Advertisement

މައިންގެ ދުވަސް މަންމައާ ނުލައި: "މަންމަގެ އަގު ވަޒަންކުރެވެނީ ކައިރީގަ ނެތީމަ"

އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު


މައިންގެ ދުވަސް މަންމައާ ނުލައި: "މަންމަގެ އަގު ވަޒަންކުރެވެނީ ކައިރީގަ ނެތީމަ"

12 މޭ 2024 - 10:28 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ގޭގައި އެލުވާފައި ހުންނަ އުނދޯލީގައި އޭނާގެ މަންމަ ނިދާފައި އޮންނަ މަންޒަރު އަދިވެސް ސިފަވާ ކަހަލަ އެވެ. އެއީ އުމުރުން 20 އަހަރުގެ އައިޝަތު ޔަނާ (އަސްލު ނަމެއް ނޫން) ހަނދާން ހުންނަން ފެށީއްސުރެ މަންމަ ދުނިޔޭގައި ހުރި އިރުގެ އެންމެ އުފާވެރި ހަނދާނެވެ.

"މަންމަ އަބަދުވެސް ނިދާނީ އުނދޯލީގަ. އުނދޯއްޔަކީ ބައްޕަގެ ހަނދާންތަކާ ގުޅިފަވާ އެއްޗަކަށް ވީމަ. އެ އުނދޯލީގަ މަންމަ އަރާމުގަ ނިދާލާފަ އޮންނަ ހަނދާން ވަރަށް ވޭ،" ޔަނާ ކިޔައިދިނެވެ.

އޭނާގެ ބައްޕަ ނިޔާވީ ޔަނާގެ އުމުރުން ހަތަރު އަހަރުގަ އެވެ. އެއްބަނޑު އެއްބަފާ، އެއްބަފާ އަދި އެއްބަނޑު ދައްތައިންނާއި ބޭބެމެން ބައިވަރެވެ. އެކަމަކު މަދު ބަޔަކާ ނޫނީ އާއިލީ ގުޅުން ނޯންނަ ވާހަކަ ޔަނާ ކިޔައިދިނީ ހިތާމައާ އެކުގަ އެވެ.

ކިޑްނީ ފެއިލްވެ، ޑައިލަސިސް ހަދަމުން ދިޔަ ޔަނާގެ މަންމަ މި ދުނިޔެ ދޫކުރީ އޭނާގެ އުމުރުން 15 އަހަރުގަ އެވެ. މަންމަގެ ކުއްލި ވަކިވުން އަދިވެސް ގަބޫލުކުރަން ދަތިވާއިރު، މަންމައިންގެ ދުވަހު އެހެން ކުދިން މަންމަމެނަށް ހަދިޔާދީ، އެމީހުންގެ ހިދުމަތް ފާހަގަކުރާއިރު އޭނާ ވެސް މަންމަ މަތިން ވަރަށް ހަނދާންވެ އެވެ.

"ގޭގަ އުޅޭ ކުދިން ވެސް މަދާސް ޑޭ ސެލެބްރޭޓް ކުރާނެ. ޑެކަރޭޓް ކުރަން އެމީހުންނަށް އެހީވެދީފަ ޔަނާ ދަނީ ކޮޓަރިއަށް. ވަރަށް ދެރަވޭ މި ދުވަސް އެކީގަ ފާހަގަކުރަން މަންމަ ނެތީމަ،" ޔަނާ ހިއްސާކުރި އެވެ.

މިއަދު ޔަނާ އެންމެ ދެރަ ވަނީ އޭނާގެ މަންމަ ދުނިޔޭގައި ހުރި ވަގުތު އެ މަންމައާއެކު ރަނގަޅަށް ވަގުތު ހޭދަ ނުކުރެވުމުންނެވެ. ފުރާވަރުގެ ދުވަސްވަރު މަންމަ އާއި ދެބަސްވެވިފައި ވުމުންނެވެ. އޭނާ މަންމަ އާއި އެންމެ ފަހުން ބައްދަލުވީއިރު ލޯބިން ވާހަކަދައްކައި ނުލެވުނީމަ އެވެ.

