Advertisement

ކޮވިޑުގެ ނުރައްކާ ބޮޑު؛ ކުޑަކުދިން ސަލާމަތްކުރޭ!

7 ޖޫން 2021 - 12:25 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކުދިންތަކެއް މަގުމަތީގައި: ކޮވިޑުގައި ކުދިންނަށް އޮތް ނުރައްކާ ބޮޑު.


ކޮވިޑުގެ ނުރައްކާ ބޮޑު؛ ކުޑަކުދިން ސަލާމަތްކުރޭ!

7 ޖޫން 2021 - 12:25 0

ރާއްޖެ ތަޖުރިބާ ކުރަމުން މިދަނީ ކޮވިޑުގެ ހަތަރު ވަނަ ރާޅެވެ. ލޯބިވާ އެތައް ބަޔަކު އެ ބަލީގައި ދުނިޔެ ދޫކޮށްފި އެވެ. ކޮވިޑަށް ޕޮޒިޓިވް، ފަރުވާ ދިނުމަށް ގެންދިޔަފަހުން އާއިލާ ބައްދަލުވުމުގެ ނަސީބު ވެސް ނުލިބި ދުނިޔެއިން ވަކިވެގެން އެދިޔައީ މަދު ބައެއް ނޫނެވެ. ފަހު ވަގުތު ބައްދަލުކޮށް ވާހަކަ ދައްކާނުލެވުނު ކަމުގެ ގިލަންވެރިކަމުގެ އިތުރުން މޫނު ދެކިލުމުގެ ފުރުސަތު ވެސް ނުލިބުނު ކަމުގެ ހިތާމައިގައި ތިބި އާއިލާތައް އެހާ ގިނަ އެވެ.

މި ހިތާމައިގެ ތެރެއަށް އިތުރުވި ހަބަރަކީ ކޮވިޑަށް ޕޮޒިޓިވްވާ ކުޑަކުދިންގެ އަދަދު ކަންބޮޑުވާންޖެހޭ ދަރަޖައަށް އިތުރުވެފައި ވާ ކަމުގެ ހަބަރެވެ. ކޮވިޑްގެ މި ވަބާއާ ގުޅިގެން ފުރަމާލެ އަނެއްކާވެސް ލޮކްޑައުނެއްގެ ތަޖުރިބާ ކުރަން ޖެހިފައިވާއިރު، މިއީ ކޮވިޑް ފުރަތަމަ ރާޅުގެ ތަޖުރިބާއަށްވުރެ ވެސް ހިތްދަތި ތަޖުރިބާ އެކެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުން މަރުވާ އަދަދު އިތުރުވެ އެކަމުގެ ކަންބޮޑުވުމުގައި ތިއްބައި، ބައްޔަށް ހުށަހެޅޭ ކުޑަކުދިންގެ އަދަދު ވެސް އިތުރުވާން ފެށީ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ ކުޑަކުދިންގެ އަދަދު މިހާރު އިންތިހާއަށް އިތުރުވެފައި ވާއިރު، މިއީ ރާއްޖޭގެ އާބާދީއާ އަޅާބަލާއިރު ކަންބޮޑު ވާންޖެހޭ ކަމެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ފަސް މަހުގެ ތެރޭ 10 އަހަރުން ދަށުގެ 5131 ކުދިން ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވާ ކުޑަކުދިންގެ އަދަދު ގިނަ-- ފޮޓޯ: އަދަދު


އެއީ 10 އަހަރުން ދަށުގެ އުމުރުފުރާއަށް ބަލާނަމަ ދުވާލަކަށް އެވްރެޖް ކޮށް 52 ކުދިންނެވެ. މިދިޔަ މަހަށް އެކަނި ބަލާއިރު، އަލަށް ވިހާ ކުދިންނާއި އަހަރު ނުވާ ކުޑަކުދިން ޕޮޒިޓިވްވި އަދަދު ވަނީ 400 އާ ގާތްކޮށްފަ އެވެ.

ކޮވިޑުން ކުޑަކުދިނަށް އޮތް ނުރައްކާ!

