ހުލާސާކޮށް އިއްޔެ: ގަރާރު ހުށަހެޅުން ވެސް ދަތިކުރުމުގެ ވިސްނުން

8 އޭޕްރީލް 2025 - 01:07 0

ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ފަލާލު. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: ގަރާރު ހުށަހެޅުން ވެސް ދަތިކުރުމުގެ ވިސްނުން

8 އޭޕްރީލް 2025 - 01:07 0

އެކި މައްސަލަތަކުގައި އިދިކޮޅުން މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސް ކުރުމަކީ ބޭކާރު މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާ، ގަރާރަށް ބަހުސްކުރަން ފެނޭތޯ ބެލުމަށް ފުރަތަމަ ވޯޓަކަަށް އަހަން ޖެހޭނެހެން މަޖިލީހުގެ ގަވާއިދު ބަދަލުކުރުމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ގޮވައިލި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބިމެއް ގަތުމަށް ފައިސާ ޗާޕުކުރަން ނިންމާފައިވާތީ، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށެހުޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ އިދިކޮޅުން ހުށަހަޅަނީ ތާކުން ތާކު ނުޖެހޭ ގަރާރުތަކެއް ކަމަށެވެ.

"އަޅުގަނޑަށް ފެނޭ ހަމަ ކުއްލި މައްސަލައެކޭ އެއްގޮތަށް ގަރާރަށް ވެސް މަޖިލީހުގެ ގަވާއިދާ ބަދަލު ގެންނަން. އެ ގަރާރެއް ހުށަހަޅާފަ މި މަޖިލީހުގަ ފުރަތަމަ އަޅުގަނޑުމެން އިއްޒަތްތެރި މެންބަރުންނަށް ބަހުސްކުރަން ފެނޭތޯ ބަލާފަ ބަހުސް އަކަށް ދިޔުން އެއީ އަޅުގަނޑަށް ފެންނަ ގޮތުގަ ވަރަށް މުހިންމު ކަމެއް،" ފަލާހު ވިދާޅުވި އެވެ.

މިއީ ޕީއެންސީގެ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން ފާޅުކުރާ ހިޔާލެއް ނޫން ކަމަށާއި ގަރާރުތަކަށް ބަހުސްކުރަން ދަތިކުރަން ޖެހެނީ ތާކުން ތާކު ނުޖެހޭ ގަރާރުތައް ކުރިއަށް އޮތްތަނުގައި ގިނަވެދާނެތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ކޮންކަހަލަ ކަމެއްތޯ މި ކުރަނީ. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް އައްޔަންކޮށްފަ ރައްޔިތުން މި ތިބެނީ މިކަހަލަ ތާކުން ތާކު ނުޖެހޭ ކަންކަން ކުރާކަށް ނޫން،" ފަލާހު ވިދާޅުވި އެވެ.

އޭނާގެ ފަހުން ވާހަކަދެއްކެވި ޕީއެންސީއަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލްވެސް ވަނީ ގަރާރުތައް ހުށަހަޅާއިރު ބަހުސްކުރަން ފެނޭތޯ ނުވަތަ ގަރާރު ބޭރުކޮށްލަން ޖެހޭތޯ ބަލަން ވޯޓެއް ނަގަން ތާއީދުކުރާ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ ގަވާއިދު މިހާރު އޮތް ގޮތުން ހުށަހަޅާ ގަރާރުތަކަށް ބަހުސްކުރަން ޖެހެ އެވެ. ނަމަވެސް ކުއްލި މައްސަލަތަކަށް ބަހުސްކުރުމުގެ ކުރިން އެ މައްސަލައެއް ބަލައިގަންނަން ވޯޓު ނަގަ އެވެ.

ވެރިކަންކުރާ ޕާޓީގެ މެންބަރުން މި ބީދައިން ވާހަކަދައްކާފައިވާއިރު، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެ ގޮތަށް އެ ޕާސްޕޯޓު މަނާ ކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ލަސް ކުރާތީ އިދިކޮޅުން މިއަދުގެ ޖަލްސާއަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން ރިޔާސަތުން ވަނީ ނިންމާފަ އެވެ.

މިއަދު ރިޔާސަތުގައި އިންނެވި ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މައުރޫފް ހުށަހެޅުއްވި މައްސަލައަކީ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ.

މުހިއްމު ބައެއް ހަބަރު