28 މާރިޗު 2025 - 09:56 0
28 މާރިޗު 2025 - 09:56 0
ސެންޓްރަލް މިޔަންމާއަށް މިއަދު 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ އަސަރުކޮށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ތައިލޭންޑުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި ބިން ހެލުން އައީ ބިންގަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުން އައީ މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަންޑަލޭގެ 17 ކިލޯމީޓަރު ބޭރަށެވެ.
އެ ގައުމުގައި ވެސް ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު އެ ގައުމުގެ ބައެއް އިމާރާތްތަކަށް ވެސް ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އެންމެ ފުރަތަމަ އައި ބިންހެލުމަށް ފަހު ދެވަނަ ޓްރެމަރެއް 6.4 މެގްނިޓިއުޑްގައި އައިސްފައިވެ އެވެ.
ބެންކޮކުގެ ޗަޓުޗަކް މާކެޓު ކައިރީގައި ހަދަމުންދިޔަ އިމާރާތެއް ވެސް ވަނީ ބިމާ ހަމަވެފަ އެވެ. އެ ގައުމުގެ ފުލުހުން ބުނާ ގޮތުގައި އެ އިމާރާތުގެ ދަށުގައި 43 މީހުން ތާށިވެ ދެ މީހަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް ސަލާމަތް ކުރެވުނީ އެންމެ ހަތް މީހުންނެވެ.
މިޔަންމާގައި މިސްކިތެއް ވެއްޓި ތިން މީހަކު ވަނީ މަރުވެފަ އެވެ. އެ ގައުމުގައި ހުރި ބައެއް އާސާރީ ބިނާތަކަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބިންހެލުމުގައި ލިބުނު ގެއްލުންތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ގައުމުގެ އިދާރާތަކުން ވަނީ ފަށާފަ އެވެ.
މިޔަންމާގެ ބޯޑަރުގައި އޮންނަ ޗައިނާގެ ޔުނާން ޕްރޮވިންސަށް ވެސް ބިންހެލުމުގެ އަސަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ޓީވީތަކުން ރިޕޯޓުކޮށްފައިވެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
Comment