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވާ ކުޑަކުދިންގެ އަދަދު އިންތިހާއަށް އިތުރުވެފައި ވާއިރު އެ ކުދިންނަށް ކޮވިޑް ޖެހި ހާލަތު ގޯސްވެއްޖެނަމަ އޮތް ނުރައްކާ ޑޮކްޓަރުން ސިފަކުރާގޮތްވެސް ހިތްދައްޗެވެ.

އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް "އަދަދު" އަށް ވިދާޅުވީ ކޮވިޑްގެ ނުރައްކާ ބޮޑުވަނީ އެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ ކުދިންނަށް ކަމަށެވެ. އޭގެ ތެރޭގައި މަދުން ނަމަވެސް ހަކުރު ބައްޔާއި ކިޑްނީގެ ބަލިތަކާއި ދާއިމީ އެކި ބަލިތަކަށް ފަރުވާކުރާ ކުދިން ހިމެނެ އެވެ. ބައްޔަށް ހުށަހެޅޭ އެފަދަ ކުދިންނަށް އޮތް ނުރައްކާ އިންތިހާއަށް ބޮޑެވެ.

ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް "އަދަދު" އަށް ވިދާޅުވި ގޮތުގައި ކޮވިޑްގައި އާންމު ގޮތެއްގައި ކުޑަކުދިންނަށް ދިމާވާ އުނދަގޫތަކުގެ ތެރޭގައި ރޯގާ ޖެހުމާއި ކެއްސުން ހިމެނެ އެވެ. އަދި ހޮޑުލުމާއި ބޭރަށް ހިންގުންވެސް ހިމެނެއެވެ.

ކޮމްޕްލިކޭޝަނެއްގެ ގޮތުގައި މި ފެންނަނީ ނިއުމޯނިއާ، އަދި ޑިހައިޑްރޭޝަން، ދެން އެހެން ގުނަވަންތަކަށް އޭގެ އަސަރު ކުރުން ވަރަށް ގާތް. -- ޑރ. ފައިސަލް

ކޮވިޑުގައި ކުއްޖާގެ ހާލަތު ސީރިއަސް ވެއްޖެކަން ދެނެގަންނާނީ ކިހިނެއް؟

އާންމު ހާލަތުގައި ކުޑަކުދިންނަކީ ބޮޑެތި މީހުންނަށްވުރެ ދިފާއީ ނިޒާމު ވަރުގަދަ ބައެކެވެ. އެހެންނަމަވެސް ކުއްޖާ ތަހައްމަލު ކުރަމުންދާ އެހެން ބައްޔެއްގެ ސަބަބުން ކޮވިޑްގެ ނުރައްކާ އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ހާލަތުތަކުގައި މަރަށް ހުށަހެޅޭ ފަހަރުވެސް އާދެ އެވެ. އަދި ބަލީގެ ހާލަތު ގޯސްވާ ހިސާބަށް ހިނގައްޖެ ނަމަ ފުރާނަ ސަލާމަތްވުން ނާދިރުވާ ފަހަރު ވެސް އާދެ އެވެ.

ޑރ. ފައިސަލް ފާހަގަ ކުރެއްވީ ކުޑަކުއްޖަކަށް ކޮވިޑް ޖެހުމުން ފުއްޕާމޭގައި ރޯގާ ހިފުމާއެކު ނޭވާ އަވަސްވެ ފުއްޕާމޭ ފެއިލްވުމަކީ ކުރިމަތިވެދާނެ ހާލަތެއް ކަމަށެވެ. އެއާއެކު ޑިހައިޑްރޭޓްވެ، އެކަށީގެންވާ ވަރަށް ދިޔާ އެއްޗެހި ހަށިގަނޑަށް ނުލިބޭނަމަ އެހެން ގުނަވަންތައް ފެއިލްވުމަކީ ވެސް ކުރިމަތިވެދާނޭ ހާލަތެއް ކަމަށް ޑރ.ފައިސަލް ވިދާޅުވި އެވެ.

