Advertisement

މަސްދޯނިތަކަށް ހަތިޔާރާ އެކު އެރުމުން ގައްސާނަށް އިންޑިއާ ގޯހެއް ނުވި، ވިދާޅުވީ ރާއްޖޭގެ ވަސީލަތް އިތުރުކުރަން ޖެހޭ ކަމަށް

25 މާރިޗު 2024 - 14:17 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް


މަސްދޯނިތަކަށް ހަތިޔާރާ އެކު އެރުމުން ގައްސާނަށް އިންޑިއާ ގޯހެއް ނުވި، ވިދާޅުވީ ރާއްޖޭގެ ވަސީލަތް އިތުރުކުރަން ޖެހޭ ކަމަށް

25 މާރިޗު 2024 - 14:17 1

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަށް އިންޑިއާގެ ކޯސްޓްގާޑްގެ ސިފައިން ވަދެ، ދިވެހި މަސްދޯނިތަކަކަށް އެރި ސަބަބަކީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ރާއްޖޭގެ ގާބިލުކަން ކުޑަވުމުން ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނު މިއަދު ސިފަ ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހެންވޭރު ހުޅަނގު ދާއިރާގެ ދަ ޑިމޮކްރެޓްސް މެންބަރު ހަސަން ލަތީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގައްސާނު ވިދާޅުވީ އެފަދަ ހާދިސާތައް ހިނގުން ހުއްޓުުވަން ކުރެވޭނެ އެއް ކަމަކަކީ ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން ބޭނުންވާ ވަސީލަތްތައް ގާއިމްކުރުން ކަމަށެެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރަނގަޅަަށް ބެލެހެއްޓޭ ކަމުގެ ޔަގީންކަން އެހެން ގައުމުތަކަށް ދިނުމަކީ ވެސް އެގޮތުން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ހާދިސާތައް ހިނގުމުގެ މައިގަނޑު އެއް ސަބަބަކީ އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުވެފައި، މި ކަނޑުގެ ސަރަހައްދު އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓުުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ދިވެހި ދައުލަތުގައި މަދުވުން،" ގައްސާން ވިދާޅުވި އެވެ.

އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން ރާއްޖޭގެ މަސްވެރިންނާ މެދު އިހާނެތި ގޮތަކަށް އަމަލުކުރި ހާދިސާތަކުގެ ތަފުސީލު މިއަދުގެ ޖަލްސާގައި ދެއްވި ނަމަވެސް، އިންޑިއާ ސިފައިންގެ އެ އަމަލުތަކަކީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަކަށް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

އޭގެ ބަދަލުގައި ނުސީދާ ގޮތެއްގައި ކަންބޮޑުވުން ފާޅުކުރެއްވީ އެފަދަ އޮޕަރޭޝަންތައް ހިންގާ އިރު ދެގައުމުގެ ސިފައިން ކޯޑިނޭޓްކުރުމަށް ޓަކައި ގާއިމްކޮށްފައި ހުރި އިންތިޒާމްތަކުގެ ބޭނުން ކޮށްފައި ނުވާތީ އެ ކަމާ އެވެ.