12 ނޮވެންބަރު 2024 - 09:56 0
އަހުމަދު އާއިދު
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގޮވާލާ ކުރި މުޒާހަރާއެއްގެ ތެރެއިން --- ފޮޓޯ: އަދަދު
12 ނޮވެންބަރު 2024 - 09:56 0
އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މީގެ ފަސް މަސް ކުރިން ހުށަހެޅި ބިލުގެ ކޮމިޓީ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީއާ ހަމައަށް ދިގުދަންމާލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ފާސްކޮށްފި އެވެ.
މި ބިލުގެ މަސައްކަތް ފެބްރުއަރީ 2025، ގެ ނިޔަލަށް ދިގު ދަންމާލާ އެކި ދާއިރާތަކުގެ މީހުންނާއި އިދާރާތަކާއި ޖަމިއްޔާތަކާ ސުވާލުކޮށް ދިރާސާ ކުރަން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާނު އަބޫބަކުރު އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވަން އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ޖޫން މަހު ހުށަހެޅުއްވި ބިލު ބަލައިގަތީ ޖޫން 10، ގަ އެވެ. އެ ބިލުގެ ކޮމިޓީ މަސައްކަތް ފެށީ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވިތާ ފަސް މަސް ފަހުންނެވެ.
މި ބިލުގެ މަސައްކަތް ލަސްވުމާ ގުޅިގެން އިދިކޮޅު ޕާޓީ އާއި އާންމުންގެ ގިނަ ބަޔަކު ވެސް އަންނަނީ ސަރުކާރާއި މަޖިލީހުގައި އޮތް ސަރުކާރުގެ މެޖޯރިޓީއަށް ފާޑުކިޔަމުންނެވެ.
ބިލުގެ މަސައްކަތް ލަސްވެފައިވަނިކޮށް، އޮކްޓޯބަރު 16، ގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕީއެންސީން ވަނީ އެ މަސައްކަތް އަވަސްކުރުމަށް ގޮވާލާ ބަޔާން ނެރެފަ އެވެ. އެ ބަޔާން ނެރުމުން، އެ ބިލު ހުށަހެޅުއްވި މީކާއިލް ވިދާޅުވީ ޕީއެންސީން ބަޔާން ނެރުނީ ރައްޔިތުންނަށް މަލާމާތް ކުރަން ކަމަށެވެ.
އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން ގާނޫނުތައް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާ އެކަން އިއުލާނުކުރީ ޖޫން 2، ގަ އެވެ.
އެ ބިލުގެ މަސައްކަތް ދިގު ދަންމާލަން ނިންމާފައިވާއިރު، އިދިކޮޅުން ހުށަހެޅި ބިލަށް ބަދަލުތަކެއް ގެންނަ ޖެހޭ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިދިޔަ މަހު ވިދާޅުވި އެވެ.
"މިހާރު ހުށަހަޅާފަ އޮތް ބިލަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެންނަންޖެހޭ. ދެން ކެބިނެޓުގަ ނިންމާފަ އޮތް ނިންމުންތަކާ އެއްގޮތަށް ބިލު އިސްލާހުކޮށްގެން މަޖިލީހުން ކުރިއަށް ގެންދަން ޖެހޭނީ،" ޖޫން 6، ގައި އުޝާމް ވިދާޅުވި އެވެ.
Comment