8 އޭޕްރީލް 2025 - 08:17 0
8 އޭޕްރީލް 2025 - 08:17 0
މެޑްރިޑް (އޭޕްރީލް 8) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ކުރިމަތިލާނެ އެންމެ ބޮޑު އިމްތިހާނު ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެެވެ.
އާސެނަލްގެ ކޯޗުކަމާ އާޓެޓާ ހަވާލުވީ، 2019 ވަނަ އަަހަރު ޑިސެމްބަރު މަހު އެވެ. އޭގެ ކުރިން، އޭނާ ހުރީ ޕެޕް ގާޑިއޯލާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މެންޗެސްޓާ ސިޓީގަ އެވެ. އާސެނަލާ ހަވާލުވެ، އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި އާސެނަލަށް މިދިޔަ ތިން ސީޒަނުގައި ވެސް ޕްރިމިއާ ލީގުގައި އަންނަނީ ރަނގަޅު ޗެލެންޖެއް ދެމުންނެވެ.
ޗެމްޕިއަންސް ލީގުގެ އެންމެެ ކާމިޔާބު ޓީމު، ރެއާލްގެ ދަނޑުގައި މިރޭ ކުޅޭ މެޗަށް އާސެނަލް ގޮވައިގެން ނުކުންނައިރު، މިއީ ހުރިހާ ގޮތަކުން ވެސް ހާއްސަ މެޗެއް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.
"މިއީ، 100 ޕަސެންޓް، އަހަރެންގެ (ކޯޗިން) ކެރިއަރުގެ ބޮޑު މެޗު. ބޮޑު ޓެސްޓެއް. މިިއީ މިދިޔަ 20 ވަރަކަށް އަހަރަށް ބަލާއިރު، އާސެނަލަށް ވެސް ހާއްސަވާނެ މެޗެއް. ހަގީގަތުގައި، އާސެނަލަކީ މި ލެވަލްގައި އޮންނަން ޖެހޭ ޓީމެއް. ބޮޑެތި މުބާރާތްތަކުގެ ފައިނަލް ސްޓޭޖުތަކުގައި އެ ޓީމު އޮތުމަކީ މި ކްލަބާ ގުޅޭ އެންމެން އެދޭނެ ކަމެއް،" އާޓެޓާ ބުންޏެވެ.
އާސެނަލުން އެންމެ ފަހުން ވާދަވެރި މުބާރާތެއްގައި ރެއާލާ ދެކޮޅަށް ކުޅުނީ 2006 ވަނަ އަހަރު އެވެ. އެ ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރެއާލް އަތުން އާސެނަލް 1-0 އިން މޮޅުވިއިރު، އެ ނަތީޖާ ނެރުނީ ރެއާލް ދަނޑުގަ އެވެ. އެ ފަަހަރުގެ ފައިނަލުން އާސެނަލް ބަލިވީ ބާސެލޯނާ އަތުން 2-1 އިންނެވެ.
އާޓެޓާ ބުނީ ރެއާލް އަތުން ކުރިން މޮޅުވެފައި އޮތުން އާސެނަލަށް މާ ބޮޑު ހިތްވަރަކަށް ނުވާނެ ކަމަށާއި ސަބަބަކީ، 20 އަހަރަކީ ފުޓްބޯޅައިގައި ގިނަ ކަންތައްތަކެއް ބަދަލުވެގެންދާނެ މުއްދަތެއް ކަމަށެވެ.
އެކަމަކު، އާސެނަލްގައި އޭރު އޮތް ޓީމާއި މިހާރު އޮތް ޖީލުގެ ކުޅުންތެރިން އަޅާކިޔާނަމަ ދެ ޓީމުން ވެސް ކްލަބަށްޓަކައި ކުރަން ޖެހޭ މަސައްކަތް އަދާކުރުމުގައި ފަހު ވަގުތާ ޖެހެންދެން ވެސް ހިތްވަރު ކުރާނެ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.
ރެއާލާ ދެކޮޅަށް ފުރަތަމަ އެގާރައިގައި ބުކާޔޯ ސަކާ ބޭނުންކުރާނެތޯ ސުވާލުކުރުމުން އާޓެޓާ އެ އަށް ސީދާ ޖަވާބެއް ދޭން ވަނީ ދެކޮޅު ހަދައިފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment