ފިރޭންސް މިނިސްޓަރު މޫސާ ޒަމީރު. -- ފޮޓޯ: ރައީސް އޮފީސް
މި އަހަރަށް ފާސްކޮށްފައިވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓުން ނުފުދޭނެ ކަމަށް ނިންމައި، ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމައިފި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން މީޑިއާތަކާ ބައްދަލުކުރައްވާ ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހޭތީ އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޒަމީރު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓު 5 ބިލިއަންގެ ރޭންޖުގައި ހިފެހެއްޓޭނޭ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އެހެންނަމަވެސް ސީދާ އަދަދެއް ވިދާޅުވާން މިވަގުތު ދަތިކަމަށް ޒަމީރު ވިދާޅުވި އެވެ.
"ދެން އޭގައި އަޅުގަނޑުމެންނަށް ސަޕްލިމެންޓު ކުރަން ޖެހޭ ސީދާ އަދަދެއް ކަނޑައަޅާ ނިންމާނީ ކެބިނެޓުގެ ވެސް އަދި އިތުރު ލަފާ ހޯދައިގެން އަދި ރައީސުލްޖުމްހޫރިއްޔާގެ ވެސް ލަފަޔާ އެކީގައި. އަދި ހަމަ އޮޑިޓާ ޖެނެރަލްގެ ރިޕޯޓު ވެސް އަޅުގަނޑުމެންނަށް ލިބުނީމަ ފައިނަލް އަޅުގަނޑުމެން ނިންމާލާނީ. އެކަމަކު ހުށަހަޅާނަން،" ޒަމީރު ވިދާޅުވި އެވެ.
މި އަހަރުގެ ބެޖެޓަކީ ރާއްޖޭގެ ތާރީހުގައި ފާސްކުރި އެންމެ ބޮޑު ބަޖެޓެވެ. އެ ބަޖެޓުން މެނޭޖު ނުކުރެވި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހޭ ސަބަބެއް ޒަމީރު ވިދާޅެއް ނުވެ އެވެ. ނަމަވެސް ކުރީ އަހަރުގެ ހަރަދުތައް މި އަހަރު ރެކޯޑުކުރަން ޖެހިފައިވާ ކަމަށާއި އެއީ ބަޖެޓު އިތުރުވާ ސަބަބެއް ގޮތުގައި ފާހަގަ ކުރެއްވި އެވެ. އޭގެ ތެރޭގައި ބޭރުގެ އެހީގައިގައި ހިންގާ ޕްރޮޖެޓުތަކުގެ ދެ ބިލިއަން ރުފިޔާ އާއި، ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި މިދިޔަ އަހަރު ބިލްތަކުން މި އަހަރު ދައްކަންޖެހިފައިވާ ތިން ބިލިއަން ރުފިޔާ ރެކޯޑުކުރެވިފައިވާކަމަށް ވިދާޅުވި އެވެ.
ވެރިކަމަށް އަހަރެއްވާން ގާތްވެފައިވާއިރު އެ ވާހަކަތައް މިހާރު އެ ދައްކަނީ ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމުގެ ބަހަނާއެއްގެ ގޮތުން ކަމަށް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.
މީގެ ކުރިން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބުނެފައި ވަނީ މިހާރު ކުރަމުންދާ ގޮތަށް ހަރަދުތައް ކުރަމުންދާ ނަމަ މި އަހަރުގެ ބަޖެޓު 58 ބިލިއަން ރުފިޔާއާ ގާތްކުރާނެ ކަމަށެވެ. މިކަމަށް ރިއާޔަތްކޮށް ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ، އެ ވަރަށް ނާރާނެ ކަމަށާއި ބެލެވޭ ގޮތުގައި ސަޕްލިމެންޓު ކުރަން ޖެހޭނީ ފަސް ބިލިއަނެއްހާ ރުފިޔާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމިޓީގައި ބުނި ގޮތުގައި ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް ހަރަދު ހިނގާނެ ކަމަށް ފިނޭންސުން ލަފާކުރެވެނީ ޕީއެސްއައިޕީ އާއި އިންޑިރެކްޓް ސަބްސިޑީ އާއި ދަރަނި އަދާކުރުމަށެވެ. އެކަމަކު މި ހުރިހާ ކަމަކީ ވެސް މި އަހަރުގެ ބަޖެޓު ހަރަދުތައް ކުޑަކުރުމަށް ކުރާ ރިފޯމް މަސައްކަތުގެ ދަށުން ހަރަދު ކުޑަކުރެވޭނެ ދާއިރާތައް ކަމަށް އޭރު ފިނޭންސުން ބުނެފައިވެ އެވެ.
މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ 49.9 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. ފަސް ބިލިއަން ރުފިޔާއިން މި ބަޖެޓު ސަޕްލިމެންޓުކޮށްފި ނަމަ، މި އަހަރުގެ ޖުމްލަ ބަޖެޓު 55 ބިލިއަނާ ގާތްކުރާނެ އެވެ. ހަރަދުތައް މި ވަރަށް އިތުރުވީ ނަމަވެސް އާމްދަނީ އިތުރުކުރަން ގެންނަ އެއްވެސް ބަދަލެއްގެ ސަބަބުން މި އަހަރުގެ ތެރޭގައި އާމްދަނީ އިތުރުވާނެ ކަމަކަށް ފިނޭންސުން ނުބުނެ އެވެ.
އާމްދަނީ އިތުރުކުރަން ބޮޑު ކުރާ ޓެކްސްތަކާއި ފީތަކުން އާމްދަނީ އިތުރުކުރަން ހުށަހަޅާފައި ވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment