ރައީސް ޑރ.މުހައްމަދު މުއިއްޒު. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މިއަދު ދިން ބަޑީގެ ހަމަލާ އެމަނިކުފާނު ކުށްވެރިކުރެއްވި.
އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން މީހަކު މިއަދު ދިން ބަޑީގެ ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.
ސޯޝަލް މީޑިއާ އެކްސްގައި ޖެއްސެވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސިޔާސީ ކަންކަމުގައި ހަމަނުޖެހުމަށް ޖާގައެއް ނެތް ކަމަށާއި ހުރިހާ ތަނެއްގައި ހިންގާ ހުރިހާ ބާވަތެއްގެ ހަމަނުޖެހުން ރާއްޖޭން ކުށްވެރި ކުރާ ކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އާއިލާ އަދި އެ ހަމަލާގައި ޒަހަމްވި އެހެންމީހުންނަށް ހެޔޮއެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެ ގަޑިން ފަތިހު ހިނގި އެ ހާދިސާގައި ޓްރަމްޕު ޒަހަމްވި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެ އެވެ. ބަޑި ޖެހި އިރު ޓްރަމްޕު ހުންނެވީ ޕޯޑިއަމުގައި ވާހަކަ ދައްކަވަންށެވެ. ބަޑީގެ އަޑު އިވުމާއެކު ޓްރަމްޕު ޕޯޑިއަމް ކައިރިއަށް ތިރިވި އެވެ. އަދި ތެދުވެވަޑައިގެންނެވިއިރު ކަންފަތުން ލޭ އާދެ އެވެ.
ގާތްގަނޑަކަށް ތިން ފަހަރު ޓްރަމްޕު ގަޔަށް ބަޑި ޖެހި އަޑު ވީޑިއޯއަކުން އިވެ އެވެ. ބަޑި ޖެހި އިރު ޓްރަމްޕު ކަންފަތުގައި އަތް އަޅުއްވާ މަންޒަރު ވެސް ފެނެ އެވެ. ޕޯޑިއަމުން ކައިރިއަށް ތިރިވުމަށް ފަހު ތެދުވެވަޑައިގެން އަތުގެ އިޝާރާތުން ގަދަކޮށް ހުންނެވިކަން ޓްރަމްޕު ދެއްކެވި އެވެ.
މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި ޓްރަމްޕު އަވަހާރަކޮށްލަން އުޅުނު މީހާ ގަޔަށް ސިފައިން ބަޑި ޖަހައި އޭނާ ވަނީ މަރާލައިފަ އެވެ. އެ މީހާގެ ތަފުސީލެއް އަދި އެމެރިކާ ސަރުކާރުން ހާމައެއް ނުކުރެ އެވެ. ބަޑި ޖެހި މީހާގެ އިތުރުން އެހެން މީހަކު ވެސް ސިފައިން ރައްދުގައި ދިން ހަމަލާތަކުގައި މަރުވެފައިވާ ކަމަށްވެ އެވެ.
މީގެ ކުރިން 2017 ވަނަ އަހަރުން ފެށިގެން ހަތަރު އަހަރު އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނެވި ޓްރަމްޕުގެ ހާލުކޮޅު ރަނގަޅު ކަމަށް އޭނާގެ ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ.
ޓްރަމްޕަށް ހަމަލާދިނުމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ޓްރަމްޕަށް ގުޅައި ވާހަކަ ދައްކަވައިފަ އެވެ. އަދި އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ބައިޑެން ވަނީ ވިދާޅުވެފަ އެވެ.
ޓްރަމްޕަށް ހަމަލާދީފައި ވަނީ ބަޓްލާ، ޕެންސިލްވޭނިއާގައި ކުރިއަށް ގެންދިޔަ ރެލީއެއްގެ ތެރެއިންނެވެ. ޓްރަމްޕު ގަޔަށް ބަޑި ޖެހި މީހާ މަރާލީ އެމެރިކާ ސީކްރެޓް ސާވިސްގެ ސްނައިޕަރުން ކަމަށް ބެލެވެ އެވެ. ޕޯޑިއަމްއާ ދިމާލުން މަތީގައި ހުރި ފުރާޅެއްގައި ހުރެ ސްނައިޕަރަކު ރައްދުގައި ހަމަލާ ދޭ މަންޒަރު ވީޑިއޯއަކުން ފެނެ އެވެ.
އެ ހާދިސާ ހިނގި އިރު ރައީސް ޖޯ ބައިޑެން ހުންނެވީ ޗުއްޓީގަ އެވެ. ނަމަވެސް މިހާރު ޗުއްޓީ ކުރުކޮށްލެއްވުމަށް ފަހު އެނބުރި ވައިޓް ހައުސްއަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެ އެވެ. އަދި މިހާރު އެ ހާދިސާގެ ދެ ބްރީފިންއެއް ވެސް ސީކްރެޓް ސާވިސް އިން ބައިޑެންއަށް އަރުވާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.
Comment