Advertisement

ދިވެހިރާއްޖޭގެ އާބާދީ ހަ ލައްކައަށް ވުރެ އިތުރުވެއްޖެ

1 އޮކްޓޯބަރު 2024 - 10:41 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރ. މާކުރަތަ: ދިވެހިރާއްޖޭގެ އާބާދީގައި 100،000 މީހުން ހަމަވީ މީގެ 58 އަހަރު ކުރިން 1966 ވަނަ އަހަރު -- ފޮޓޯ: އަދަދު ފައިލް


ދިވެހިރާއްޖޭގެ އާބާދީ ހަ ލައްކައަށް ވުރެ އިތުރުވެއްޖެ

1 އޮކްޓޯބަރު 2024 - 10:41 0

ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ ފުރަތަމަ ފަހަރަށް ހަ ލައްކައަށް ވުރެ އިތުރުވެއްޖެ އެވެ.

ރާއްޖޭގެ އާބާދީއަކީ 601،269 ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާ ހަވާލާދީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ. އެ ހިސާބުތަކުގެ ތަފުސީލެއް ނެތެވެ.

އެންމެ ފަހުން 2022 ވަނަ އަހަރުގެ ބޯހިމެނުން ދައްކާ ގޮތުގައި އެއިރު ރާއްޖޭގެ އާބާދީއަކީ 515،132 އެވެ. އޭގެ ތެރެއިން ދިވެހިންގެ އާބާދީއަކީ 382،639 އެވެ. އެއީ އާބާދީގެ 74 ޕަސެންޓު މީހުންނެވެ.

ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންގެ އަދަދަކީ 132،493 އެވެ. އެއީ ރާއްޖޭގެ އާބާދީގެ 26 ޕަސެންޓު މީހުންނެވެ. ނަމަވެސް އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން އަންދާޒާ ކުރާ ގޮތުގައި ލިޔެކިޔުންތައް ނެތް ބިދޭސީން ހިމަނައިގެން ބިދޭސީންގެ އާބާދީ އެއަށްވުރެ އިތުރުވާނެ އެވެ.

ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކީ ވެރި ރަށް މާލޭގައި ދިރިއުޅޭ މީހުންނެވެ. ހިސާބުތަކުން ދައްކާ ގޮތުގައި 211،908 މީހުން ނުވަތަ އާބާދީގެ 41 ޕަސެންޓު މީހުން ދިރިއުޅެނީ މާލޭގަ އެވެ. މާލެ ފިޔަފައި މީހުން ދިރިއުޅޭ އެހެން ރަށްރަށުގެ ޖުމުލަ އާބާދީއަކީ 236،911 މީހުންނެވެ. އެއީ އާބާދީގެ 46 ޕަސެންޓު މީހުންނެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި މީގެ 113 އަހަރު ކުރިން ދިވެހިރާއްޖޭގެ އާބާދީގައި 100،000 މީހުން ވެސް ހަމަނުވެ އެވެ. އެއިރުގެ އާބާދީއަކީ 72,237 މީހުންނެވެ. އާބާދީގައި 100،000 މީހުން ހަމަވީ އޭގެ 55 އަހަރު ފަހުން 1966 ވަނަ އަހަރެވެ. އެ އަހަރު ރާއްޖޭގެ އާބާދީއަކީ 100,883 މީހުންނެވެ.

އަންދާޒާ އާބާދީއަށް ބަލާއިރު 2030 ވަނަ އަހަރު ރާއްޖޭގައި 665,256 މީހުން ދިރިއުޅޭނެ ކަމަށް ބެލެވެ އެވެ. އޭގެ 10 އަހަރު ފަހުން 2040 ވަނަ އަހަރު ރާއްޖޭގައި އުޅޭނެ ކަމަށް ބެލެވެނީ 784,780 މީހުންނެވެ. އަދި 2050 ވަނަ އަހަރު 916,951 މީހުން ދިރިއުޅޭނެ ކަމަށް ބެލެވޭއިރު އޭގެ ހަތަރު އަހަރު ފަހުން 2054 ވަނަ އަހަރު 974,359 މީހުން ދިރިއުޅޭނެ ކަމަށް ބެލެވެ އެވެ.