Advertisement

ބޮޑު ދެބައްޔާ އެކު އެމްޑީޕީ އަޑިއަށް، ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް!

21 އޭޕްރީލް 2024 - 22:05 7

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު


ބޮޑު ދެބައްޔާ އެކު އެމްޑީޕީ އަޑިއަށް، ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް!

21 އޭޕްރީލް 2024 - 22:05 7

އެމްޑީޕީއަކީ އެޕާޓީ އުފެއްދުމުގައި ވެސް ރައްޔިތުންގެ މަޖިލީހުގައި އޭރު ތިބި ބައެއް މެމްބަރުން ބައިވެރިވި ޕާޓީ އެކެވެ. އެހެންވެ އެޕާޓީ ވުޖޫދުވީ ވެސް އަށެއްކަ މެންބަރުންނާ އެކުގަ އެވެ. އެ އަށެއްކަ މެންބަރުން ކުރި ވަރުގަދަ ބަހުސްތަކާއި އިހުތިޖާޖުތަކާ އެކު އެހެން އެތައް ބައެއްގެ ތާއީދާ އެކު ފެހި ގާނޫނުއަސާސީ ފާސްކުރީ އެމްޑީޕީގެ އެތައް ވިސްނުންތަކެއް އެކުލަވައިގެންނެވެ.

އޭގެ ފަހުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ މަލްޓިޕާޓީ ރިޔާސީ އިންތިހާބު ކާމިޔާބުކުރީ އެމްޑީޕީ އިސްވެ އޮތް ކޯލިޝަނަކުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދެވެ. އެހެން ނަމަވެސް އެފަހަރުގެ ކާމިޔާބީއަށް ފަހު 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެޕާޓީއަށް މެޖޯރިޓީއާ ގާތްކުރާ އަދަދެއްގެ ގޮނޑިވެސް ކާމިޔާބެއް ނުކުރެވެ އެވެ. ޖުމްލަ 75 ދާއިރާ ހިމެނުނު، 16 ވަނަ ރައްޔިތުންގެ މަޖިލީހުން އެޕާޓީއަށް ނެގުނީ 26 ގޮނޑި އެވެ.

އެ ނަތީޖާއަށް ބަލާއިރު، އެމްޑީޕީއަށް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެމްޑީޕީއަށް ޖެހިޖެހިގެން ދެ ކާމިޔާބީއެއް ހާސިލު ނުވާ ކަމަށް ބުނެވިދާނެ އެވެ. ޑިމޮކްރެޓިކް ފުރަތަމަ ރައީސް ހޮވި އިންތިހާބަށް ފަހު އެޕާޓީ ޖެހިޖެހިގެން ތިން ފަހަރު ބަލިވި އެވެ.

އެއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި އޭގެ ފަހުން 17 ވަނަ ރައްޔިތުންގެ މަޖިލިސް ހޮވަން ބޭއްވި އިންތިހާބުގަ އެވެ. ދެހާސް ސާދަ ވަނަ އަހަރު ބޭއްވި އެ އިންތިހާބުގައި ވެސް އެމްޑީޕީއަށް ލިބުނީ 26 ގޮނޑި އެވެ.

އެ ހުރިހާ ބައްޔަކަށް ފަހު އެހައިތަނަށް ރާއްޖޭގައި އޮތް އެންމެ ދޮށީ ޕާޓީގެ ގޮތުގައި އެމްޑީޕީގެ ތަރި އެރީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގަ އެވެ. ރިޔާސީ އިންތިހާބެއްގައި އެންމެ ބޮޑު އަޣުލަބިއްޔަތަކުން ހޮވުނު ރައީސްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް ކަމަށް ވަޑައިގެންނެވި ހިސާބުންނެވެ. އޭގެ ފަހުން 19 ވަނަ ރައްުޔިތުންގެ މަޖިލިސް ހޮވަން 2019 ވަނަަ އަހަރު ބޭއްވި އިންތިހާބުގައި 65 ގޮނޑިއާ އެކު އެޕާޓީން މެޖޯރިޓީ ނެގި އެވެ.

އެއަށް ފަހު އެމްޑީޕީގެ މަގުބޫލުކަން ދަށަށް ގޮސް މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާ އެވެ. އެހެން ނަމަވެސް އެ އިންތިހާބުން ބަލިވީ މިއަދު ބޭއްވި މަޖިލިސް އިންތިހާބުގައި ލިބުނު ނަތީޖާ ފަދަ ލަދުވެތި ނަތީޖާއަކުން ނޫނޭ ބުނެވިދާނެ އެވެ.