"މަންމަ ބަލިވެގެން ހޮސްޕިޓަލުގަ އޮއްވާ އެދުވަހު ދިޔައީ ސްކޫލް ނިންމާފަ. ނިޔަފަތި ދިގުވެފަ ހުރީމަ ކަނޑާށޭ މަންމަ ބުނީ. އެކަމާ ހިތްހަމަނުޖެހިގެން އެދުވަހު ގެއަށް ދިޔައީ. އެގޮތަށް ދެބަސްނުވެވުނު ނަމަ އޭ ހިތަށްއަރާ،" މަންމައާއެކު އޭނާ ހޭދަކުރި ފަހު ވަގުތުކޮޅު ޔަނާ ސިފަކޮށްދިނެވެ.

އޭނާގެ މަންމަ ނިޔާވި ދުވަސް ޔަނާއަށް ކިޔައިދޭން އުނދަގޫވި އެވެ. އެދުވަހު މަންމަ ނިޔާވި ހަބަރު ލިބުމަށްފަހު ވަޅުލެވެދެން ކަންތައް ވެދިޔަ ގޮތް ހަނދާނުގައި ހުރީ ފުސްކޮށެވެ. މަންމަގެ ކުއްލި ވަކިވުމުން ލިބުނު ހައިރާކަން އެއަށްވުރެ ބޮޑުވުމާއެކު ވަށައިގެން ވަމުން ދިޔަ ކަންތަކަށް އެދުވަހު ސަމާލުކަން ނުދެވުނީ ކަމުގައި ޔަނާ ބުންޏެވެ.

"ނިޔާވިކަން އިނގުނު ހިސާބުން އިނދެވުނީ ގަބުވެފަ. ގަބޫލުނުކުރެވިފަ. ދެދުވަސް ވަންދެން ނުވެސް ރޮން،" މަންމަގެ ވަކިވުމާއެކު ކުރި އަސަރު ޔަނާ ހިއްސާކުރި އެވެ. އަދި މަންމައިންގެ ދުވަސް ނޫނަސް، ކޮންމެ މުނާސަބަތަކު، ކޮންމެ ދުވަހަކު ވެސް މަންމަގެ ހަނދާންތައް އޭނާ ވަށާލާކަމަށް ބުންޏެވެ.

"އީދު ދުވަހު އާ ހެދުން ގަނެދޭނެ. ވަރަށް މީރުކޮށް ކިރުގަރުދިޔަ ކައްކާނެ. އަބަދުވެސް އަހާނެ ކައިފިންތޯ، ނަމާދުކުރިން ތޯ،" ޔަނާ ކިޔައިދިނެވެ.

އޭނާގެ މަންމަ ނިޔާވިތާ ހަތަރު އަހަރު ފުރެން ގާތްވެފައިވާއިރު، މިއަދު ޔަނާ އެންމެ ފަހުރުވެރި ވަނީ މަންމަ އަދި ބައްޕަ އެދުނު ފަދައިން ސިއްހީ ދާއިރާއިން ކިޔަވައި، ކުރިއަށް ދިޔުމުގެ ހިތްވަރު އޭނާއަށް ލިބުނީތީ އެވެ. މިއަދު ޔަނާއަކީ ގައުމީ ޔުނިވާސިޓީގައި ނާސިންއިން ޑިޕްލޮމާއަށް ކިޔަވަމުން ދާ ދަރިވަރެކެވެ. އޭނާ ކިޔަވަންދަނީ ވަޒީފާ ވެސް އަދާކުރަމުންނެވެ.

"މަންމަމެން އަބަދުވެސް ބުނާނެ ސިއްހީ ދާއިރާއިން ކުރިއަށްދާށޭ. އެ ހިތްވަރު ލިބުނީ މަންމަގެ ސަބަބުން،" ޔަނާ ކިޔައިދިނެވެ.

