30 ޖަނަވަރީ 2025 - 21:00 4
ހ. ހުޅުގަލިން ފުލުހުން ނެރުނު ބައެއް ތަކެތި: ސިނގިރޭޓު އުފައްދަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އާއިލާއިން ކަމަށްވޭ -- ފޮޓޯ: އަދަދު
30 ޖަނަވަރީ 2025 - 21:00 4
މާލޭގައި ވަގަށް ސިނގިރޭޓު އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ގެއަށް ކޯޓު އަމުރަކާއެކު ފުލުހުން ގޮސް މިރޭ ރޭޑު ޖަހައިފި އެވެ.
ފުލުހުން ވަނީ ހ. ހުޅުގަލީގައި ހުންނަ އެޕާޓްމަންޓަކަށެވެ. ފުލުހުން އޮޕަރޭޝަން ނިމެންދެން އެ ގެ ހުންނަ ކަރަންކާ މަގު ވަނީ ބަންދުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ސިނގިރޭޓު އުފައްދަނީ މާލެއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އާއިލާއިންނެވެ. އުފައްދާ ސިނގިރޭޓަށް ކިޔަނީ "އެޗްޑީ" އެވެ.
ހުޅުގަލީގައި ފުލުހުން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެ މައްސަލައިގައި މީހަކު ހައްޔަރު ކުރި ކަމެއް އަދި ނޭނގެ އެވެ. ފުލުހުންގެ ފަރާތުން އެކަމާ ގުޅޭ އެއްޗެއް އަދި ނުބުނެ އެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ "އަދަދު" ނޫހުގެ ޓީމުން ބުނީ ފުލުހުން ދަނީ ފޮށިގަނޑުތަކަކަށް އަރުވައިގެން ބައެއް ސާމާނު އެގެއިން ނެރެމުން ކަމަށެވެ. މިހާރު ވެސް ގާތްގަނޑަކަށް 20 ފޮށީގެ ސާމާނު ފުލުހުން ވަނީ ނެރެފަ އެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރި ފަހުން ސިނގިރޭޓުގެ އަގު 240ރ. އަށް އެރިއިރު ވެސް، އެޗްޑީ އަދި ނިއު ލެޖެންޑް ވިއްކަމުންދަނީ 100ރ. އަށް ވުރެ ދަށުންނެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ މަނާ ކަމެކެވެ. އަދި ދުންފަތް އެތެރެ ކުރާ ނަމަ ވަކި ހާއްސަ ހުއްދައެއް ވެސް ނަގަންޖެހެ އެވެ.
އެކަމަކު، ވަގަށް ސިނގިރޭޓު އުފައްދާތީ އެ ސިނގިރޭޓަށް ޓެކުހެއް ވެސް ނުދައްކަ އެވެ. އެ ސިނގިރޭޓު އުފައްދަނީ ވަގަށް ކަމަށް ވިޔަސް މާލެ ތެރޭގެ ފިހާރަތަކުގެ ހަރުގަނޑުތަކުގައި އެ ސިނގިރޭޓު ވިއްކަން ބަހައްޓާފައި ހުރެ އެވެ.
Comment