Advertisement

ޕީއެސްޖީ ކަޓުވާލައި ޑޯޓްމަންޑް ޗެމްޕިއަންސް ލީގުގެ ފައިނަލަށް

8 މޭ 2024 - 01:55 0


ޕީއެސްޖީ ކަޓުވާލައި ޑޯޓްމަންޑް ޗެމްޕިއަންސް ލީގުގެ ފައިނަލަށް

8 މޭ 2024 - 01:55 0

ޕެރިސް (މެއި 8) - ދެ ވަނަ ލެގުގައި ވެސް 1-0 އިން ޕީއެސްޖީ ބަލިކުރުމަށް ފަހު، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ޑޯޓްމަންޑުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައިވަނީ، 2013 ވަނަ އަހަރު އެވެ. އެ ފަހަރު ބަޔާން މިއުނިކް އަތުން އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 2-1 އިން ބަލިވީ އެވެ. އެ ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެފައިވަނީ މި ފަހަރުގެ ފައިނަލް ވެސް ކުޅެން ހަމަޖެހިފައިވާ އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގަ އެވެ.

މި ފަަހަރުގެ ފައިނަލުގައި، ޑޯޓްމަންޑް ކުޅޭނީ ބަޔާން ނޫނީ ރެއާލް މެޑްރިޑާ އެވެ. ބަޔާން އާއި ރެއާލް، ކުޅުނު ފުރަތަމަ ލެގު ނިމުނީ އެއްވަރުވެގެންނެވެ.

މިދިޔަ ހަފްތާގައި، ޑޯޓްމަންޑް ދަނޑުގައި ވެސް އެ ޓީމުން ޕީއެސްޖީ ބަލިކުރީ 1-0 އިންނެވެ. ހަމަ އެ ނަތީޖާ އިން އަމިއްލަ ދަނޑުގައި ވެސް ޕީއެސްޖީ ބަލިވިއިރު، ދެ މެޗުގައި ވެސް އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

ދެ ލެގަށް ބަލާއިރު ޕީއެސްޖީ އަތުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ގެއްލިފައިވެ އެެވެ.

ޕީއެސްޖީ ދަނޑުގައި ޑޯޓްމަންޑް މޮޅުކޮށްދިން ގޯލު ޖެހީ ދެ ވަނަ ހާފު ފަށައިގެން ފަސް މިނިޓް ތެރޭގައި ލިބުނު ކޯނަރަކުންނެވެ. މި ލަނޑު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މެޓް ހަމެލްސް ބޮލުންނެވެ.

މި މެޗުގެ، ފުރަތަމަ ހާފުގައި ވެސް ޑޯޓްމަންޑުން އެޓޭކްކޮށް ފުރަަތަމަ ގޯލު ޖެހޭތޯ ބެލި އެވެ. އެ ގޮތުން، ކައުންޓަ އެޓޭކުގައި ޑޯޓްމަންޑްގެ ކަރީމް އަޑެޔޭމީ ޖެހި ބޯޅައެއް ޕީއެސްޖީ ކީޕަރު، ޖިއަންލުއިޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ.

ލަނޑެއް ޖެހޭތޯ ޑޯޓްމަންޑުން ކުރި މަސައްކަތް ކާމިޔާބުވީ ދެ ވަނަ ހާފް ފަށައިގެން މާގިނައިރެއްނުވެ، ޕީއެސްޖީ ފަހަތުން ފަރުވާ ކުޑަކޮށްލުމުންނެވެ. ކޯނަރެއްގައި ހަމެލްސް ހުސްކޮށް އަރައި ބޮލުން ޖެހި ގޯލުގައި، ކީޕަރު ޑޮންނަރުންމާ އަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

އެމްބާޕޭ (ކ) އަތުން ބޯޅަ ހޯދަން ހަމެލްސް މަސައްކަތް ކުރަނީ.


މި މެޗުގައި ޕީއެސްޖީ އަށް ލީޑުނަގައިދޭން ކީލިއަން އެމްބާޕޭ އަށް ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނީ، ޑޯޓްމަންޑްގެ ހަމެލްސް ޓެކަލްކޮށް ބޯޅަ ސަލާމަތް ކުރުމުންނެވެ. ޑޯޓްމަންޑުން ލީޑުނެގުމުގެ ކުރިން، ޕީއެސްޖީގެ ވަރެން ޒައިރޭ-އެމޭރީ ހުސްކޮށް ހުރެ ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ޑޯޓްމަންޑުން ލީޑުނެގި ފަހުން، ގާތްގާތުގައި، ޕީއެސްޖީގެ ޕޯޗުގީސް ފޯވާޑް، ގޮންޒާލޯ ރާމޯސް އަށް ދެ ފުރުސަތު ލިބުނުއިރު، އޭނާ ޖެހި ބޯޅަތައް ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން، ޕީއެސްޖީގެ ފުލްބެކް، ނޫނޯ މެންޑޭޒް ޖެހި ޝޮޓް އަމާޒުވީ ދަނޑިއަށެވެ.

އަވަސް ކުޅުންތަކާ އެކު، ޕީއެސްޖީން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތުގައި އޭރިއާތެރެއިން އެމްބާޕޭ ޖެހި ޝޮޓެއް ދަނޑީގައި ޖެހިފައި ބޭރުވިއިރު، އޭރިއާބޭރުން ވިޓީނިއާ ޖެހި ބާރު ޝޮޓް ވެސް އަމާޒުވީ ހުރަސްދަނޑިއަށެވެ.

މި ނަތީޖާއާ އެކު، ޕީއެސްޖީ، ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދަން ކުރާ އިންތިޒާރު ދިގުލައިދިޔައިރު، މި ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ އެމްބާޕޭ އަށް އެ ޓީމުގައި ހުރެ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދަން ދެކުނު ހުވަފެން ހާސިލްނުވެދިޔައީ އެވެ.