ކޮވިޑް ސާމްޕަލް ނެގުމުގައި އާރްއާރްޓީ ޓީމުން ހަރަކާތްތެރި ވަނީ-- ފޮޓޯ: އަދަދު


"(ބައެއް ހާލަތުތަކުގައި) ފުއްޕާމޭގައި ރޯގާ ހިފައި، ނޭވާ ކުރުވެދާނެ. އޭގެ ސަބަބުން ވެދާނެ ގޮތަކީ ފުއްޕާމޭ ފެއިލްވުން، ދެން ޑިހައިޑްރޭޝަން، އެއީ (ހަށިގަނޑަށް) ލިބެންވާ ވަރަށް ފެން މަދުވީމަ ދިމާވާ މައްސަލައެއް، އަދި އޭގެ ސަބަބުން ލިވާ އާއި ކިޑްނީ އާއި ސިކުނޑިއަށް ވެސް އަސަރު ކޮށްފާނެ" ޑރ. ފައިސަލް ވިދާޅުވި އެވެ.

ކުދިންނަށް ގޭގައި ދެވިދާނެ ބައެއް ފަރުވާތައް

ކުޑަކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ ބަލި ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ގޭގައި ވެސް މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ޑޮކްޓަރުން ވިދާޅު ވެ އެވެ. މިފަދަ ފަރުވާތައް ދޭންޖެހޭކަން ދެނެގަތުމަށްޓަކައި އެންމެ މުހިންމު ކަމަކީ ކޮވިޑްގެ ހާލަތު ގޯސްވާނަމަ ފެންނާނޭ އަލާމާތްތައް ދެނެގަތުމެވެ.

ކޮވިޑްގެ ހާލަތު ގޯސްވާނަމަ ފެންނާނެ އަލާމާތްތައް:

  • ނޭވާ ކުރުވުން
  • ނޭވާ ލާ މިންވަރު އަވަސްވުން
  • ނޭވާ ލާއިރު އަންނަ އަޑު ތަފާތުވުން
  • ކުއްޖާގެ ކުލައަށް ބަދަލު އައުން (ނޫފައިގަތުން)
  • ފިޓުޖެހުން
  • މާބޮޑަށް ވަރުބަލިވުން
  • ގިނަވަގުތު ނިދުން

މި ފަދަ އަލާމާތްތައް ފެންނަނަމަ ގޭގައި ދެވިދާނޭ ފަރުވާތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ޑޮކްޓަރުން ފާހަގަކުރައްވަ އެވެ. ގިނަގިނައިން ދިޔާއެއްޗެހި ބޭނުން ކުރުމަކީ ޑޮކްޓަރުން އެންމެ ބާރު އަޅުއްވާ އެއް ކަމެވެ. އޭގެ ބޭނުމަކީ ހަށިގަނޑު ޑިހައިޑްރޭޓް ވިޔަނުދީ ހިފެހެއްޓުމެވެ. ހުން އަންނަ ނަމަ ނުވަތަ ރޯގާ ހުރި ކަމަށް ފާހަގަކުރެވޭނަމަ ބޭސް ދިނުމަކީ ކުރެވިދާނެ ކަމެކެވެ.

ގޭގައި ދެވޭ މިފަދަ ފަރުވާއިން ފުއްދާލަން ވާނީ ހާލަތު ގޯސް ނުވާނަމަ އެވެ. އާންމުކޮށް ކޮވިޑްގައި ދިމާވާ އަލާމްތާތަކުގެ އިތުރުން އެހެން އަލާމާތްތަކެއް ފެންނަނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ޑރ. ފައިސަލް އިލްތިމާސް ކުރެއްވިއެވެ.

ކޮވިޑަށް ޕޮޒިޓިވް ވާ މާބަނޑު މީހުން އިތުރުވުމާއި ދުވަސް ނުފުރާ ވިހާ ކުދިން ގިނަވުން

ކޮވިޑް ޖެހޭ ކުޑަކުދިންގެ އަދަދު އިތުރުވެފައި ވާއިރު މާބަނޑު މީހުން ކޮވިޑަށް ޕޮޒިޓިވް ވާ މިންވަރުވެސް ކުރިއާ އަޅާ ބަލާއިރު އެތައް ގުނައެއް އިތުރެވެ. ކޮވިޑްގެ ތިންވަނަ ރާޅާ ހިސާބަށްވެސް ރާއްޖޭގައި މާބަނޑު މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރު އޮތީ ނިސްބަތުން ދަށުގަ އެވެ.

