11 އޮގަސްޓު 2024 - 05:45 0
ހަސަން މުހައްމަދު
11 އޮގަސްޓު 2024 - 05:45 0
ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ސިޔާސީ މަގާމުތައް ސަރުކާރުގައި އަދާ ކުރާ މީހުން ވެސް ބޭންކުތަކުގެ ބޯޑަށް އައްޔަން ކުރެވޭ ގޮތަށް މޯލްޑިވްސް މަނެޓަރީ އޮތޯރިޓީން ގަވާއިދު އިސްލާހުކޮށްފި އެވެ.
ބޭންކުތަކުގެ ކޯޕަރޭޓް ގަވަނަންސް ރެގިއުލޭޓް ކުރާ ގަވާއިދުގައި ކުރިން ބުނެފައިވާ ގޮތުގައި، ސަރުކާރު ނުވަތަ ސަރުކާރުގެ ޑިޕާޓްމަންޓަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ އެއްވެސް މީހަކު ބޭންކު، އިންޝުއަރެންސް ނުވަތަ ފައިނޭންސް ކުންފުންޏެއްގެ ބޯޑަށް އައްޔަން ނުކުރެވޭނެ އެވެ.
ނަމަވެސް އެމްއެމްއޭއިން މިދިޔަ ބުރާސްފަތި ދުވަހު އެ ގަވާއިދު އިސްލާހުކޮށްފައިވާ ގޮތުން ބޭންކުތަކުގެ ބޯޑަށް ނުލެވޭނީ ސަރުކާރުގެ މިނިސްޓްރީއެއް ހިންގަވާ އެންމެ އިސް ފަރާތް ނުވަތަ ކެބިނެޓުގެ މެންބަރަކަށެވެ.
ބޭންކުތަކުގެ ކޯޕަރޭޓް ގަވަނަންސް ރެގިއުލޭޓް ކުރާ ގަވާއިދު އެމްއެމްއޭއިން އިސްލާހުކޮށްފައި މި ވަނީ އެ އިދާރާގެ ގަވަރުނަރުގެ މަގާމަށް އަހުމަދު މުނައްވަރު އައްޔަން ކުރެއްވުމާއެކު ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިންނެވެ.
އެމްއެމްއޭއަށް ގެންނަ އެންމެ ބޮޑު ބަދަލަކީ އެސިސްޓަންޓް ގަވަރުނަރުގެ މަގާމު އުވާލައި، މެނޭޖިން ޑިރެކްޓަރުންގެ މަގާމު އުފެއްދުމެވެ. އެމްއެމްއޭއިން ބުނީ އެ މަގާމަށް ފަސް މީހަކު އައްޔަން ކުރާނެ ކަމަށެވެ. މެނޭޖިން ޑިރެކްޓަރުންގެ ދައުރަކީ ފަސް އަހަރެވެ.
އެސިސްޓެންޓް ގަވަރުނަރުގެ މަގާމު އުވާލިއިރު، އެ މަގާމުގައި ތިން މީހަކު ތިއްބެވެ. އެ އެންމެން ޕްރޮމޯޓްކޮށްފައި ވަނީ ގަވަރުނަރުގެ އެޑްވައިޒަރުންގެ މަގާމަށެވެ.
އެމްއެމްއޭއަށް މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރާތީ އެކަމަށް ސަރުކާރުގެ ކޯލިޝަނުގެ ތެރެއިން ވެސް ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. އެގޮތުން އެ ބަދަލަކީ ހަރަދު ބޮޑުވާނެ ބަދަލެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
"އެހެންކަމުން ހަރަދު ކުޑަ ކުރުމަށް ލީޑަޝިޕްގެ ސްޓްރަކްޗަ ހަރުދަނާކުރުމަށް އެމްއެމްއޭގެ ގަވަނަރަށް އިލްތިމާސްކުރަން،" ނާޒިމް ވިދާޅުވި އެވެ.
50.00%
0.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment