ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ގަބޫލު ކުރަނީ ސަރުކާރުން އިންސާފަށް ހުރަސް އަޅަނީ ކަމަށް

26 ފެބުރުވަރީ 2025 - 08:45 1

ހަސަން މުހައްމަދު

ހ

ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން: ބައެއް ފަނޑިޔާރުން ގަބޫލު ކުރައްވަނީ ސަރުކާރުން މަސައްކަތް ކުރަނީ އަދުލް އިންސާފަށް ހުރަސް އަޅަން ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ގަބޫލު ކުރަނީ ސަރުކާރުން އިންސާފަށް ހުރަސް އަޅަނީ ކަމަށް

26 ފެބުރުވަރީ 2025 - 08:45 1

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ބިލެއް ފާސްކޮށް، ހަމައެއާއެކު އެ ކޯޓުގެ ތިން ފަނޑިޔާރެއް މިއަދު ސަސްޕެންޑު ކުރީ ސަރުކާރުން އަދުލް އިންސާފަށް ހުރަސް އަޅަން ކަމަށް އެ ކޯޓުގެ ބައެއް ފަނޑިޔާރުން ވިދާޅުވެއްޖެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ސަސްޕެންޑު ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރެވެ. އެ ބޭފުޅުން ސަސްޕެންޑު ކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި، ސިޔާސީ ޕާޓީތަކަށް ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލަ އެ ކޯޓުގައި ކުރިއަށްގެންދަނިކޮށެވެ.

މިއަދު ވެސް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރި އެވެ. ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އަޑުއެހުން ފެށެން ވަރަށް މަދު ވަގުތުކޮޅަކަށްވެފައި އޮއްވަ އެވެ. ދުސްތޫރީ މައްސަލައެއް ބެލޭނީ ކޯޓުގެ ފުލް ބެންޗުންނެވެ.

ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް ބިލު ފާސް ކުރި ފަހުން އަދި ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރި ފަހުން އެ ކޯޓުގެ ދެ ފަނޑިޔާރަކު ވަނީ އަދަދު އާ ވާހަކަ ދައްކައިފަ އެވެ. އެ ދެ ފަނޑިޔާރުން ވެސް ވިދާޅުވީ މިހާރު ފެންނަމުންދަނީ އަދުލު އިންސާފުގެ ދާއިރާއަށް ސަރުކާރުން ހުރަސްއަޅަމުންދާ މަންޒަރު ކަމަށެވެ.

"ޝަރީއަތް ފަށަން 10 މިނެޓަށްވެފައި އޮއްވައި ފަނޑިޔާރުންތަކެއް މި ސަސްޕެންޑު ކުރީ. މިއީ އަދުލު އިންސާފަށް ހުރަސް އެޅުން. އޭސީސީއިން މައްސަލައެއް ބަލަމުންދާ ކަމަށް މި ބުނަނީ. ބަލަމުންދާ މައްސަލައެއް ވެސް ނުބުނޭ،" މި ނޫހާ ވާހަކަ ދެއްކެވި ފަނޑިޔާރަކު، ނޫހުގައި ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރަކު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ފެންނަމުންދަނީ ގާނޫނާ ހިލާފަށް އަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާ މަންޒަރު ކަމަށެވެ. އޭނާ ވިދާޅުވީ އޭސީސީއިން ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންދަނީ ވެސް ގާނޫނާ ހިލާފަށް ކަމަށެވެ.

"އޭސީސީއިން މައްސަލަ ބަލަނީ ކޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން. ބަލަމުންދާ މައްސަލައަކީ ކޮބައިކަން ވެސް ނޭނގޭ. ގާނޫނާ ހިލާފު އޭސީސީއިން އެ މައްސަލަތައް ބަލަނީ،" އެ ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރުން ވަކި ކުރުމުގެ ބިލު ތަސްދީގު ކުރުމުގެ ކުރިން ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރަން ޖޭއެސްސީއިން ނިންމީ، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ކުރިން ނެތީސް، ހަމައެކަނި ބިލުގެ ބޭނުމަށް ފަނޑިޔާރެއްގެ މައްސަލަ ބަލައި ވަކި ކުރުމަކީ އިންސާފު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ރޭ ލަފާ ދެއްވި ފަހުންނެވެ.

މިއަދު ފާސް ކުރި ބިލުގައިވާ ގޮތުން، ބިލުގެ ބޭނުމަށް ވަކި ކުރާ ދެ ފަނޑިޔާރުން މަގާމަށް ގާބިލު ނޫން ކަމަށް ކަނޑައަޅަންޖެހެ އެވެ. އަދި ގާބިލު ނޫން ކަމަށް ކަނޑައަޅާއިރު، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޮންމެހެން ދޭކަށް ނުޖެހެ އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމުގެ ބިލު މިއަދު ފާސްކުރިއިރު، އެ ބިލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެއީ ކޯޓުތަކަށް ސީދާ ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް ވަރަށް ތަޖުރިބާކާރުން އަދި މާހިރުން ދަނީ ވިދާޅުވަމުންނެވެ.

25.00%

0.00%

50.00%

25.00%

މި ލިޔުން ކިޔާލުމުން


އެދުރު

about 2 months ago

ކުރީން ސަރުކާރެއް ވެއްޓި ރައީސަކު އިސްތިއުފާ ދެއްވަން މަޖުބޫރުވީ، ގާނޫނާ ޚިލާފަށް ފަނޑިޔާރަކު ހައްޔަރުކޮށްގެން. އިރާދަކުރެއްވިއްޔާ، މި ސަރުކާރު ވެސް ދެން މި މުލުން ލުހެނީ. މިހާރު އަރި އަޅައިފި... ހުސް ގޮނޑި ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ފެންނާނެ. މާތް ﷲ ދިވެހި ގައުމު ޚާއިނުގެ އަތްމައްޗަށް ދޫކޮށެއް ނުލައްވާނެ. އެ ޔަގީންކަން ދިވެހީންނަށް އަބަދު ވެސް އޮވޭ. މި ގައުމާ ތޮޅެން އެތެރޭން ވެސް ބޭރުން ވެސް އުޅުން ރައްކާތެރިއެއް ނޫން.