Advertisement

ސީޒަން ނިމުމުގެ ކުރިން މެސީ އެނބުރި އަންނާނެ

24 އޮގަސްޓު 2024 - 13:52 0


ސީޒަން ނިމުމުގެ ކުރިން މެސީ އެނބުރި އަންނާނެ

24 އޮގަސްޓު 2024 - 13:52 0

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 24) - އެމެރިކާގެ ފުޓްބޯޅަ ލީގު، މޭޖަލީގުސޮކާ (އެމްއެލްއެސް)ގެ މި ސީޒަން ނިމުމުގެ ކުރިން އިންޓަ މިއާމީގެ ކެޕްޓަން، ލިއޮނަލް މެސީ، އެނބުރި ކުޅުމަށް އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު ޓަޓާ މާޓީނޯ ބުނެފި އެވެ.

ޖުލައި، 14 ވަނަ ދުވަހު، ކުޅުނު ކޮޕަ އެމެރިކާ ފައިނަލުގައި މެސީގެ ކުޑަހުޅުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ހެދި އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ. އެހެންވެ، މެސީ އަށް ކުރިއަށް އޮތް އާޖެންޓީނާގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ވެސް ގެއްލޭނެތީވެ، ސްކޮޑު އިއުލާނުކުރީ އޭނާ ނުހިމަނަ އެވެ.

އެމްއެލްއެސްގެ ރެގިއުލާ ސީޒަން ނިމޭނީ އޮކްޓޫބަރު 19 ގަ އެވެ. އެ އަށް ފަހު އޮންނާނީ ޕްލޭއޮފް ބުރުގެ މެޗުތަކެވެ. ޕްލޭއޮފަށް އިންޓަ މިއާމީ ދިއުމުގެ ފުރުސަތު ބޮޑެވެ. މާޓީނޯ ބުނީ، މެސީ ސީޒަން ނިމުމުގެ ކުރިން ކުޅުމަށް އެނބުރި އަންނާނެ ކަމަށެވެ.

"ޓީމާ އެކު މެސީ ފަރިތައެއް ނުުކުރިޔަސް، އޭނާ މިހާރު ފިޓްނަސް ގްރޫޕާ އެކު މަސައްކަތްތައް ފަށައިފި. ރަނގަޅަށް ކަންކަން ދަނީ، ސީދާ ވަގުތެއް ނުބުނެވުނަސް، އޭނަ (މެސީ) ސީޒަން ނިމުމުގެ ކުރިން ފެންނާނެ،" މާޓީނޯ ބުންޏެވެ.

މެސީ ވަނީ މި ސީޒަނުގައި އިންޓަ މިއާމީ އަށް ކުޅެދިން 12 މެޗުން 12 ގޯލު ޖަހައި، 13 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މެސީ ވަނީ އެމްއެެލްއެސް ތާރީހުގައި އެންމެ އަވަހަށް 25 ގޯލު ހަމަކުރި ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފަ އެވެ.