1 ސެޕްޓެންބަރު 2024 - 08:02 1
1 ސެޕްޓެންބަރު 2024 - 08:02 1
ގައުމީ ފިރިހެން ޓޭބަލް ޓެނިސް ޓީމު ކުރިއަށްއޮތްތަނުގައި ލީޑުކުރާނެ ހުނަރުހުރި ކުޅުންތެރިން އެބަތިބި ކަމަށް ގައުމީ ފިރިހެން ޓީޓީ ޓީމުގައި މި ވަގުތު ހުރި އެންމެ ސީނިއާ ކުޅުންތެރިޔާ، މޫސާ މުންސިފް އަހުމަދު ބުނެފި އެވެ.
މުންސިފް ވަނީ އެންމެ ފަހުން ކުޅުނު ގައުމީ ރޭންކިންގެ ހުރިހާ މެޗަކުން މޮޅުވުމުގެ އިތުރުން، ދާދި ފަހުން ނިމުނު ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް އާއި ފިިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ.
ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުނު ނަަމަވެސް މި ވަގުތު މުންސިފް ވަނީ އޭނާގެ ރަނގަޅު ފޯމު ދަމަހައްޓައި ހުރިހާ މެޗަކުން މޮޅުވެފަ އެވެ.
ފިރިހެން ސިންގަލްސް ފައިނަލްގައި މުންސިފް ވަނީ ފޯރިގަދަ މެޗަކަށް ފަހު، ސްރީލަންކާގެ ރަސިކާ މަނޯޖް އަތުން 4-3 އިން މޮޅުވެފަ އެވެ. މެޗުގައި، ފުރަަތަމަ ސެޓު، މަނޯޖް 11-09 އިން ގެންގޮސްފައިވަނިކޮށް، މުންސިފް ވަނީ ދެން ކުޅުނު ތިން ސެޓު، 08-11، 08-11 އދި 11-07 އިން ގެންގޮސްފަ އެވެ. އެކަމަކު، މަނޯޖް ވަނީ ދެން ކުޅުނު ދެ ސެޓު، 11-06 އާއި 11-04 އިން ގެންގޮސް، ނަތީޖާ ނެރޭ ސެޓަކަށް މެޗު ގެންގޮސްފަ އެވެ. މުންސިފް އެ ސެޓުން ކުރިހޯދީ 11-13 އިންނެވެ.
"މި ފަހަރު ވަރަށް ޓަފް، ރޭންކިން އަށް ފަހު ހަމަ ޖެހިގެން (އެސޯސިއޭޝަން ކަޕް) މި ފެށީ. ވަރަށް ގިނަ މެޗުތައް ކުޅެން ޖެހުނު. ޓައިރިން ދެން، ސެމީ ވެސް ވަރަށް ކައިިރން ދިޔައީ. ފައިނަލް ވެސް ވަރަށް އުނދަގޫ ހަތެއްޗަށް ގޮސްގެން ކާމިޔާބުވީ،" ފައިނަލް މެޗަށް ފަހު. "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި މުންސިފް ބުންޏެވެ.
"ހަމަ އަރަމުން އަންނަ ކުޅުންތެރިން ފުދޭވަރަކަށް ފައިޓް އެބަދޭ ހަމަ މިހާރު، ފިއުޗާ ވަރަށް ރަނގަޅަށް ފެންނަނީ. އަހްޔާރު، ޒީކް، ދެން ހަމަ މި ދެ ކުދިންނަކީ ފިއުޗާ އަށް ބަލާއިރު ޓީޓީ ޓީމު ލީޑުކުރަން ތިބި ކުދިން ފިއުޗާ ހަމަ ވަރަށް ރަނގަޅު،"
މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕާއި ގައުމީ ފައިނަލުން މުންސިފް ވަނީ ބަލިވެފަ އެވެ. އެއީ، މުހައްމަދު ޝައްފާން އިސްމާއިލްއާ ބައްދަލުކޮށެވެ. ގައުމީ ރޭންކިން އާއި އެސޯސިއޭޝަން ކަޕްގައި ޝައްފާން ނުކުޅެ އެވެ. އެއީ މި ވަގުތު ގައުމުގައި ނެތުމުންނެވެ.
މުންސިފް ވަނީ ގައުމީ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން، 11 ފަހަރު ހޯދައިފަ އެވެ. އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދި ކުޅުންތެރިންގެ ތެރޭގައި ވެސް މުންސިފް ހިމެނެ އެވެ.
Comment