ދުވަސް ނުފުރާ ވިހާ މައްސައަކީ މުޅި ދުނިޔޭގައި ވެސް އިތުރުވަމުން އަންނަ ސިއްހީ މައްސަލަ އެކެވެ. ފުރިހަމަ ދިރާސާއެއް ހެދިފައި ނެތްނަމަވެސް ކޮވިޑްގެ ކުރީގައިވެސް މިއީ ރާއްޖޭގައި ކަންބޮޑުވާ ވަރަށް އިތުރު ވެފައިވާ މައްސައެކެވެ.

ކޮވިޑާއެކު އެ އަދަދު ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. ޑރ. ނިޔާފް ވިދާޅުވީ އާންމު ހާލަތުގައި އެގޮތަށް މެދުވެރިވާން ދިމާވާ ބައެއް ސަބަބުތަކުގެ ތެރޭގައި މާބަނޑު ދުވަސްވަރު ކަންކަމާމެދު މާ ބޮޑަށް ވިސްނުމާއި، އެކަށީގެންވާ ވަރަށް ކަސްރަތު ނުލިބުންފަދަ ކަންކަން ހިމެނޭ ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މާބަނޑު މީހުން ދުވަސް ނުފުރާ ވިހެއުން އިތުރު ވެފައިވާ ކަމަށް ވެސް ޑޮކްޓަރު ފާހަގަ ކުރެއްވިއެވެ.

ޑޮކްޓަރުންގެ އިރުޝާދު

ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލު ކަމަށް ވާއިރު، ކޮވިޑުގެ ނުރައްކަލަށް ކުޑަކުދިން ހުށަހެޅޭ މިންވަރު އިތުރު ވުމަކީ މުޅި ގައުމަށް އޮތް ކަންބޮޑުވުމެކެވެ. ކޮވިޑަށް ޕޮޒިޓިވްވާ ކުދިން އިތުރު ވެފައި ވާއިރު އެ ބަލީގައި އެއް ކުއްޖަކު މި ދުނިޔެއާ ވަކިވެއްޖެ އެވެ. އެއް ކުއްޖަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުން ނެވެ.

ކޮވިޑަކީ އާލަމީ ވަބާއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައެޅި ހިސާބުން ފެށިގެން ވެސް އެ ވައިރަސް ފެތުރުނަ ނުދީ ހުއްޓުވުމަށް ފަރުދީ ހައިސިއްޔަތުން ކުރެވެން ހުރި ކަންކަން ކުރުމަށް ރާއްޖޭގެ ސިއްހީ މާހިރުން ގެންދަވަނީ އިލްތިމާސް ކުރައްވަމުންނެވެ. ގިނަގިނައިން އަތް ދޮވުމާއި، ބޭރުގައި އުޅޭއިރު ތަންތަނުގައި އަތް ނުލައި އުޅުމަށް ސަމާލުކަން ދިނުމަށާއި، އޮޅިގެންވެސް ތަނެއްގައި އަތް ލެވިއްޖެނަމަ ވީ އެންމެ އަވަހަކަށް އަތް ދޮވުމަށް ސަމާލުކަން ދިނުން މުހިންމެވެ.

މާލެ މަގުމަތީގައި ކުޑަކުދިން ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު


ޑޮކްޓަރުންގެ ދޭ އިރުޝާދުތަކަށް ރިއާޔަތް ކުރާއިރު، އަދިވެސް އޮތް އެންމެ ރައްކާތެރި ގޮތަކީ ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރުމާއި، މާސްކު ބޭނުން ކުރުމާއި، ކަމާބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދާ އެއްގޮތަށް ގިނަ ގިނައިން އަތް ދޮވެ ހެދުމެވެ. ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދުތަކަށް ކިޔަމަންވެ، ވައިރަހަށް ފާރަވެރިވެ، ފަރުދީ ޒިންމާ އަދާ ކުރުމެވެ. ތިބާގެ އާއިލާއާ އަންނަން އޮތް އާ ޖީލުގެ މުސްތަގުބަލަށްޓަކާ ރައްކާތެރިކަން އިސް ކުރުމެވެ.