މިއަދުގެ އިންތިހާބުގައި ބެހެއްޓި 602 ފޮށީގެ ތެރެއިން 240 އެއްހާ ފޮށި ގުނި އިރު އެމްޑީޕީއަށް ލިބޭނެ ކަމަށް ބެލެވެނީ އެންމެ 16 ގޮނޑި އެވެ. ވެރިކަން ކުރާ ޕީއެންސީން 70 އާ ގާތް ކުރާ އަދަދަކަށް ގޮނޑި ނަގާނެ ކަމަށް މިހައިތަނަށް ސާފުކުރި ނަތީޖާއިން ދައްކަ އެވެ.

ފާއިތުވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގައި ގޮނޑިތައް ބެހިގެންދިޔަ ގޮތް. އަބަދުވެސް ވެރިކަން ކުރާ ޕާޓީއަށް ރައްޔިތުން މެޖޯރިޓީ ދޭ --- ފޮޓޯ: ރައްޔާން މުހައްމަދު/އަދަދު


އެނބުރި އަންނާނެ ހަކަތަ އެބަހުރިތަ؟

އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނު އިރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި 26 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ޕާޓީ ދޫކޮށް ދިޔަ ނަމަވެސް ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮތީ ވަރުގަދަކޮށެވެ. އޭގެ ފަހުން 18 ވަނަ މަޖިލީހުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީނުގެ ޕީޕީއެމްގެ މެޖޯރިޓީ އޮތް އިރުވެސް އެމްޑީޕީގެ ލީޑަޝިޕް އޮތީ ވަރުގަދަކޮށް، ބަދަހިކޮށެވެެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އޭރުގެ އިދިކޮޅު ހުރިހާ ޕާޓީތަކާއި ވަކިވަކި ޝަހުސިއްޔަތުތައް އެކަތިގަނޑަކަށް ހެދުމުގައި އެމްޑީޕީއަށް އިސްދައުރެއް ލިބުނީ އެހެންވެ އެވެ.

އެހެން ނަމަވެސް ރާއްޖޭގެ ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއާ އެކު އޮތް އެޕާޓީ ދެބައިވެ، ލީޑަޝިޕްގެ އެތައް ބޭފުޅުންނެއް ޕާޓީ ދޫކުރައްވައި ވަޑައިގެންނެވީ މދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށް ބޭއްވި ޕްރައިމަރީއާ ހިސާބުންނެވެ.

އެ ޕްރައިމަރީ އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވި ގޮތާ މެދު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ސުވާލު އުފެއްދެވި އެވެ. އެއާއެކު އެބޭފުޅުން ޕާޓީ ދޫކުރައްވައި ވަޑައިގެން އާޕާޓީއެއް ހެއްދެވީ އެވެ.

އޭގެ ފަހުން އެމްޑީޕީގެ އެތެރޭގައި ފުރިހަމަ ބަދަހިކަމާއި އެކަކު އަނެކަކަށް އިތުބާރު ކުރުން އަދިވެސް އޮތް ކަމަކަށް ނުފެނެ އެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު މާލޭގެ މޭޔަރުކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ބޭއްވި ބައި އިލެކްޝަނަށް ކެންޑިޑޭޓަކު ނެރުނު އިރު އެކަން މާބޮޑަށް ފާޅުވި އެވެ.

އެ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ކެންޑިޑޭޓަކު ނެރެން ބޭއްވި ޕްރައިމަރީގައި ވާދަކުރައްވަން އުޅުއްވި ބައެއް ބޭފުޅުންނަށް ޕާޓީގެ ލީޑަޝިޕުން ފިއްތުންތައް ކުރިމަތިކުރި ކަމުގެ އަޑުތައް ފެތުރުނެވެ.

މިއަދު ބޭއްވި މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ނެރުނު އިރު ވެސް އިތުބާރުގެ މައްސަލަ ހަމަ އެގޮތަށް އޮތެވެ.

މިކަންތައްތައް މިހެން ހުރުމާ އެކު މިހާ ބޮޑު ދެބައްޔަށް ފަހު ސިޔާސީ ގޮތުން އަލުން ވަރުގަދަކުރުމަށް ޓަކައި އެމްޑީޕީން ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ. ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އަލުން ރުކުރުވައިލުމަށް ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ޕާޓީގެ އެތެރެ ފޮޅައި ސާފުކުރުމުގެ މަސައްކަތެވެ. އިތުބާރު އުފައްދައި އަލުން ބަދަހިކުރުމުގެ މަސައްކަތެވެ. އެމްޑީޕީގެ މިހާރުގެ ލީޑަޝިޕް އެކަމަށްޓަކައި ފުރަތަމަ ފިޔަވަޅު އަޅަން ޖެހެ އެވެ. އެއީ ނާކާމިޔާބީގެ ޒިންމާ އުފުލުމާއެކު މަގާމުތަކުން އިސްތިއުފާދެއްވުމެވެ.

ކެއާޓޭކަރުންގެ ގޮތުގައި އެ ބޭފުޅުން ތިއްބަވައިގެން ޕާޓީގެ އެތެރޭގެ އިންތިހާބުތައް އަލުން ބާއްވަން ޖެހެ އެވެ.