Advertisement

މެސީގެ ގޯލުތަކުން އިންޓަ މިއާމީން އެމްއެލްއެސް ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށްފި

3 އޮކްޓޯބަރު 2024 - 12:53 0


މެސީގެ ގޯލުތަކުން އިންޓަ މިއާމީން އެމްއެލްއެސް ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށްފި

3 އޮކްޓޯބަރު 2024 - 12:53 0

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޫބަރު 3) - ލިއޮނަލް މެސީގެ ދެ ގޯލާ އެކު، 3-2 އިން ކޮލަމްބަސް ކްރޫ ބަލިކޮށް، އިންޓަ މިއާމީން ފުރަތަމަ ފަހަރަށް މޭޖަލީގުސޮކާ (އެމްއެލްއެސް) ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށްފި އެވެ.

މެސީ، 37، ގެ އިތުރުން އިންޓަ މިއާމީ އަށް މި މެޗުގައި ލަނޑު ޖަހައިދިނީ ލުއިސް ސުއަރޭޒް އެވެ. ކޮލަމްބަސްގެ ލަނޑުތައް ޖެހީ، ޑިއޭގޯ ރޮސީ އާއި ކޫޗޯ ހެނާންޑޭޒް އެވެ.

މި މޮޅާ އެކު، އިންޓަ މިއާމީން އެމްއެލްއެސް ތާވަލުގެ ކުރީގައި ނިންމާނެ ކަމަށް ބެލެވޭއިރު، މިއީ، 2020 ވަނަ އަހަރު އެ ކްލަބް ވުޖޫދުވިފަހުން އެންމެ ރެކޯޑް ރަނގަޅު ސީޒަނެވެ. ތާވަލުގެ އެއް ވަނައިގައި އިންޓަ މިއާމީ ނިންމުމާ އެކު، ޕްލޭއޮފްގައި އެ ޓީމަށް ހޯމް އެޑްވާންޓޭޖް ލިބޭނެ އެވެ.

އެމްއެލްއެސް ލީގު ސީޒަނުގައި، އަދި ބާކީ ދެ މެޗު އޮތްއިރު، އެ ދެ މެޗުން މޮޅުވެގެން، އިންޓަ މިއާމީ އަށް ރެކޯޑެއް ހެދުމުގެ ފުރުސަތު އެބައޮތެވެ. އެ ގޮތުން، އެ ދެ މެޗުން މޮޅުވެއްޖެނަަމަ، އެމްއެލްއެސް ސީޒަނެއްގެ އެންމެ ގިނަ ޕޮއިންޓް ހޯދުމުގެ ރެކޯޑް އިންޓަ މިއާމީ އަށް ލިބޭނެ އެވެ. އެ ރެކޯޑް އޮތީ 2021 ވަނަ އަހަރުގެ އެއް ވަނަ ނިއު އިންގްލެންޑް ރިވޮލިއުޝަން އަތުގަ އެވެ.

ސަޕޯޓާސް ޝީލްޑަކީ، މެސީގެ ކެރިއަރުގައި ހޯދި 46 ވަނަ ޓްރޮފީ އެވެ. މެސީ ބުނީ، ޓާގެޓަކަށް ފަހު ޓާގެޓެއް އެ ކްލަބްގެ އެބައޮތް ކަމަށާއި ދެން ހުރި ކަންކަން ހާސިލްކުރަން ޓީމުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ޕްލޭއޮފްގައި އެޑްވާންޓޭޖް އެބައޮތް. އަހަރެމެންގެ ހޯމްގައި މެޗުތައް މި އޮތީ. އަހަރެމެންނަށް ހޯމްގައި ނަތީޖާ ނެރެވޭނެ،" މެސީ ބުންޏެވެ.

އެމްއެލްއެސްގެ މި ސީޒަނުގައި، މެސީ ވަނީ 16 މެޗުން 15 ގޯލު ޖަހައި، 10 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.