Advertisement

ޕީއެންސީ ޕީޖީގެ މަގާމުތަަކަށް މެމްބަރުން ކަނޑައެޅުއްވީ ރައީސް، ވާދަވެރިކަމެއް ނެތް

23 މޭ 2024 - 23:12 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެމްބަރުންނާ އެކު ރައީސް ޑރ.މުހައްމަދު މުއިއްޒު އިއްޔެ ބޭއްވެވި ބައްދަލުވުމަށް އަބްދުއްރަހީމް ވަޑައިގަންނަވަނީ. މަޖިލީހުގެ ރައީސްކަމަށް ވަޑައިގަންނަވާނީ އޭނާ. ފޮޓޯ:މިރާޝް ނާޝިމް/އަދަދު


ޕީއެންސީ ޕީޖީގެ މަގާމުތަަކަށް މެމްބަރުން ކަނޑައެޅުއްވީ ރައީސް، ވާދަވެރިކަމެއް ނެތް

23 މޭ 2024 - 23:12 0

ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ މަގާމުތަކަށް ވަޑައިގަންނަވާނެ ބޭފުޅުން ކަނޑައެޅުއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ކަމަށާއި އެކަމުގައި، އެޕާޓީގެ މެމްބަރުންގެ މެދުގައި އެއްވެސް ވާދަވެރިކަމެއް ނެތް ކަަމަށް އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް"ގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއް ރަހީމް ވިދާޅުވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ މަގާމުތަކަށް މެމްބަރުން ކަނޑައަޅުއްވަން ރައީސް މުއިއްޒަށް ދެ ހައިސިއްޔަތެއް އެބަ އޮތް ކަމަށެވެ. އެއީ ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތާއި ޕާޓީގެ ރައީސްގެ ހައިސިއްުޔަތެެވެ.

"އެހެންވީމާ ރައީސް ނިންމަވާނީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އަޅުގަނޑުމެން ގަބޫލުކުރީ. އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ވާދަވެރިކަމެއް ނެތް، ހަމަ ރައީސް ނަންތައް ހުށަހެޅުއްވުމާ އެކީގައި އިއްތިފާގުން ނަންތައް ފާސްވެގެން ދިޔައީ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އަބްދުއް ރަހީމް ސިފަކުރެއްވި ގޮތުގައި ޕީއެންސީގެ ޕީޖީ މެމްބަރުން ރައީސް މުއިއްޒަށް އެހާ ބޮޑު އިހުތިޔާރެއް ދިނީ ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް ޕީއެންސީގެ މެމްބަރުން އިންތިހާބުކުރީ ރައީސް މުއިއްޒުގެ މެނިފެސްޓޯ ތަންފީޒުކުރަން ކަަމަށް ވާތީ އެވެ.

"އެހެންވީމާ އަޅުގަނޑުމެން ގަބޫލުކުރީ ރައީސް މުއިއްޒު އަށް އެންމެ ފަސޭހަ ގޮތަކަށް އެކަން ކުރަން ދޫކޮށްލަން، އެހެންވީމާ އަޅުގަނޑުމެން ބޭނުންވީ، [އަޅުގަނޑުމެން ދެންނެވީ] ރައީސް ނިންމަވާށޭ [މަގާމުތަކަށް ވަޑައިގަންނަވާނެ ބޭފުޅުން]،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުކުރަން ރައީސް ހުށަހެޅުއްވި އަބްދުއްރަހީމަކީ، މި ސަރުކާރު ގެންނަން އެންމެ އިސްކޮށް މަސައްކަތް ކުރި އެކަކެވެ. މި ސަރުކާރުގައި އެންމެ ނުފޫޒުގަދަ ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިނަވާ އަބްދުއްރަހީމް މި ވަގުތު ވެސް ހުންނެވީ ރައީސްގެ ހާއްސަ އެޑްވައިޒަރުގެ ގޮތުގައި މި ސަރުކާރުގެ އެންމެ އިސް ވަޒީރުގެ މަގާމުގަ އެވެ.

އެޕްރީލް 21، ގައި ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީއިން 66 ގޮނޑި ކާމިޔާބު ކުރި އިރު، އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބު ކާމިޔާބު ކުރި އަށް މެންބަރަކު ވަނީ ޕީއެންސީއާ ގުޅިފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ތާއީދު އޮވެގެން ވާދަކުރި މީހުން ވެސް ހިމެނެ އެވެ.

މިހެންކަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގައި 75 މެންބަރުން ތިއްބަވާނެ އެވެ.

ހަމައެހެންމެ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން އެ ޕާޓީއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް މަސައްކަތް ކުރައްވަނީ ސަރުކާރާ އެކީގަ އެވެ.

މިއާއެކު 20 ވަނަ މަޖިލީހުގައި ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ދޭން މަޖިލީހުގައި ތިބޭނެ މެމްބަރުންގެ އަދަދު ވަނީ 79 އަށް އަރަ އެވެ. މިއީ މިދިޔަ މަޖިލީހުގައި އެމްޑީޕީއަށް ލިބުނު ވަރަށް ވުރެ ވެސް ބޮޑު އަގުލަބިއްޔަތެކެވެ.