Advertisement

ޔުއެފާ ނޭޝަންސް ލީގު: ގްރީސް އިން ފުރަތަމަ ފަހަރަށް އިންގްލެންޑް ބަލިކޮށްފި

11 އޮކްޓޯބަރު 2024 - 10:36 0


ޔުއެފާ ނޭޝަންސް ލީގު: ގްރީސް އިން ފުރަތަމަ ފަހަރަށް އިންގްލެންޑް ބަލިކޮށްފި

11 އޮކްޓޯބަރު 2024 - 10:36 0

ލަންޑަން (އޮކްޓޫބަރު 11) - ޔުއެފާ ނޭޝަންސް ލީގުގެ ލީގު ބީގެ ގްރޫޕް ދޭއްގައި ރޭ އިންގްލެންޑް ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ގްރީސް އަތުން 2-1 އިން ބަލިވެއްޖެ އެވެ. މިއީ، ރަސްމީ މެޗެއްގައި ގްރީސް އިން އިންގްލެންޑް ބަލިކުރި ފުރަތަަމަ ފަހަރެވެ.

މީގެ ކުރިން، އިންގްލެންޑާ ދެކޮޅަށް ގްރީސް އިން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން ބަލިިވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.

ޔޫރޯ އަށް ފަހު ގަރެތު ސައުތުގޭޓް އިންގްލެންޑްގެ ކޯޗުކަމުން އިސްތިއުފާ ދިނުމުން ވަގުތީ ގޮތުން، އެ ޓީމާ ހަވާލުވި، އިންގްލެންޑްގެ ޒުވާން ޓީމުގެ ކޯޗު، ލީ ކާސްލީ ހަވާލުވެ، ފުރަތަމަ ކުޅުނު ދެ މެޗުން އިންގްލެންޑް ވަނީ މޮޅުވެފަ އެވެ. އެއީ، އަޔަލެންޑާއި ފިންލެންޑް އަތުންނެވެ.

ނޭޝަންސް ލީގުގައި އިންގްލެންޑުން ކުޅުނު ފުރަތަމަ ދެ މެޗުން އިންގްލެންޑް މޮޅުވީ ކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ.

އިންގްލެންޑާއި ގްރީސް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ


އެކަމަކު، ރޭ ވެމްބްލީގައި ކުޅުނު މެޗުގައި ގްރީސް އިން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު މިނިޓް ތެރޭ ވަންގެލިސް ޕަވްލީޑީސް ޖެހި ގޯލުން ލީޑުނަގައިފަ އެވެ. ނަތީޖާ ހަމަހަަމަކުރަން އިންގްލެންޑުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 88 ވަނަ މިިނިޓްގަ އެވެ. ބަދަލަކަށް ކުޅެން އެރި ޑޮމިނިކް ސޮލާންކޭ ދިން ބޯޅައަކުން މި ލަނޑު ޖެހީ ޖޫޑް ބެލިންހަމް އެވެ.

އެއްވަރުވެގެން މެޗު ނިމޭނެ ކަމަށް ބެލެވިފައި އޮއްވައި، އިތުރު ވަގުުތުގެ ތިން ވަނަ މިނިޓްގައި، ޕަވްލީޑީސް ވަނީ އިތުރު ގޯލެއް ޖަހައި، އެ ޓީމަށް ތާރީހީ މޮޅެއް ހޯދައިދީފަ އެވެ.

މި މެޗުގެ ކުރިން، ވަނީ ސުކޫތެއް ގެނެސްފަ އެވެ. އެއީ، ދާދި ފަހުން، މަރުވި، ގްރީސް ގައުމީ ޓީމުގެ ޖޯޖް ބަލްޑޮކްގެ ހަނދާނުގަ އެވެ.

އިނގިރޭސި ދަރިކޮޅަށް ނިސްބަތްވާ، ބަލްޑޮކް މަރުވެފައި އޮއްވައި ފެނުނީ، ގްރީސްގައި އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓްގެ ޕޫލްއަކުންނެވެ. ރޭގެ މެޗު ފަސް ކުރާނެ ކަމަށް ކުރިން ބެލެވިފައި އޮތްނަމަވެސް ޔުއެފާ އިން ނިންމީ މެޗު ކުރިއަށްގެންދާށެވެ.

ގްރީސް އިން ދެ ލަނޑު ޖެހުމަށް ފަހު ވެސް ވަނީ، ބަލްޑޮކްގެ ހަނދާން އާ ކޮށްފަ އެވެ. ބަލްޑޮކް ވަނީ ގްރީސް އަށް 12 މެޗު ކުޅެދީފަ އެވެ.