Advertisement

އިޒްރޭލުން ގާޒާގެ ބޮޑު ބިމެއް ހިސޯރު ކުރި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި

30 މާރިޗު 2024 - 00:26 0

އިޒްރޭލުގެ ސިފައިން ގާޒާ ތެރޭގައި ހަރަކާތްތެރިވަނީ: ގަތުލްއާންމު ހުއްޓާލަން އދ. އިން ވަނީ އެތައް ފަހަރަކު އަންގައިފަ -- ފޮޓޯ: އޭއޭ.ކޮމް.ޓީއާރް


އިޒްރޭލުން ގާޒާގެ ބޮޑު ބިމެއް ހިސޯރު ކުރި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި

30 މާރިޗު 2024 - 00:26 0

އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުގެ ތެރެއިން ގާޒާގެ ޖޯޑަން ވެލީއިން ބޮޑު ބިމެއް ހިސޯރު ކުރި މައްސަލަ ދިވެހި ސަރުކާރުން މިރޭ ކުށްވެރިކޮށްފި އެވެ.

ޖޯޑަން ވެލީީގެ 2000 ވަރަކަށް ހެކްޓަރަށް އިޒްރޭލުން ވަނީ ވެރިވެގަނެފަ އެވެ. އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ހިންގި އަމަލެއް ކަމަށެވެ.

އޭގެ ސަބަބުން މެދު އިރުމަތީގެ މައްސަލަ އިތުރަށް ގޯސްވާނެ ކަމަށް ވެސް ދިވެހި ސަރުކާރުން ބުންޏެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ކުރާ އެފަދަ ކަންކަން ހުއްޓުވަން ސަރުކާރުން ގޮވާލި އެވެ.

ޖޯޑަން ވެލީގެ ބޮޑު ބަޔަކަށް ވެރިވުމަށްފަހު އިޒްރޭލުން މިހާރު ވަނީ އެއީ އިޒްރޭލުގެ ބިންތަކެއް ކަމަށް ކަނޑައަޅައިފަ އެވެ. އެ މައްސަލަ ޖަރުމަނާއި ސްޕެއިން އިން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން، ދެ ފަރާތުން ވެސް މި ރޯދަ މަހު ތެރޭގައި ހަމަލާ ބަދަލު ކުރުން ހުއްޓާލައި އދ. ގެ ސެކިއުރިޓީ ކައުންސިލުން ފުރަތަމަ ފަހަރަށް ގަރާރެއް ވެސް ވަނީ ހޯމަ ދުވަހު ފާސްކޮށްފި އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ގާޒާގެ 32،000 އަށް ވުރެ ގިނަ މީހުން މަރާލައިފި އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އިޒްރޭލުން ފެނަށް ދަތިކޮށް، މަގުތައް ހަލާކު ކުރަމުންދާތީ ގިނަ އަދަދެއްގެ މީހުންގެ ހަމަލާތަކުގެ ބޭރުން ވެސް އަންނަނީ މަރުވަމުންނެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުގައި ހިމެނޭ ދާއިމީ މެންބަރު ގައުމުތަކަކީ އެމެރިކާ އާއި ފްރާންސް އާއި ޗައިނާ އާއި ރަޝިޔާ އާއި އިނގިރޭސިވިލާތެވެ. ވަގުތީ މެންބަރު ގައުމުތަކުގެ ތެރޭގައި ހިމެނެނީ އަލްޖީރިއާ، އިކުއެޑޯ، ގަޔާނާ، ޖަޕާން، މޯލްޓާ، މޮޒަމްބިކް، ސައުތު ކޮރެއާ، ސިއެރާ ލިއޯން، ސްލޮވީނިއާ އަދި ސްވިޒަލޭންޑެވެ.