16 ފެބުރުވަރީ 2025 - 08:30 0
16 ފެބުރުވަރީ 2025 - 08:30 0
މެންޗެސްޓާ (ފެބްރުއަރީ 16) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ހުނަރުވެރި ވިންގް، އަމަދު ޑިއާލޯގެ ކުޑަހުޅަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އަމަދު، 22، އަށް މި ސީޒަނުގެ ބާކީ ބައިގެ މެޗެއްގައި ކުޅެވުމުގެ ފުރުސަތު ކުޑަ އެވެ. ދާދި ފަހުން، އަމަދު ވަނީ ޔުނައިޓެޑާ އެކު، ހަދާފައިވާ ކޮންޓްރެކްޓް 2030 ގެ ޖޫން މަހުގެ ނިޔަލަށް އާ ކޮށްފަ އެވެ.
އަމަދުގެ ކުޑަހުޅަށް އަނިޔާވެފައިވަނީ، ޔުނައިޓެޑްގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އިންސްޓަގްރާމްގައި އަމަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސީޒަނުގެ މުހިންމު ހިސާބެއްގައި ލިބުނު އަނިޔާގެ ސަބަބުން ވަރަށް ބޮޑު މާޔޫސްކަމެއް ލިބިފައިވާ ކަމަށާއި އުންމީދަކީ ވީ އެންމެ އަވަހަށް ފިޓްވެގެން އެނބުރި ކުޅުމަށް އައުން ކަމަށެވެ.
އަމަދު އަކީ މި ސީޒަނުގައި ޔުނައިޓެޑްގެ އެޓޭކުގައި މުހިންމު ކުޅުންތެރިއެކެވެ. އެންމެ ފަހުން، ޔުނައިޓެޑުން ކުޅުނު 14 މެޗުގައި އަމަދު ވަނީ ހަ ގޯލު ޖަހައިފަ އެވެ.
އިޓަލީގެ އެޓަލަންޓާ ދޫކޮށް، 2021 ވަނަ އަހަރު އަމަދު ޔުނައިޓެޑާ ގުޅުނީ، ފުރަތަމަ 22 މިލިއަން ޑޮލަރު ދީފަ އެވެ. އެކަމަކު، އެ ޑީލްގެ ޖުމްލަ އަކު، 35 މިލިއަން ޑޮލަރަށް އަރާ ކަމަށް އިޓަލީގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ލީގުގެ 13 ވަނައިގައި އޮތް ޔުނައިޓެޑުން މިރޭ ރަށުންބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ނުކުންނައިރު، މި މެޗުގައި، އަމަދުގެ އިތުރުން އަނިޔާގެ ސަބަބުން ކޯބީ މައިނޫ އަށް ވެސް ނުކުޅެވޭނެ އެވެ. ދާދި ފަހުން، ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ހެދި ޔުނައިޓެޑްގެ ޑިފެންޑަރު، ލިސަންދްރޯ މާޓީނޭޒަށް ވެސް ވަނީ ސީޒަން ނިމިފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment