30 ޖަނަވަރީ 2025 - 07:35 1
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު މޮޅަދޫގައި ވާހަކަދައްކަވަނީ : ވިދާޅުވީ ތަރައްގީގައި ކުޑަރަށެއް ބޮޑުރަށެއް ތަފާތުނުކުރައްވާނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް
30 ޖަނަވަރީ 2025 - 07:35 1
ރާއްޖޭގެ ތަރައްގީއަށް އެއްފަސްކުރުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވިތާ ހަފުތާއެއް ފަހުން، ރާގު ބަދަލުކުރައްވާ ތަރައްގީގައި އާބާދީ އަދި ޖާގައިގެ ގޮތުން ކުޑަރަށެއް ބޮޑުރަށެއް ތަފާތުނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން އެ އަތޮޅު މޮޅަދޫ އަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެ ރަށުގެ ތަރައްގީގެ މަސައްކަތްތަކަކީ އެންމެ ބޮޑު ރަށުގެ ތަރައްގީއެކޭ އެއްގޮތަށް އެމަނިކުފާނަށް މުހިންމު ކަންތައްތަކެއް ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ދަންނަވަމުންދާ ވާހަކައެއް އެއީ. އަޅުގަނޑަށް ހަމަ ހަގީގަތުގަވެސް ކޮންމެ ރައްޔިތެއް ހަމަހަމަ. އެއީ މިގޮތަށް އާބާދީގެ ގޮތުން ކުޑަރަށެއް ކަމުގައިވިޔަސް އަދި އެންމެ ބޮޑެތި އާބާދީތައް ކަމުގައިވިޔަސް ދިވެހި ރައްޔިތުން އަޅުގަނޑަށް ވަނީ ހަމަހަމަ،" އާބާދީގައި 500 ވެސް ހަމަނުވާ މޮޅަދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ހއ. ދަތުރުގެ ކުރިން މިދިޔަ ހަފުތާ ރ. އަތޮޅަށް ކުރެއްވި ދަތުރުގައި ރައީސްގެ ރާގު ހުރީ އިދިކީލައަށެވެ. އެގޮތުން ރ. އުނގޫފާރުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މެދު އަދި ދުރު ރާސްތާގެ ތަރައްގީއަށް ވިސްނާއިރު، ރާއްޖެ އުފެދިފައި އޮތް ގޮތް ގަބޫލު ކުރަންޖެހޭ ކަމަށެވެ.
"މެދު އަދި ދުރު ރާސްތާ ވިސްނުމެއްގައި ސަރަހައްދީ ތަރައްގީ، އާބާދީ އާއި ތަރައްގީ އެއްފަސްވުން އެއީ ރާއަޖެއަށް އޮތް ހަމައެކަނި ހައްލު، އެ ނޫން ހައްލެއް ނެތް، އެހެންވީމަ އަޅުގަނޑުމެން އެކަން ކުރަންޖެހެނީ މިއީ އިންވެސްޓްމެންޓެއް، މިއީކީ ބޭކާރު ހަރަދެއް ނޫން،" ޖެނުއަަރީ 21، ގައި ރައީސް ވިދާޅުވި އެވެ.
ނަމަވެސް މިއަދު ވާހަކަދައްކަވަމުން އެއްފަސް ކުރުމުގެ ވާހަކައެއް އެއްގޮތަކަށްވެސް އެމަނިކުފާނު ނުދައްކަވަ އެވެ.
ވިދާޅުވީ، ގާނޫނުއަސާސީ އަދި ގާނޫނުތަކުން ލިބިދޭ ކޮންމެ ހައްގަކާއި އަސާސީ ހިދުމަތްތައް ކޮންމެ ރަށަކަށްވެސް ފޯރުކޮށްދޭނެ ކަމަށެވެ. މޮޅަދޫ ރައްޔިތުންގެ އުންމީދުތަކަށް އިސްކަންދެއްވާ ހަމަހަމަ ގޮތެއްގައި ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ.
"ވަރަށް ބާރު ސްޕީޑެއްގަ ކަންތައްތައް ކޮށްދިނުމަކީ އަޅުގަނޑުމެންގެ ސިޔާސަތުކަން. އިރާދަކުރެއްވިއްޔާ ތިބޭފުޅުން ބޭނުންވާ ގޮތަށް މިރަށުގެ ކަންތައްތައް އަޅުގަނޑު ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
އެގޮތުން ފެނާއި ނަރުދަމާ އަދި ބަނދަރު ފަދަ ވައުދުތަކެއް ރައީސް ވަނީ މޮޅަދޫގައިވެސް ތަކުރާރުކުރައްވާފަ އެވެ. އަދި މަޝްރޫއުތައް މިދިޔަ ސަރުކާރުގައި ހުއްޓިފައި ހުރިކަންވެސް ރައީސް ވަނީ އަނެއްކާވެސް ފާހަގަކުރައްވާފަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ބުއްދި
about 1 month ago
ހުރިހާ ކޮޅަކަށް ވާހަކަ ދެއްކީމާ ކޮންމެވެސް އެއްކޮޅަކަށް ނިމުމުން އެއިން ވެސް ކްރެޑިޓާއި ބޮޓުންގެ ޚުޝާމަދު ލިބޭނެތާ. އަދި އަބަދުމެ ދައްކާ ވާހަކައަކަށްވެސް ވާނެތާ.
Comment