19 ނޮވެންބަރު 2024 - 09:41 0
ހަސަން މުހައްމަދު
މަޖިލީހުގެ ޖަލްސާއެއްގައި އެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް: ދައުލަތުން ހުށަހަޅާފައި އޮތީ 56.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
19 ނޮވެންބަރު 2024 - 09:41 0
ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސްކޮށް ނިންމާލަން އެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުން އެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ބަޖެޓަށް ބަހުސް ކުރަން އެދުމުގެ ފުރުސަތު މިއަދު 9:30 އާ ހަމައަށް މެންބަރުންނަށް ދެއްވާނެ ކަމަށެވެ. އަދި މިއަދު ބަޖެޓުގެ ބަހުސް ނިންމާލަން ގަސްދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހެޅީ އޮކްޓޯބަރު 31، ގަ އެވެ. އޭގެ ފަހުން މަޖިލީހުގެ ތެރެއިން ބަޖެޓުގެ އެކި މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ތަޅުމުގައި ބަޖެޓަށް ބަހުސް ކުރުމާއި ކޮމީޓީއިން ކުރަންޖެހޭ ދިރާސާތައް ހިމެނެ އެވެ.
ވެރިކަން ހިންގާ ޕީއެންސީގެ މެންބަރުން ބުނަމުންދަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ވަރަށް ރަނގަޅު ބަޖެޓެއް ކަމަށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުން ދަނީ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ބަޖެޓުގެ އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި އިދިކޮޅު މެންބަރުން ފާހަގަ ކުރަނީ ވަކިވަކި ރަށްރަށަށް މަޝްރޫއުތަކުން ހަރަދު ކުރާނެ މިންވަރު ނުޖަހާ އޮތުމުންނެވެ. އަދި އެވަރުގެ ބޮޑު ބަޖެޓެއް ހުށަހެޅިއިރު ސަބްސިޑީތަކަށް ކަނޑައެޅި އަދަދު މަދުވުމުން ވެސް އިދިކޮޅު މެންބަރުން ފާޑުކިޔެވެ.
ސަބްސިޑީތައް ދިނުމަށް ބަޖެޓުގައި ހިމަނާފައި އޮތީ އެންމެ 7.9 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބަޖެޓުގައި 10.9 ބިލިއަން ރުފިޔާ އެވެ. ބަޖެޓުގައި އޮތީ މަސްވެރިކަމާއި ތެލާއި ކަރަންޓާއި ބޭސްފަރުވާ އާއި މަސްވެރިންނަށް ދޭ ސަބްސިޑީ ވެސް ކުޑަކުރަން ހުށަހަޅައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައި އޮތީ ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށެވެ. އެކަމަކު، ގެދޮރުވެރިކަމަށް ކަނޑައަޅާފައި ވަނީ މި އަހަރު ބަޖެޓު ކުރި އަދަދަށްވުރެ ވެސް މަދުންނެވެ. މި އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމަށް 3.4 ބިލިއަން ރުފިޔާ ކަނޑައެޅި އެވެ. ނަމަވެސް އަންނަ އަހަރަށް ކަނޑައެޅީ އެންމެ 2.7 ބިލިއަން ރުފިޔާ އެވެ.
ބަޖެޓުން ކައުންސިލްތަކަށް ދިނުމަށް ކަނޑައަޅާފައި އޮތް އަދަދު ބޮޑުތަނުން މަދު ކުރުމުން ވެސް ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. ކައުންސިލްތަކަށް ދޭން ކަނޑައަޅާފައި އޮތީ އެންމެ 1.4 ބިލިއަން ރުފިޔާ އެވެ. އެކަމަކު ދައުލަތުގެ އާމްދަނީގެ ވަކި މިންވަރެއް ކައުންސިލްތަކަށް ކަނޑައަޅަންޖެހޭއިރު މަދުވެގެން 2.1 ބިލިއަން ރުފިޔާ ބަޖެޓުގައި ކައުންސިލްތަކަށް ހާއްސަ ކުރަންޖެހެ އެވެ.
Comment