ރޭގަނޑުގެ ނިދި ރަނގަޅުކުރަން އިސްޓާކީނަކީ ބޮޑު އެހީއެއް

4 އޭޕްރީލް 2025 - 04:08 0


ރޭގަނޑުގެ ނިދި ރަނގަޅުކުރަން އިސްޓާކީނަކީ ބޮޑު އެހީއެއް

4 އޭޕްރީލް 2025 - 04:08 0

ރޭގަނޑު ރަނގަޅަށް ނިދުމުގެ ފުރުސަތު ބޮޑުކުރަން ބޭނުންހެއްޔެވެ؟ ބިހޭވިއަލް ސްލީޕް ޑިސްއޯޑާސް ސްޕެޝަލިސްޓް މިޝޭލް ޑްރެރަޕް މި ކިޔައިދޭ ހައްލުގެ އަޖުމަ ބަލައިލަމާ ހިންގަވާށެވެ.

"އެނދުގައި އޮށޯންނައިރު އިސްޓާކީނު ލެއްވުމާއެކު ފައި ހޫނުކުރުމުން ހަގީގަތުގައި ހަށިގަނޑުގެ މައިގަނޑު ފިނިހޫނުމިން ދަށްވެ އަވަހަށް ނިދުމުގެ ފުރުސަތު ބޮޑުވޭ،" ކްލީވްލޭންޑް ކްލިނިކްގެ ސްލީޕް ޑިސްއޯޑާސް ސެންޓަރުގެ ޑިރެކްޓަރު ޑްރެރަޕް ވިދާޅުވި އެވެ.

މިއީ އެކަން ހިނގާ ގޮތެވެ. ދުވާލުގެ ވަގުތުތަކުގައި، އާދައިގެ ބޮޑު މީހެއްގެ މައިގަނޑު ފިނިހޫނުމިން 36.1 ސެލްސިއަސް އަދި 37.2 ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް އުފުލިގެން ދާއިރު، އެވްރެޖްކޮށް ހުންނަނީ 37 ސެލްސިއަސްގަ އެވެ. އުމުރުން 10 އަހަރުން ދަށުގެ ކުދިން ތަންކޮޅެއް ފިނިވެދާނެ އެވެ. ރޭގަނޑު ކައިރިވަމުން އަންނަ ވަރަކަށް ހަށިގަނޑުގެ މައިގަނޑު ފިނިހޫނުމިން އެއް ޑިގްރީއާއި ދެ ޑިގްރީއާ ދެމެދުގެ މިންވަރަކަށް ދަށަށް ދާން ފަށައި، ނިދުމަށް ހަށިގަނޑު ތައްޔާރުކުރެ އެވެ.

ޑިސްޓަލް ވަސޯޑިލޭޝަން ނަމަކަށް ކިޔާ ޕްރޮސެސްއެއްގެ ސަބަބުން ހަންގަނޑުގައި ހުންނަ ލޭހޮޅިތައް، ވަކިން ހާއްސަކޮށް އަތާއި ފައިގައި ހުންނަ ލޭހޮޅިތައް ފުޅާކޮށް ފިނިކުރުމަށް އެހީތެރިވެދެ އެވެ. ހަންގަނޑު ހޫނުވާ ވަރަކަށް ހަށިގަނޑުގެ އެތެރެ ފިނިވާނެ އެވެ. އެއީ އިސްޓާކީނުން ނިދުމަށް އެހީވާ ގޮތެވެ.

"ފައި ހޫނުކޮށްގެން ލޭހޮޅިތައް ހުޅުވައިގެން ހަށިގަނޑުގެ ބާކީ ބައިތައް ފިނިކުރުމަށް އެހީތެރިވެދޭ. އެހެންކަމުން ފައި މައްޗަށް ލޭ ދައުރުވުން އިތުރުކުރުމުން މައިގަނޑު ފިނިހޫނުމިން ދަށްވެގެންދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެމެރިކާގައި 2018 ގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ފަޔަށް އިސްޓާކީނު ލައްވައިގެން ނިދާ މީހުން އެހެން މީހުންނަށް ވުރެ އަށް މިނެޓު އަވަހަށް ނިދަ އެވެ. އަދި ރޭގަނޑު މަދުން ތެދުވެ 32 މިނެޓު އިތުރަށް ނިދުމަށް ފުރުސަތު ފަހިވާ ކަމަށް ވެސް އެ ދިރާސާއިން ދައްކަ އެވެ.

ނިދުމުގެ އެކްސްޕާޓުން ބުނާ ގޮތުގައި ކޮޓާރީގެ ފިނިހޫނުމިން ވެސް 19 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމަކީ ވެސް މިކަމަށް އޮތް އެހީއެކެވެ. އޭގެ އިތުރުން ނިދުމުގެ ކުރިން ތާފަނާ ފެނުން ފެންވެރުމަކީ ވެސް ނިދަން ފަސޭހަކޮށްދޭނެ ކަމެކެވެ.