެއް ވަންދެން އެކަން އެގޮތަށް ހިނގިވެސްމެއެވެ. މިހާރުގެ ޤާނޫނުއަސާސީން، ޖުޑީޝަރީ ވަނީ މިނިވަންކޮށްފަ އެވެ.

88 ވަނަ މާއްދާގެ (ހ) އަށް އޮތް ފާޑުކިޔުމާއި، އެނޫންވެސް، އޭރުގެ ޤާނޫނުގައި ހުރި ޢައިބުތައް، އައު ޤާނޫނުލްޢުޤޫބާތުގައި ޙައްލުކުރުމަށް މަސައްކަތް ކޮށްފައިވެ އެވެ. އައު ޤާނޫނުގައި ކުށާއި އަދަބު ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. ކުށް ކުށަކަށްވާ ގޮތާއި، އެކުށުގެ އިންތަކާއި މިންތަކާއި އަދަބުގެ ތާވަލާއި އަދަބު މަތިވާނެ ގޮތާއި ދަށްވާނެ ގޮތްވެސްމެއެވެ. ފަނޑިޔާރުންނަށް އޮތީ، ޤާނޫނު މާނަކުރުމުގައި ދެބަސްވުމެއް އުފެދޭ ޙާލަތެއްގައި އެކަން ޙައްލުކުރުމެވެ.

ކުށް ބަޔާންކުރާ ޤާނޫނުތަކަކީ މުޅި ޤައުމުގެ އިޖްތިމާޢީ ޙާލަތު ރަމްޒުކޮށްދޭނެ އެއްޗެކެވެ. އިޖުތިމާޢީ ޙާލަތަށް އަންނަ ބަދަލާއެކު، ޤާނޫނުވެސް ބަދަލުވާންޖެހޭނެއެވެ. ޤާނޫނަށް ބަދަލު ގެންނައިރު، އެ ޢަމަލު ކުށަކަށް ނުހަދައި އޮތުމުގެ ނުވަތަ ކުރިން ލިޔެފައި އޮތް ގޮތެއްގެ ސަބަބުން ނުކުތް ނުރަނގަޅު ނަތީޖާއިން ސަލާމަތްވާނެ ގޮތަށް، ސާފުކޮށް ޤާނޫނު އޮތުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.

ގޭންގު ކުށްތަކުގެ މައްސަލަ ބޮޑުވެގެން، ޤާނޫނު ނަންބަރު 2010/18 (ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނު) އެއް 2010 ވަނަ އަހަރު ފާސްކުރި އެވެ. އެޤާނޫނުގެ ދަށުން ވޭތުވެދިޔަ 11 އަހަރު ތެރޭގައި ކުރެވިފައި އޮތީ އެންމެ ދަޢުވާއެކެވެ. އެޤާނޫނުގެ ޢިބާރާތްތައް ހުރި ގޮތުން، ކުށުގެ ޢުންޞުރުތައް ފުރިހަމަކުރުމަށް ދަތީ އެވެ. ޤާނޫނު ތަންފީޒުކުރާ މީހުންނަށް ޤާނޫނެއް ތަންފީޒުކުރަން ދޭނަމަ، ރަނގަޅު، 'ދަތް ހުރި' ޤާނޫނެއް ދިނުމަކީ މުހިންމު ކަމެކެވެ.

ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމަކީ އަބަދުވެސް ކުރަންޖެހޭނެ ކަމެކެވެ. ޤައުމަށް ދިމާވާ ނުރައްކާތެރި ހާދިސާތަކުން ޢިބުރަތް ލިބުނުކަމަށްވާނީ، އެފަދަ ކަމެއް ތަކުރާރުނުވާނޭ ގޮތަށް ދައުލަތުގެ ހުރިހާ ދިމާއަކުން ފިޔަވަޅު އަޅައިގެންނެވެ. ޤާނޫނުތައް ހަރުދަނާކުރަންވީ އެވެ. އިންޓެލިޖެންސް މަސައްކަތް ފުޅާކުރަންވީ އެވެ. ފުލުހުންނާއި ޕްރޮސިކިއުޓަރުންނާއި ފަނޑިޔާރުން ތަމްރީނު ކުރަންވީ އެވެ. ޝަރީޢަތްތައް އަވަސް ކުރަންވީ އެވެ. ހަރުކަށިކުރަންވީ އަދަބު ދިނުމުގެ ނިޒާމެވެ. ޖަލުގައި ތިބެގެން އިތުރު ކުށް ކޮށް، މީހުންގެ ސިކުނޑިއަށް ސަވާރުވެ، ސިކުނޑި ދޮވެލުމުގެ ފުރުޞަތު އެއްގޮތަކަށްވެސް ނުދޭންވީ އެވެ.

......

އެޑިޓަރުގެ ނޯޓް: އަލްއުސްތާޒް ހުސެއިން ޝަމީމް އަކީ ދިވެހިރާއްޖޭގެ ޕްރޮސިކިއުޓާ ޖެނެރަލް އެވެ. އޭނާ ވަނީ ކްރިމިނަލް ލޯ އާއި ކްރިމިނަލް ޖަސްޓިސް އިން އިނގިރޭސި ވިލާތުން މާސްޓާސް ޑިގްރީއެއް އަދި ޝަރިއާ އެންޑް ލޯ އިން މިސްރުން ބެޗެލާސް ޑިގްރީއެއް ހާސިލްކުރައްވައިފަ އެވެ. އޭނާ އަކީ ރާއްޖޭގެ ފުންނާބު އުސް ގާނޫނީ ވަކީލެއް ވެސް މެ އެވެ.