ނަމަވެސް، މަންމަގެ ކުއްލި ވަކިވުމަށްފަހު ހޮސްޕިޓަލުގެ މާހައުލަށް އަލުން އަނބުރާދިޔުން ފާސޭހަ ނޫންކަން ޔަނާ ފާހަގަކުރި އެވެ. އެ މާހައުލު އޭނާގެ ހަނދާނަށް ގެނުވަނީ ހިތާމަކަމުގައި ވާތީ އެވެ.

"އައިސީޔޫގަ ނޫނީ ޑައިލަސިސް ޑިޕާޓްމެންޓްގަ ޑިއުޓީ ކުރަންޖެހިދާނެތީ ވަރަށް ފަސްޖެހެވޭ. އެކަމަކު އެކަމާ ވެސް ކުރިމަތިލާނަން،" ޔަނާ ހިއްސާކުރި އެވެ.

އޭނާގެ މަންމަގެ ފަރާތުން ދަސްވި އެންމެ ބޮޑު ފިލާވަޅަކީ ވެސް އެއީ ކަމުގައި ޔަނާ ބުންޏެވެ. ހިތްވަރާއެކު ކަންކަމާ ކުރިމަތި ލުމެވެ. އޯލެވެލް އިމްތިހާނު ގާތްވެފައި އޮއްވައި މަންމަ ވަކިވުމުގެ ސަބަބުން އެ ހިތްވަރު ކުޑަކޮށް އެލުނު ނަމަވެސް، ނެޝަނަލް ޓޮޕް ޓެންއިން ޔަނާ ޖާގަ ހޯދި އެވެ. އެއީ އޭނާގެ މަންމަގެ ވެސް ހުވަފެނެކެވެ.

އޭނާގެ އެއްބަނޑު އެއްބަފާ ދައްތަގެ އާއިލާއާއިއެކު ދިރިއުޅެމުން އަންނަ ޔަނާއަށް މަންމަގެ ވަކިވުމާއެކު ލިބުނު އެންމެ ބޮޑު އިބުރަތުގެ ގޮތުގައި ޔަނާ ފާހަގަކުރީ މަންމަމެންގެ އަގުވަޒަން ކުރުމެވެ. ކުދި ކުދި ކަންތަކާއި ދެބަސްނުވެ، އެމީހުންގެ ކައިރީގައި ހޭދަކުރަން ލިބޭ މަދު ވަގުތު ކޮޅު ފޮނި ހަނދާންތަކުން ފުރާލުމެވެ.

"ރައްޓެހިން ކައިރީ ވެސް ބުނަން. މީހެއްގެ މުހިއްމުކަން ވިސްނޭނީ ބީވެ ދިޔައިމައޭ. ހާއްސަކޮށް މައިންބަފައިން. ކައިރީގަ ތިބޭއިރު އެމީހުންނަށް ހެޔޮކޮށް ހިތާށޭ. އެމީހުނާއެކު ވަގުތު ހޭދަކޮށް އަގުވަޒަން ކުރާށޭ،" އަބަދުމެ ރައްޓެހިންނަށް ދޭ ނަސޭހަތް ޔަނާ ތަކުރާކުރި އެވެ.

މަންމައިންގެ ދުވަހަކީ އެމީހުންގެ ހިދުމަތުގެ އަގުވަޒަންކުރުމަށް ހާއްސަ ދުވަހެކެވެ. ނަމަވެސް، އެކަމަށް ވަކި ދުވަހެއް ހާއްސަ ނުކޮށް، މަންމައިން ދަރިންނަށްޓަކައި ކޮންމެ ދުވަހަކު ވާ ގުރުބާނީއަށް ކޮންމެ ދުވަހަކުމެ ޝުކުރުވެރިވުމުގެ މުހިންމުކަން ޔަނާ ފާހަގަކުރި އެވެ. އެ ނޫނީ ފަހުން ދެރަވާނެ އެވެ.