22 ޖުލައި 2024 - 10:39 0
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސް ޑރ.މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
22 ޖުލައި 2024 - 10:39 0
ގާނޫނީ ވަކީލުންގެ ކަންތައްތައް ރެގިއުލޭޓް ކުރާ އިދާރާ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެޓާނީ ޖެނެރަލް ނީންނަވާ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނު ބަދަލުކުރުމަކީ ރައީސްގެ ބާރެއް ކުޑަކުރުން ކަމަށް ސިފަކުރައްވައި، އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވާހަކަ ދައްކަވައިފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު ހުށަހެޅުއްވި ބިލުގައިވާ ގޮތުން، އެ ބިލު ގާނޫނަަކަށް ބަދަލުވުމަށް ފަހު ބާކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާ ބޭފުޅުން ހޮވާނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލަށް ކުރި ބަހުސްގައި ގާސިމް ވިދާޅުވީ ބާ ކައުންސިލްގައި ހިނގާ ކަންތައްތަކުގެ މައުލޫމާތު ރައީސަށް ލިބިދިނުމަށް ޓަކައި މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެއާއެކު އޭނާ ވިދާޅުވީ ރައީސަކު ތަނަކަށް ނުފޫޒު ފޯރުއްވަން އުޅުއްވާ ނަމަ ކޮންމެވެސް ގޮތަކުން އެކަން ކުރައްވާނެ ކަަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި ރައީސްގެ ބާރުވެރިކަން މަޖިލީހުން ކުޑަކޮށްލުމަކީ ރަނގަޅު ގޮތެއް ކަމަކަށް އޭނާ ދެކެވަޑައެއް ނުގަންނަވަ އެވެ.
"އަޅުގަނޑު ހަމަ ވަރަށް އާދޭހާ އެކީގައި ދަންނަވާނީ އެމަނިކުފާނާ ހަވާލުކޮށްފައި ހުރި ޒިންމާތަކާ މަސްއޫލިއްޔަތުތައް ކުޑަކޮށްލުމަކީ، އަޅުގަނޑުމެން މަޖިލީހުން ބާރުވެރިކަން ހޯދުމަކީ، އަޅުގަނޑުމެން މަޖިލީހުން ބާރުވެރިކަން ހޯދުމުގައި އެމަނިކުފާނުގެ ކޮސްމެޓިކް [ކޮސްޓިއުމް] ލޯބީގެ ކަތުރަކުން ކަފައިލަން ވިސްނުމަކީ އެއީ އެއްގޮތަކަށް ވެސް އަދި ރަނގަޅު ގޮތެއް ނޫނޭ،" ގާސިމް ވިދާޅުވި އެވެ.
ރައީސަކަށް ހުންނަވާ ބޭފުޅަކު ކަންތައްތަކަށް ނުފޫޒު ފޯރުވަން އުޅުއްވާ ނަމަ ކޮންމެވެސް ގޮތަކުން އެކަން ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ގާނޫނުއަސާސީ އާއި އެހެން ގައުމުތަކުގައި ކަންހިނގާ ގޮތަށް ބެލިޔަސް އެކަން ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އިހުލާސްތެރި ނިޔަތް އިނގޭތޯ މީގައި ބޭނުންވަނީ ކޮންމެ އިންސާނަކަށް ވެސް، އިހުލާސްތެރި ނިޔަތް ނެތިއްޖެ ހާލަތެއްގައި ދެން ކަންތައްތައް ދާނީ [ގޯހުން ގޯހަށް؟] އެހެނޭ ކިޔާފައި ކަންތައްތައް ބޮއްސުންލައިގެން ހައްދުން ނެއްޓިގެންދާ ވަރަށް ދޫކޮށްލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އެ މޭރުމުން ވާހަކަ ދެއްކެވީ ކޮންމެހެން ބިލާ ދެކޮޅު ހެއްދެވުމުގެ ގޮތަކުންނެއް ނޫނެވެ. ބިލުގައި ހުރި އެހެން ކަންތައްތަކަށް ތާއީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
Comment